އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ގޭބަދިގޭގަ އުޅޭވަޤުތު ގިނަވެ އަނބިމީހާ ވަރިކޮށްލުމަށްފަހު އާދޭސްކޮށްގެން ހަމައެއަނބިމީހާގެ ރެސްޓޯރަންޓު ބަދިގޭ ނޯކަރެއްގެ ވަޒީފާ ހޯދަންޖެހުނު މީހެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ގޭބަދިގޭގަ އުޅޭވަޤުތު ގިނަވެ އަނބިމީހާ ވަރިކޮށްލުމަށްފަހު އާދޭސްކޮށްގެން ހަމައެއަނބިމީހާގެ ރެސްޓޯރަންޓު ބަދިގޭ ނޯކަރެއްގެ ވަޒީފާ ހޯދަންޖެހުނު މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 17 ސިކުންތު

އެހެން އަންހެނަކު ދެކެ ލޯބިވާތީ ގުޅެން އަނބިމީހާ ވަރިކުރާއިރު އަނބިމިހާ ދެރަކޮށްލަން ނިކަމެތި ބަސްތައް ބުނެ ވަރިކުރާ ގިނަ މީހުންނަށް ފަހުން ނިކަމެތިކަން ލިބުމުން އެނބުރި އާދޭސްކުރަން ހަމައެ އަނބިމީހާގެ ގާތަށް ދާންޖެހުމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ.  

ތިރީގައި އެވަނީވެސް އެފަދަ ނިކަމެތި ޙާލަތެއް ކުރިމަތިވި ފިރިއެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާބިލްކުރައްވާށެވެ.  

އަހަރެމެންގެ ކައިވެންޏަށް 5 އަހަރުފުރުނުއިރުވެސް ދަރިއަކު ނުލިބެއެވެ. ދެމީހުންވެސް އުޅެނީ ވަޒީފާގައެވެ. ފިރިމީހާ ގެއަށް އަންނަނީ ރޭގަނޑުއެވެ. އެހެންވެ ގޭގައި އެކަނި ހުންނަންލިބޭ ވަގުތުތަކުގައި މީރުކާއެއްޗެތި ތައްޔާރުކުރުމަކީ އަހަރެންގެ ހޮބީއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ފިރިމީހާ ރޭގަނޑު އަންނަންވާއިރަށް ތަފާތު ކާއެއްޗެތި ތައްޔާރުކޮށްފައި ބަހައްޓަމެވެ.  

އެއީ ކައިވެންޏަށް 5 އަހަރުފުރުނު ދުވަހެވެ. ފިރިމީހާ އެރޭ ގެއަށް އަންނަންވާއިރަށް ތަފާތު އެއްޗެތި ތައްޔާރުކުރީމެވެ. ކުޑަ ކޭކެއްވެސް އެޅީމެވެ. މޭޒުމަތި ފެނުމުން ފިރިމީހާ ފެށީ އެއްޗެތިގޮވާށެވެ. ލާރި އިސްރާފުކުރާތީއެވެ. ބުނީމެވެ. "ކައްކަން ގަންނަ އެއްޗެތި ގަންނަނީ އަހަރެންގެ ފައިސާގައެވެ. އިސްރާފްވާވަރަކަށް އެއްވެސް އެއްޗެއް ނުހަދަމެވެ. ކަލޭ ގެއަށް އައުމަށްފަހު ހުރިހާ ވަގުތެއް މިދެނީ ކަލެއަށެވެ. ތިއަގޮތަށް ރުޅި އަންނަންވީ ކީއްވެގެންހެއްޔެވެ؟ އަދި މިރެއަކީ ރުޅިއަންނަންވީ ރެއެއްވެސް ނޫނެއް ނޫންހެއްޔެވެ؟"  

ޖަވާބުގައި ބުނީ އަހަރެންގެ ސިފަހުތުރުވެފައި ދަރިއަކު ނުލިބޭތީއާއި އަދި އަބަދު ބަދިގޭގައި އުޅޭތީ ވަރިކޮށްފައި ދަނީ ކަމަށެވެ. މިދަނީ މާރީތި، މާތަނަވަސް އަންހެނަކާއި އެކުގައި ދިރިއުޅެން ކަމަށެވެ.  

އަނެއްދުވަހު ކަންކަން ބަލައިލިއިރު އަހަރެންގެ އެކައުންޓުގައި ހުރި ފައިސާކޮޅު ވަނީ ވަގަށް އޭނާގެ އެކައުންޓަށް ޓްރާންސްފަރކޮށްފައެވެ. ނުދައްކާހުރި ބިލްތައް ބައިވަރެވެ. ހަދާނެ ގޮތް ހުސްވިއެވެ. ޖެހިގެން އައި ހަފްތާގައި ބޮސްއަށް މާރީތި، މާޒުވާން އަންހެންކުއްޖަކު ސެކެޓްރީއަކަށް ލިބުމުން ވަޒީފާ ގެއްލިއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ.  

ގޮތް ހުސްވިނަމަވެސް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ނޭދެމެވެ. ދަތިޙާލުގައި ޖެހުނު ވާހަކައެއްވެސް ނުބުނަމެވެ. އެންމެ ކުޑަމިނުން ވަރިކޮށްލާފައި ފިރިމީހާ ދިއަ ވާހަކައެއްވެސް ނުބުނަމެވެ. އެއީ އަވަށްޓެރިންގެ ތެރެއިން ނުބައި ބައެއްގެ އުނދަގޫ ފޯރައިފާނެތީއެވެ.  

އެހެން ހުއްޓައި އެހަފްތާގެ ހަފްތާ ބަންދުގައި އެންމެންވެގެން ޖާފަތެއް ބާއްވަން އަވަށްޓެރިން ނިންމައިފިއެވެ. އަހަރެންވެސް ބައިވެރިވީމެވެ. ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކުރީމެވެ. ކޭކުވެސް އެޅީމެވެ. އެންމެ ބޮޑު ތަރުޙީބެއް ލިބުނީ އަހަރެން ތައްޔާރުކުރި ތަކެއްޗަށެވެ.  

އަނެއްދުވަހު މީހުން ގުޅާފައި އެއްޗެތި ތައްޔާރުކޮށްދޭން އެދެންފަށައިފިއެވެ. ކޭކުއަޅައިދޭން ބުނަން ފަށައިފިއެވެ. ވިޔަފާރި ފެށުނީއެވެ. ފައިސާލިބެން ފަށައިފިއެވެ. މަހެއްހައި ދުވަސްފަހުން ގޭކައިރީގައި ފަޅަށްހުރި ގެއެއް ކުއްޔަށް ހިފައި ރެސްޓޯރަންޓަކާއި ޕޭސްޓްރީގެ ވިޔަފާރިފަށައިފީމެވެ. ހައަކަ މުވައްޒިފުންނާއިވެސް އެކުގައެވެ.  

އެދުވަސްވަރު ރެސްޓޯރަންޓަށް ބޭނުންވާ ބައެއް ތަކެތި ގަންނަން ސްޕަމާކެޓަކަށް ގޮސް އުޅެނިކޮށް ކުރީގެ ފިރިމީހާ އާއި ބައްދަލުވިއެވެ. ލޯބިވެރިޔާ ގޮވައިގެން ބާޒާރުކުރަން އުޅެނިކޮށެވެ. އަހަރެންގެ ގާޑިޔަލުގައި ފުރެންދެން ކާބޯތަކެތި ހުއްޓާ ފެނުމުން ބުންޏެވެ. "އަދިވެސް ބަދިގެއަކުން ނުނުކުންނަންތާއެވެ. ތިއަ ހުރިހާ އެއްޗެތިވެސް ގެންދަނީ ހަމަ ކާންހެއްޔެވެ؟ ކެއުން ނޫންކަމެއް ކަލެއަކަށް ނުކުރެވޭނެއެވެ." އެހެން ބުނުމުން ލޯބިވެރިޔާވެސް މަލާމާތުގެ ހިނގަނޑެއް ޖަހައިލިއެވެ. އެއަޑުތައް އިވުނުކަމަކަށް، މަންޒަރު ފެނުނު ކަމަކަށްވެސް ނުހަދަމެވެ.  

އެއިގެ ކުޑަދުވަސްކޮޅެއްފަހުން ދެވަނަ ކައިވެނިކޮށްފީމެވެ. ކައިވެނިކުރެވުމާއިއެކު ވަޒީފާ ދޫކޮށްލާފައި އޭނާވެސް އަހަރެންގެ މަސައްކަތުގައި ބައިވެރިވެ ކަންކަން ބަލަހައްޓަން ފަށައިފިއެވެ. އެހީތެރިވެދޭން ފަށައިފިއެވެ. ތަންތަނަށް ގޮސް ހޯދަންޖެހޭ ތަކެތި ހޯދައިދޭން ފަށައިފިއެވެ. އެކަމުގެ ސަބަބުންވެސް ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބުނެވެ.  

3 އަހަރު ފަހެވެ. އެއްރޭ ރެސްޓޯރަންޓުގައި އުޅެނިކޮށް އަހަރެން ހޯދަން މީހަކު އައިސްހުރި ވާހަކަ ބުނުމުން ނުކުތްއިރު ކުރީގެ ފިރިމީހާއެވެ. ބުނީ ލޯބިވެރިޔާ އޭނާ ދޫކޮށްލައިފި ކަމަށާއި އުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ ކަމަށެވެ. އޭނާއަށް ޚަރަދުކުރަމުންގޮސް އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ކުރެވުނު ކުށަށް މާފަށް އެދޭކަމަށާއި އަލުން ގުޅެން ބޭނުންވާ ކަމަށެވެ.  

ޖަވާބުގައި ބުނީމެވެ. "ޙާލުގައި ޖެހުނީތީ ވަރަށް ހިތާމަކުރަމެވެ. ނަމަވެސް އަހަރެންގެ ފިރިއަކު އެބަހުއްޓެވެ. އެހެން ނޫނަސް މިހާރު އަދި މާގިނަ ވަގުތު ބަދިގޭގައި ހޭދަކުރަމެވެ. އާދެވުނު ފަހަރު ބޭނުންއެއްޗެއް ކާލައިގެން އަވަހަށް ދާށެވެ."  

އެހެންބުނުމުން އޭނާ އެދުނީ ވަޒީފާއަކަށެވެ. ބުނީ ކޮންމެ މަސައްކަތެއްކުރަންވެސް ތައްޔާރަށް ހުރި ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ކަލެއަށް ވަޒީފާއެއް ދިނުމާއިމެދު ގޮތެއް ނިންމާނީ ފިރިމީހާއެވެ. މާދަން މެންދުރު އަންނާށެވެ. ފިރިމީހާ އާއި ބައްދަލުކޮށްދޭނަމެވެ." އެހެންބުނީ އެވާހަކަ ފިރިމީހާ އާއި ދައްކައި މަޝްވަރާކުރަން ވަޤުތުހޯދަންވެގެންނެވެ. 

އަނެއްދުވަހު އޭނާ އައުމުން ފިރިމީހާ އާއި ބައްދަލުކުރުވީމެވެ. ފިރިމީހާ ބުނީ މިވަގުތު ވަޒީފާއެއް ހުސްކޮށް އޮތީ ބަދިގޭގައި ކަމަށެވެ. ބޭނުންނަމަ ބަދިގޭ މަސައްކަތު މީހެއްގެ ވަޒީފާ ލިބިދާނެ ކަމަށެވެ. އޭނާ އެކަން ޤަބޫލުކޮށް މަސައްކަތްކުރަން ފެށިއެވެ.  

ފިރިމީހާ އެހެންބުނީ އެއްވެސް ޙާލެއްގައި ބަދަލުހިފާކަށް ނޫނެވެ. އެވަގުތު މީހުން ބޭނުންވަނީ ހަމައެކަނި ބަދިގެއަށް ކަމަށްވާތީއެވެ. ދުވަސްކޮޅެއް ފަހުން އެހެން މަސައްކަތަކަށް ބަދަލުކުރަން އުޅުމުން ބަދުލުވާންވެސް އޭނާ ބޭނުމެއް ނުވިއެވެ. ބޭނުންވީ ބަދިގޭގައި ހުންނާށެވެ. އެހެންވެ އެހެން ވަޒީފާއަކަށް ބަދަލުނުވީމާ އެއީ ކީއްވެގެންތޯ އެއްދުވަހަކު އަހައިލުމުން ބުންޏެވެ. "އެއީ އަހަރެންނަށް މަގުއޮޅިފައި ހުރެގެން ނަމަވެސް ބަދިގެއާއި އަޅުވައި ބުނެވުނު ނުބައި ބަސްތަކުގެ ކައްފާރާއަކަށެވެ. އަހަރެންގެ ދިރިއުޅުން ހަލާކުވި ސަބަބަކީ އެނުބައިބަސްތައް ކަމުގައިވާތީއެވެ."  

މިއީ އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. މިވާހަކަ ކިޔާފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތް މިހިރަ ފެންނަނީއެވެ. ދެމަފިރިން އެކުގައި މަސައްކަތްކުރިނަމަ އިންތިހާއަށް ތަނަވަސްކަން ހޯދައިގެން ކިހާ އުފަލެއްގައި އެދެމީހުންނަށް އުޅެވުނީސްހެއްޔެވެ؟ އަނބިމީހާގެ ހުނަރުހުރިވަރު އޭނާއަށް ރަނގަޅަށް އެނގިހުރެވެސް އެފަދަ ވިސްނުމެއް ނައީއެވެ. އަދި އޭނާ ނިކަމެތިކޮށްލައި ވަރިކޮށްލާފައި ދިއުން އެވީ އަންހެން މީހާއަށް އޭނާގެ ހުނަރު ދައްކާލައި، ހުނަރުގެ ބޭނުންހިފައި ތަނަވަސްކަން ހޯދަން ދެއްވެވި ފުރުޞަތަކަށް ނޫންހެއްޔެވެ؟  

ދެން ބުނެލަން އޮތީ އަނބިމީހާ ނިކަމެތިކޮށްލަން ބޭނުންވީމާ ހިތަށް އައިހާ ބަސްތަކެއް ބުނެ ހިތުގައި ޖައްސާފައި ނުކުމެގެންދާ، ނުވަތަ ވަރިކޮށްލާފައި ގެއިން ފޮނުވައިލާ ފިރިންނަށް މިވާހައިގައި ޢިބްރަތެއްވޭނޫންތޯއެވެ؟  

ހަމައެއާއިއެކު އެފިރިމީހާއަށް ތަޢްރީފްގެ ބަހެއް ބުނަންވެސް އެބަޖެހެއެވެ. އެއީ ނިކަމެތިވެ ޙާލުގައި ޖެހުމުންނަމަވެސް ކުރެވުނުކުށުގެ ބޮޑުކަން ހިތުގެ އަޑިން ޤަބޫލުކުރީތީއެވެ. ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް ހިތުގެ އަޑިން އެކަން ޤަބޫލުކުރަނީ ހާދަމަދު މީހެކެވެ.  

ވީމާ މިވާހަކައާއި އަޅުގަނޑު މިބުނި ބަސްކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް ހީކުރަމެވެ.  

- ނަދޫ / މިއަދުނޫހުގެ ކިޔުންތެރިއެއް  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް