އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު
މިއީ ވަކިމީހަކަށް ބުނާ ބަހެއް ނޫނެވެ. ހުރިހާ މުސްލިމުންނަށް ބުނާ ބަހެކެވެ. އަހަރެމެން ކޮންމެ މުސްލިމަކަށްވެސް އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރޯދަހިފުން ނަމަވެސް އަދި ކުރާ އެހެން އަޅުކަމެއް ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ކުރެވޭކަމާއިމެދު އޮންނަ ކަންބޮޑުވުމެވެ. މިއީ ނައްތައިލެވޭނެ ކަންބޮޑުވުމެއްވެސް ނޫނެވެ. ދެމިއޮންނާނެ ކަންބޮޑުވުމެކެވެ.
އެހެންވީމާ އަހުރެމެންނަށް އޮތީ އެކަންބޮޑުވުން ކުޑަކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. އެގޮތުން ފާހަގަކޮށްމިލަނީ އަހުރެންގެ ވިސްނުމުން ކުރެވިދާނެ އެންމެ މުހިންމު އެއްކަންތަކެވެ. އެއީ ﷲ ތަޢާލާ ރަނގަޅަށް ދެނެގަތުމާއި ތިމާއަށް ﷲ ތަޢަލާގެ ޙަޟްރަތަށް ދާންޖެހޭނީ އެންމެ ނިކަމެތި ފަނިފަކުސައަކަށްވުރެވެސް ނިކަމެތި ޙާލަތުގައިކަން ޤަބޫލުކުރުމެވެ.
ފުރަތަމަކަމަކީ ތިބާގެ ފުރާނަ ހިއްޕަވަން ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވެވުމުން ކިތަންމެކުޑަހިނދުކޮޅަކަށް ނަމަވެސް އެކަން ލސްކޮށްލައިދެވޭނެ އެއްވެސް މީހަކު ނުވާކަމެވެ. ތިމާ ގުޅިގެން އުޅެނީ ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރުންތަކާއި ނަމަވެސް އެންމެ ތަނަވަސް ބިލިއަނަރުންތަކާއި ނަމަވެސް އެއިން އެއްވެސް މީހަކަށް އެކަމެއް ނުކުރެވޭނެއެވެ. އަދި އެއެންމެން ގުޅިގެން ކުރަން އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ.
ދާދިފަހުން ދުނިޔޭގެ އެންމެ ޤަދަރުވެރި އެއް އަންހެނަކު މަރުވެގެން ދުނިޔޭގެ ހުރިހާ ލީޑަރުން ގޮސް އެއްދުވަސްވަންދެން ދެރަވެފައި ކޮޅަށް ތިބި ނޫންހެއްޔެވެ؟ އެއިން އެއްވެސް މީހަކީ ނުވަތަ އެއެންމެންނަކީ އެއްވެސް ބާރެއް ލިބިގެންވާ ބައަކު ނަމަ އޭނާ މަރުވިއަނުދީ ލަސްކޮށްނުލެވުނީ ކީއްވެގެން ހެއްޔެވެ؟
ވީމާ އަބަދުވެސް ހުންނަން ޖެހޭނީ 3 ކަމެއް ހަނދާންކޮށްގެންނެވެ. އެއީ އަހަރެން ދުނިޔެއަށް އައީ ކޮންމެވެސް ތަނަކުން ކަމާއި މިއުޅެނީ ކޮންމެވެސް ތަނެއްގައި ކަމާއި މިތަނުން އެނބުރި ކޮނމެވެސް ތަނަކަށް ދާންޖެހޭނެ ކަމެވެ. އަދި މި 3 ތަނުގެ ވެސް މިލްކުވެރިފަރާތަކީ އަދި އެ 3 ތަނުގެ މައްޗަށްވެސް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ.
މިކަންކަން ހަނދާނުގައި ބަގައްޓައިގެން ހުރުމަކީ އެމީހާގެ ޢަމަލުތައް އިޞްލާޙްކުރުމުގެ ތަޅުދަނޑިއެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރަން އޮތް މަގެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
28 މާޗް 2023