އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 32 ސިކުންތު
ދުޢާ އިޖާބަކުރައްވާ ވަގުތާއި ތަންތަން ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި:
1. ލައިލަތުލް ގަދްރި ވިލޭރޭ، ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ސުވާލު ދެންނެވިއެވެ. ލައިލަތުލް ގަދްރި ވިލޭރެ އާއި ބައްދަލު ވެއްޖެނަމަ ކިޔަންވީ ކޮން ދުޢާ އެއްތޯއެވެ؟ ޙދީޘް ކުރެއްވިއެވެ. ވިދާޅުވާށެވެ. "اللهم إنك عفو تحب العفو فاعف عني". މާނައަކީ:"ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައް މާފްކޮށްދެއްވާފާންދޭވެ".
2 ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘުން ޘާބިތުވާގޮތުގައި ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައ ދެއްވާނަމެވެ".
3. ފަރްޟުނަމާދު ތަކަށްފަހުގައި، އަބޫއުމާމާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވުނެވެ. "ﷲ ގެ ޙަޟްރަތުގައި އެނެްމެ އައްސަވާވޮޑިގަތުން ބޮޑީ ކޮންގަޑިއެއްގައި ކުރާ ދުޢާ އެއް ތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. " ރޭގަނޑުގެ ފަހުބައިގައްޔާއި، ފަރުޟު ނަމާދު ތަކަށްފަހުގައި ކުރާ ދުޢާ އެވެ".
4. ބަންގި އާއި ގަމަތާއި ދެމެދުގެ ވަގުތު، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. "ބަންގި އާއި ގަމަތާއި ދެމެދުގައި ކުރާ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ".
5. ފަރްޟު ނަމާދުތަކަށް ބަންގި ގޮވާ ގަޑީގައި، އަދި ހަނގުރާމައިގެ މައިދާނުގައި ލަޝްކަރު ބައްދަލުވާ ގަޑި، ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ނުވަތަ މަދުން ނޫނީ ރައްދު ނުކުރެވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ލަޝްކަރުބައްދަލުވާ ގަޑީގައި ކުރާ ދުޢާ އެވެ".
6. ވާރޭވެހޭ ގަޑީ ގައި ކުރާ ދުޢާ، ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ވާރޭވެހޭ ގަޑީގައި ކުރާ ދުޢާ އެވެ".
7. ރޭގަނޑުގެ ކޮންމެވެސް ވަގުތެއް، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.
8. ހުކުރު ދުވަހުގެ ވަގުތުކޮޅެއް، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުކުރު ދުވަހާއި ގުޅޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. "އެދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުގައި މުސްލިމަކު ތެދުވެހުރެ ކަމަކަށް އެދި މާތްﷲ އަށް ދުޢާކޮށްފިނަމަ އެކަމެއް ފުއްދަވައިދެއްވާނެއެވެ". ދެންެއެކަލޭގެފާނުގެ އިގިލިކޮޅުން އެވަގުތުކޮޅުގެ ކުރުކަމަށް އިޝާރާތް ކުރެއްވިއެވެ.
9. ޒަމްޒަމް ފެންބޯގަޑީގައި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ޒަމްޒަމް ފެންވަނީ އެބުއި ކަމަކަށެވެ". މާނައަކީ ޒަމްޒަަމް ފެންބޮމުން އެދުނު ކަމެއް ފުއްދަވައި ދެއްވާނެއެވެ.
10. ސަޖިދާގައި އޮންނަ ވަގުތު، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އަޅާ އާއި ﷲ އެންމެ ކުއްތަންވާނީ ސަޖިދާގައި އޮންނަ ވަގުތުގައެވެ. އެވަގުތުގައި ދުޢާ ކުރުން ގިނަކުރާށެވެ".
11. ހެނދުނު ހާ ގޮވާގަޑި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ހާ ގޮވާއަޑު އިވިއްޖެނަމަ އޭގެ މާތްކަން ލިބިގަތުމަށް ދުޢާކުރާށެވެ. ހަމަކަށަވަރުން އެތަކެތި އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ".
12. މައްޔިތާގެ ފުރާނަ ދާ ހިނދުގައި މީސްތަކުން ކުރާ ދުޢާ، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު އަބޫސަލަމާ އަވަހާރަވެފައިވަނިކޮށް ވަޑައިގެންނެވި އިރުގައި އެކަލޭގެފާނުގެ ލޯފުޅުވަނީ ހަރުވެފައެވެ. އެހިނދު ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ލޯފުޅު މަރުއްވާލެއްވިއެވެ، އަދި ޙަދީޘް ކުރެއްވިއެވެ. ފުރާނަގޮސްފިނަމަ ލޮލުގެ ފެނުންވެސް އެޔާ ތަބާވެއެވެ. އެހިނދު އަބޫސަލަމާ-ރަޟިޔަﷲ ޢަންހު- ގެ އަހްލުވެރިނގެ ތެރެއިންބަޔަކު ހަޅޭއްލަވައިގަތުމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ހެޔޮކަމަކަށް މެނުވީ ދުޢާ ނުކުރާހުށިކަމެވެ. ތިޔަބައިމީހުންގެ ދުޢާ އަށް މަލާއިކަތް ބޭކަލުން އާމީން ކިޔުއްވައެވެ".
13. ބަލިމީހުންގެ ކައިރި އަށް ޒިޔާރަތް ކުރާ ހިނދުގައި ކުރާ ދުޢާ، އުންމު ސަލަމާ-ރަޟިޔަ ﷲ ޢަންހާ- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ބަލިމީހެއްގެ ކައިރި އަށް ޒިޔާރަތްކޮށްފިނަމަ ހެޔޮބަހެއް ނޫނީ ނުބުނާ ހުށިކަމެވެ. ހަމަކަށަވަރުން މަލާއިކަތްބޭކަލުން ތިޔަބައިމީހުން ދައްކާ ވާހަކައަށް އާމީން ވިދާޅުވެއެވެ".
14. އަނިޔާ ލިބުނު މީހާގެ ދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން އަނިޔާލިބުނުމީހާގެ ދުޢާ އިން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަނިޔާލިބުނުމީހާގެ ދުޢާ އާއި ﷲ އާއި ދެމެދު ޙިޖާބެއް (ފަރުދާ) އެއް ނުވެއެވެ.
އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. "އަނިޔާލިބުނު މީހަކީ ފާޖިރެއް ކަމުގައިވީނަމަވެސް އޭނަގެ ދުޢާ އަކީ މުސްތަޖާބު (އިޖާބަކުރައްވަނި) ދުޢާ އެކެވެ. އޭނާގެ ފާޖިރުކަން އޮތީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ".
15. ބައްޕަ އަކު ދަރިފުޅަށްޓަކައި ހެވެއް އެދިގެން ކޮށްދޭ ދުޢާ، ރޯދަވެރިޔާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. ބައްޕަ އަކު ދަރިފުޅަށް ޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ".
16. ބައްޕަޔަކު ދަރިފުޅުގެ މައްޗަށް ކުރާ ދުޢާ، (ދަރިފުޅަށް ގެއްލުމެއް ދެއްވުން އެދި ކުރާ ބަދު ދުޢާ)، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިންމީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ، ބައްޕަ އަކު ދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާ".
17. ޞާލިޙް ދަރިޔަކު ބައްޕަ އަށް ޓަކައި ކުރ ހެޔޮދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އާދަމުގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ދުޢާކޮށްދޭނެ ޞާލިހް ދަރިއެއް، ފައިދާކުރަނިވި ޢިލްމެއް".
18. މެންދުރުނަމާދު ވަގުތުވަދެ ނަމާދު ކުރުމާއި ދެމެދުގައިވާ ވަގުތު،
19. ރޭގަނޑުގެ ނިދިން ހޭލާގަޑިގައި ދުޢާ ކުރުން.
والله أعلم.
2 ސުވާލާއި އެއިގެ ޖަވާބު:
މީހެއްގެއެއްޗެއް ވަގަށް ބޭނުން ކުރަނިކޮއް އެހަލާކުވީ އަދި އޭގެވެރިމީހާއެއްވެސްނޭންގޭ ދެން މިކަމުން އަޒާބެއް ނުލިބޭނީ ކޮން ގޮތަކަށް އަމަލުކުރިއްޔާ؟
މީހެއްގެ އެއްޗެއް ވަގަށް ބޭނުން ކުރުމަކީ ކުށެކެވެ. އެހެންކަމުން އެކަމަށް ތައުބާވާން ޖެހޭނެއެވެ.
މީހެއްގެ އެއްޗެއް ވަގަށް ބޭނުންކުރަނިކޮށް ހަލާކުވެއްޖެނަމަ އޭގެ ބަދަލު ދޭން ޖެހޭނެއެވެ. ބަދަލު ދެވޭނެ ފެންވަރު ތިމާގެ ކިބާގައި ނެތްނަމަ އެތީގެ ވެރިފަރާތާއި ވާހަކަ ދައްކައިގެން ޙައްލަކަށް އަންނަންވާނެއެވެ.
واللهتعالىأعلم.
މާތް ﷲ ކީރިތި ގުރްއާނުގެ އަންބިޔާ ސޫރަތުގެ 7 ވަނަ އާޔަތުގައްޔާއި، ނަޙްލު ސޫރަތުގެ 43 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فاسألوا أهل الذكر إن كنتم لا تعلمون)މާނައަކީ: "ތިޔަބައިމީހުންނަށް ނޭނގެނީ ނަމަ ދަންނަމީހުން ކުރެ ސުވާލު ކުރާށެވެ". އެހެންކަމުން، ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ވެސް ޙައްލު ހޯދުމުގައި ދަންނަމީހުން ކުރެ އަހާ ސާފުކުރަންވާނެއެވެ.واللهتعالىأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
25 މާޗް 2023