އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ދަސްކުރަން އެކުގަ އުޅުމަކީ ބޭކާރުކަމެއް! ކިތަންމެ ގިނަ ދުވަހަކު އެކުގަ އުޅުނަސް މަކަރުވެރިން ދަހެއް ނުކުރެވޭނެ!

ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ދަސްކުރަން އެކުގަ އުޅުމަކީ ބޭކާރުކަމެއް! ކިތަންމެ ގިނަ ދުވަހަކު އެކުގަ އުޅުނަސް މަކަރުވެރިން ދަހެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 25 ސިކުންތު

އަޅުގަނޑު މަސައްކަތްކުރަމުން އައީ މާލޭގެ ކޮލެޖެއްގައެވެ. އެކޮލެޖުން ރާއްޖެތެރޭގައި ހިންގާ ކޯސްތަކާއި ގުޅިގެން ވަރަށް ގިނައިން ދަތުރުތައް ކުރަން ޖެހެއެވެ. އެގޮތުން ކުޅުދުއްފުށްޓަށް ދަތުރަކުދާން ފުރަން އޮތް ދުވަހެކެވެ. ހަނިމާދޫއަށް ދާން އޮތް ފްލައިޓް ޑިލޭވަމުންގޮސް އެންމެފަހުން ކެންސަލްވީއެވެ. ޖެހުނީ އެނބުރި މާލެދާށެވެ. 

ދަތުރުކުރުމަކީ ޢާންމުކަމަކަށްވާތީ ފިރިމީހާވެސް ހެނދުނު އޮފީހަށް ދިއައީއެވެ. ފްލައިޓްލަސްވަމުންދިއައިރު އަޅުގަނޑެއްވެސް ނުގުޅަމެވެ. ފިރިމީހާއެއްވެސް ނުގުޅައެވެ. އެހެންކަމުން ދަތުރުގެ އެއްވެސް ވާހަކައެއް އޮތީ ނުދެކެވިއެވެ. 

ފްލައިޓް ކެންސަލްވުމުން ފެރީގައި މާލެއައިސް ގެއަށްދާން ޓެކްސީއަށް އެރިތަނާ ނުބައި ޒާތެއްގެ އިޙްޞާޞްތަކެއް ކުރެވެން ފެށިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އަޅުގަނޑަކީ ދުވަހަކުވެސް ފިރިމީހާއަށް އެއްވެސް ބާވަތެއްގެ ޝައްކެއްކުރި މީހެއް ނޫނެވެ. ނަމަވެސް ވިސްނުން ބުނަނީ ގެއިން ހިތް ނުއެދޭ ކަންތައްތަކެއް ފެންނާނެ ކަމަށެވެ. ކޮންމެއަކަސް ފިކުރު ބޮޑުވުމުން ދެތިން ފަހަރު ފެންފޮދެއްވެސް ބުއީމެވެ. 

ޓެކްސީ މަޑުކުރީ ގެއާއި ތަންކޮޅެއް ދުރަށެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ގޮސް ވަރަށް ސިއްރުން ގެއަށްވަނީމެވެ. ދަބަސް ސިޓިންގރޫމްގައި ބަހައްޓާފައި މަޑުމަޑުންގޮސް ނިދާކޮޓަރީގެ ދޮރުގައި ކަންފަތްޖެހީމެވެ.

ދެމީހަކު ވާހަކަދައްކާ އަޑުއިވޭހެން ހީވިއެވެ. ނަމަވެސް އަޑުމަޑުކަމުން ކިޔާއެއްޗެއް ސާފެއް ނުވިއެވެ. އިރުކޮޅަކު ހުރެފައި ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް ވަރަށް މަޑުމަޑުން ދޮރުހުޅުވާފައިވަދެ ދިރުފޮތިގަނޑުގެ ބިއްދޮށުގައި ފިލީމެވެ. އެއިރު ކޮޓރިތެރޭގައި މީހަކު ނެތެވެ. ދެމީހުން ތިބީ ބެލްކަނީގައެވެ. 

ކޮޓަރިއަށް ވަދެވުމުން ދެމީހުން ދައްކާވާހަކަ ސާފުކޮށް އަޑުއިވެން ފަށައިފިއެވެ. ފިރިމީހާ ބުނަމުން ގެންދިއައީ އަލުގަނޑުގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތް ކަމަށެވެ. އޭނާއަށް އަޅައިނުލާ ކަމަށެވެ. ދިރިއުޅެނީ ހުރިހާ ކަމެއް އަމިއްލައަށް ކޮށްގެން ކަމަށެވެ. އަޅުގަނޑު ވަރިކޮށް އެހެން އަންހެނަކާއި ކައިވެނިކުރަން ނިންމަން ޖެހުނީ އެފަދަ ސަބަބުތަކެއް ހުރުމުން ކަމަށެވެ. 

މިބާށވަތުގެ ވާހަކަތަކަކީ މަޅީގައި އެހެން އަންހެނަކު ޖައްސުވަން ބޭނުންވުމުން ހުރިހާ ފިރިހެނުންވެސް ދައްކައިއުޅޭ ޒާތުގެ ވާހަކަތަކަކަށްވާތީ އެހައި ދެރައެއް ނުވަމެވެ. ނަމަވެސް ވަރަށް ހިތުގައި ޖެހުނު ވާހަކައެއް ބުންޏެވެ. އެއީ އޭނާއަށް ލިބޭ މުސާރަ އަޅުގަނޑު ހުސްކުރާ ވާހަކައެވެ. 

އަޅުގަނޑަކީ ފިރިމީހާއަށް ލިބޭ މުސާރައިން އެއްވެސް ވަރަކަށް ބޭނުންކުރާ މީހެއް ނޫނެވެ. އަޅުގަނޑު ގެއަށް ގަންނަ އެއްޗެތި ގަންނަނީ އަމިއްލައަށެވެ. އަންނައުނާއި ދެންވެސް އަޅުގަނޑު ބޭނުންކުރާ އެއްޗެތި ހޯދަނީވެސް އަމިއްލައަށެވެ. ފިރިމީހާ އަޅުގަނޑަށްކުރާ ޚަރަދުތަކަށްވުރެ ގިނައިން ފިރިމީހާއަށް އަޅުގަނޑު ޚަރަދުވެސް ކުރަމެވެ. 

ކޮންމެއަކަސް ބެލްކަނީގައި ތިބެފައި ދެމީހުން ކޮޓރިއަށް ވަންއިރު ތިބީ ތިބޭނެ ގޮތަކަށެވެ. ގައިގައި ނިވާކަމެއް ނެތެވެ. އައިސް އެނދުގައި އޮށޯވެ އޮޅުލަން ފެށީމާ ބޭރަށް ނުކުމެގެން ގޮސް އަލަމާރީގައި ހުރި ފިރިމީހާގެ ހެދުންތައް ނަގައި ބިންމައްޗަށް އަޅަންފެށީމެވެ. ދެމީހުންނަށް ހޭވެރިކަންވީ އެހިސާބުންނެވެ. 

ދެމީހުން އެކުގައި ފުންމައިގެން ތެދުވެ ހެދުންލިއެވެ. ފިރިމީހާ ބުނީ މާފުކުރުމަށާއި އެއީ އަޅުގަނޑުދެކެ ލޯބިނުވާތީ ކުރިކަމެއް ނޫންކަމަށެވެ. އަޅުގަނޑު ބުނީ ލޯބިވާތީ ލޯބިން ކޮށްދިންކަންތައް ވަރަށް ރަނގަޅުކަމަށެވެ. އެހައި ލޯބިން އެހައި ރަނގަޅަށް ކަންތައްތައް ކޮށްދޭ ފިރިއަކާއިއެކު އަޅުގަނޑު ކަހަލަ ނުބައި އަންހެނުން އުޅެން ނުވާނެ ކަމަށެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކަށްވާނީ ވަރިކޮށްފައި އަވަހަށް ގެއިން ނުކުމެގެންދިއުން ކަމަށެވެ. އަޅުގަނޑު އަނހެން މީހާއަކަށް އެއްވެސް އެއްޗެއް ނުބުނަމެވެ. ފިރިމީހާ ގެއިން ނުނުކުންނަން ވަރަށް ގަދަ ދައްކަމުން ދަނިކޮށްވެސް ދެމީހުން އެކުގައި ގެއިން ނެރެލީއެވެ. 

އެތައް ދުވަހެއްވަންދެން ހިތާމަކުރީމެވެ. ދެމީހުން ކައިވެނިކުރީ 4 އަހަރުވަންދެން ވަރަށް ލޯބިން އުޅެފައެވެ. އަދި ފަޅާއަރަންދެން އުޅުނީވެސް ވަރަށް ލޯބިންނެވެ. ދަސްވި ފިލާވަޅުން ޢިބްރަތް ޙާޞިލުކޮށްގެން ހުރެފައި 2 އަހަރުފަހުން ދެވަނަ ކައިވެނިކުރީމެވެ. އެކައިވެނީގައި 2 ދަރިންވެސް ލިބުނުފަހުން ފުރަތަމަ ފިރިމީހާ އާއި ބައްދަލުވިއެވެ. ބައްދަލުވުމާއިއެކު މާފަށް އެދުމުން މާފުވެސްކުރީމެވެ. 

އޭނާ ބުނީ ދެމީހުން ވަކިވިތަނާ އޭނާގެ ވަޒީފާވެސް ގެއްލުނީކަމަށެވެ. ލޯބިވެރިޔާވެސް ގެއްލުނީ ކަމަށެވެ. މިހާރު އުޅެނީ ރައްޓެއްސެއްގެ ފިހާރައެއްގައި ކަމަށެވެ. ދެމީހުން އަލުން ގުޅެން ވަރަށް ބޭނުންވާ ކަމަށެވެ. އަޅުގަނޑު ބުނީ ދުވަހަކުވެސް އަލުން ގުޅެން ބޭނުން ނޫން ކަމަށެވެ. ނަމަވެސް ހިތްހެޔޮކަމަށާއި ދެރގޮތެއްވުމަށް ނުއެދޭކަމަށެވެ. 

ދެވަނަ ކައިވެނީގައި 9 އަހަރުވީއެވެ. ހިތްދަތިވެގެން އުޅޭކަށް ނުޖެހެއެވެ. ފިރިމީހާއަށް ފާރަލާކަށްވެސް ނުޖެހެއެވެ. ކުރިން އަޅުގަނޑަކީ ފިރިމީހާގެ ނޯކަރެވެ. މިހާރުގެ ފިރިމީހާ އުޅެނީ އަމިއްލައަށް އަޅުގަނޑުގެ ނޯކަރަކަށްވެގެންނެވެ. ރޭއަޅުކަންކުރަނީ ދެމީހުން އެކުގައެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ފުދޭތީ ވަޒީފާވެސް ދޫކޮށްލީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ލޯބިވެރިޔާ ދަސްކުރުމުގެ ބޭނުމުގައި ލޯބިވެގެން ކިތަންމެ ގިނަ ދުވަހަކު އެކުގައި އުޅުނަސް ދަހެއް ނުވާނެއެވެ. މަކަރުވެރިންގެ މަކަރުވެރިކަން މާބޮޑުވާނެއެވެ. އަޅުގަނޑަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އެއީއެވެ. ވީމާ ލޯބިވެއްޖެނަމަ ކައިވެނި އަވަސްކޮށް އެކުގައި ދިރިއުޅެން ފަށާށެވެ. އެއިރުން ހަމަޤައިމުވެސް ފާފަތަކުގެ ފަތަށް ބަރެއް ނުވާނެއެވެ! 

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
11%
ރަނގަޅު
27%
އޯކޭ
27%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް