އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވި މޫނުވަތަށް ނަރަކައަށް އެއްލައިލެވޭނެ 3 ބާވަތުގެ މީހުންގެ ވާހަކަ ޙަދީޘުން

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވި މޫނުވަތަށް ނަރަކައަށް އެއްލައިލެވޭނެ 3 ބާވަތުގެ މީހުންގެ ވާހަކަ ޙަދީޘުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 28 ސިކުންތު

"އަޅުގަނޑާއި ދިމާއަށް ބައެއް މީހުން ބުނެއެވެ. އަޅުގަނޑަކީ ދެއްކުންތެރިއެކެވެ. އެކަމަކު އަޅުގަނޑަކީ ދެއްކުންތެރިއެއް ނޫނެވެ. ދުވަހަކުވެސް އެފަދަ ނިޔަތެއް ނުވެސް ގެންގުޅެމެވެ. އެމީހުން އެހެން ބުނާތީ އަޅުގަނޑަކީ ދެއްކުންތެރިއަކަށްވާނެތޯއެވެ؟" 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ މީހާގެ ނިޔަތް އެނގޭނީ އެމީހަކަށެވެ. މީހާގެ ނިޔަތް ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. އެއްވެސް މީހެއްގެ ނިޔަތާއިމެދު އެހެން މީހުންނަކަށް ވާހަކައެއް ނުދެއްކޭނެއެވެ. ވީމާ އެފަދަ ބަސްތައް ބުނާނަމަ އެއީ ކުރެވޭ ފާފައެކެވެ.  

ނިޔަތާއިމެދު ވަރަށް މުހިންމު ފިލާވަޅެއް ތިރިގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ   

ޢަބްދުﷲ ބުން މުބާރަކް ވިދާޅުވިއެވެ.

"ނިޔަތުގެ ސަބަބުން ކުޑަ ޢަމަލެއްވެސް މަތިވެރިވެގެންދެއެވެ. އަދި ނިޔަތުގެ ސަބަބުން ބޮޑު ޢަމަލެއްވެސް ކުޑަކަމަކަށްވެގެންދެއެވެ." 

މި ބަސްފުޅަށް ދަލީލް ލިބިގެންދަނީ އަންނަނިވި ޙަދީޘްފުޅުންނެވެ.  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞައްޙަ ޙަދީޘެއްގައިވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.  

إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ.

[رواه مسلم] 

މާނައީ:

"ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެ އެވެ. އޭނަ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟  

އެނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ.  

އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ.  

ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.  

ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟

އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ.  

އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ.  

ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.  

ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟  

އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ.  

ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ.  

ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ."  

- މަސްދަރު: ދިސަލަފިއްޔާ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް