އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޠުބާ: މާތް ﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު ޤާއިމްކުރުން-

ޚުޠުބާ: މާތް ﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު ޤާއިމްކުރުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 15 މިނެޓް, 6 ސިކުންތު

މާތް الله ގެ ޙަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫޢަކުރެއްވޭނޭ ދުވަހަށް، ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތް اللهއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެ ހަނދުމަކޮށްގެންނެވެ. ސުވަރުގޭގެ މަތިވެރި ޘަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި ޢަޛާބުގެ މަތީން ހަނދާންކޮށްގެންނެވެ. މި ކަންކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ، ވަޢުޡާއި ނަސޭހަތް ލިބިގަނެގެންނެވެ. މާތް الله ހަނދުކުރުމަށް އަމުރުކުރައްވައި، އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަން الله ހަނދުމަކުރާށެވެ! އޭރުން ތިމަން الله، ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ! އަދި ތިޔަބައިމީހުން ތިމަން اللهއަށް ޝުކުރުވެރިވާށެވެ! އަދި ތިމަން اللهއަށް ތިޔަބައި މީހުން ކާފިރު ނުވާށެވެ!" 

މާތް الله ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު قائمކުރުމެވެ. مُوسَى عَلَيْهِ السَّلَام، طُوَىއޭ ކިޔުނު مُقَدَّس ވާދީގައި ހުންނަވަނިކޮށް، މާތް الله އެ ކަލޭގެފާނަށް ބަސް ވަޙީކުރައްވައި، الله ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމުކުރެއްވުމަށް އެންގެވިއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ الله އެވެ. ތިމަންރަސްކަލާނގެ މެނުވީ، ޙައްޤުވެގެން އަޅުކަންވެވޭ إلَـٰهއަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި ތިމަން ރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމުކުރައްވާށެވެ!"

މާތް اللهއަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދެވެ. މި އުންމަތަށް ނަމާދު ފަރުޟުކުރެއްވުނީ، ކީރިތި ނަބިއްޔާ محمد ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިގެން مِعْرَاجُ ކުރެއްވުނު ރޭ، މެދުވެރިޔަކު ނެތި، ސީދާ އެ ކަލޭގެފާނަށް މާތް الله ބަސް ވަޙީކުރައްވައިގެންނެވެ. އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. ނަމާދު ޤާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި، ޢަޛާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޤިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މުސްލިމް އަޚުންނޭވެ! الله ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ޤުރްއާނަށާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެކެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ. އެ މީހާ ދަންނަވާނެތެވެ. އަޅުގެ ވެރި ރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މި އަޅާ މަޙްޝަރަށް ފޮނުއްވެވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މި އަޅާ ވީމެވެ. އެ ކަލާނގެ ވަޙީކުރައްވާނެތެވެ. ހަމަ އެ ފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށް އައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމަ އެ ފަދައިން، މި އަދު ކަލޭގެ މަތީން ހަނދާން ނައްތައިލެވޭނެތެވެ."[1] 

މާތް اﷲ ހަނދުމަކުރުމާއި، ނަމާދު ޤާއިމުކުރުމާއި، ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާޙިޝު ޢަމަލުތަކެވެ. ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާޙިޝު ޢަމަލުތަކެވެ. މި ޢަމަލުތަކަކީ ޝައިޠާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތަކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ޝައިޠާނާ އެދޭކަން ކަށަވަރީ ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓައިލާންހެއްޔެވެ؟ (އެބަހީ: ތިޔަބައިމީހުން އެކަންތައްތައް ހުއްޓައިލާށެވެ!)"  

ބިރުވެރިކަންބޮޑުވެގެންވާ ޤިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައެވެ. އެއީ اﷲގެ ޙަޟުރަތަށް މީސްތަކުން ޙާޒިރުކުރެއްވޭނޭ ދުވަހެވެ. ހިސާބު ބައްލަވާ ދުވަހެވެ. ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަހެވެ. ބުއްދީގެ އަހުލުވެރީންނޭވެ! ދުންޔަވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި، ކުރެވޭން އޮތް ކޮންމެ ކަމެއް ތިޔަބައިމީހުން ކުރަމުއެވެ. ބައެއް އިންސާނުން، ޢަދާވާތްތެރީންގެ ޙަމަލާތަކާއި، މަރު އެތިފަހަރުތަކުން ސަލާމަތްވާން ގަދަފަދަ، ބިޔަ ކިއްލާތައް ހަދައިގެން ދިރިއުޅެއެވެ. އަދި އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި މި ފަދަ ކިއްލާތަކުގައި ބިންގަރާސް ހަދައިގެން ވެސް ދިރިއުޅެއެވެ. ރައްކާތެރިކަން ލިބޭނޭކަމަށް އުންމީދުކޮށްގެންނެވެ. މި ވަރަށް ގާޑުކޮށް ރައްކާތެރިކޮށްފައިވާ ތަންތާނގައި ދިރިއުޅޭ މީހުންކަމަށް ވިޔަސް، ޖިފުޓިތަކުގައި ދިރިއުޅޭ މީހުންކަމަށް ވިޔަސް، މަރު އައިސް އެބައިމީހުންނާ ބައްދަލުކުރާ ހިނދު، ހެދޭނެ ހަމަ އެއް ގޮތެއް ވެސް ނޯވެއެވެ. ޖެހޭނީ ދުނިޔެ ދޫކޮށް، އާޚިރަތަށް ދަތުރުކުރާށެވެ! މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- "މާނައީ: އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައި ވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ." 

ދުންޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިޔަށް ދެވިދާނެއެވެ. ނަމަވެސް އުޚްރަވީ ކަންކަން ރާވާން އެނގޭނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޞައްޙަ ޙަދީޘްތަކުގެ އަލީގައެވެ. ޤިޔާމަތްދުވަހާ މެދު ކަންކަން ރާވައި، އެ ދުވަހަށް ތައްޔާރުވާން ޖެހޭނީ، މި ދެ އަޞްލުގެ އަލީގައެވެ. މާތް اﷲ ހަނދުމަކޮށްގެންނެވެ. މާތް اﷲ ހަނދުމަކުރުމުގެ މާނައަކީ، ތިބާ އާޚިރަތްދުވަހުގެ ޙަޔާތާ މެދު ފަރުވާތެރިވެ، ހެޔޮ ޢަމަލުކުރުންމަތީ ޢުމުރު ހޭދަކުރުމެވެ. މަރު ހަނދާންކުރުމެވެ. ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ، ނުވަތަ ފުރާޅުތައް އުކައިލައި، ގަސްތައް މުލުން ލުހެލައި، ގެދޮރު ސުންނާފަތިކޮށްލައިފަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނަ އިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުވަނިވި ދުވަހާ މެދު، ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެކެވެ. އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެކެވެ.

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި ޢަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ ޢަމަލުތައްކުރުން މަތީ ތިޔަބައިމީހުން ޤާއިމުވެތިބުމަށް ގޮވައިލަމެވެ.  މާތް اﷲއަށް تقوىވެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެކެވެ. ދިންނަވައި ނަޞީބު ލިބެނިވި މީހުންގެ ތެރޭގައި ވުމަށްޓަކައި، اﷲ ހަނދުމަކޮށް، އެ ކަލާނގެއަށް تقوىވެރިވާށެވެ! ޤިޔާމަތް ދުވަހުން تقوىވެރީންނަށް ދެއްވާނޭކަމަށް މާތް الله ވަޢުދުވެވޮޑިގެންފައިވާ ޘަވާބާއި، ނިޢުމަތުން ފުރިގެންވާ ގޮވަތި ލިބުމަށްޓަކައެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "تقوىވެރީންނަށް ވަޢުދުކުރައްވައިފައިވާ ސުވަރުގޭގެ މިސާލު (ކިޔައިދެއްވަމެވެ.) އެ ތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ. އެ ތާނގެ މޭވާތައް އަބަދަށް ދެމި ހުރެތެވެ. އަދި އެ ތާނގެ ހިޔާ ވެސް އެ ފަދައެވެ. އެއީ تقوىވެރިވީ މީހުންގެ ނިމުމެވެ. އަދި ކާފިރުވީ މީހުންގެ ނިމުމަކީ ނަރަކައެވެ." ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْـمَوْتِ، وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا، وَتَـمَنَّى عَلَى اللهِ)[2] މާނައީ: "ބުއްދިވެރިއަކީ، ތިމާގެ ނަފުސު ހިސާބުކޮށް، މަރުވުމަށް ފަހު މެދުވެރިވާނޭ ކަންތަކަށްޓަކައި، ހެޔޮ ޢަމަލުކުރާ މީހާއެވެ. އަދި ނުކުޅެދުންތެރިޔަކީ،  އޭނާގެ  ހަވާނަފުސާ އެއް ގޮތަށް ޢަމަލުކޮށްފައި، اﷲގެ ޙަޟްރަތުން ހެޔޮ ގޮތްގޮތަށް އުންމީދުކުރާ މީހާއެވެ." 

تقوى ވެރީންނަށް ތައްޔާރުކުރެވިފައިވާ ނިޢުމަތްތަކުގެ ވާހަކަ ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިން ފަދަ ތަނަވަސްކަން ހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވައިފައި ވަނީ، تقوىވެރީންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރީން ދެކެ الله ލޯބިވެވޮޑިގެންވެއެވެ. އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފި ނަމަ، ނުވަތަ، އެއުރެންގެ نفسތަކަށް އަނިޔާވެރިވެއްޖެ ނަމަ، (އެބަހީ: ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކޮށްފި ނަމަ) الله ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި دعاءކޮށް އުޅޭ މީހުންނެވެ. الله ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެ ތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ."[3] މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اِتَّقِ اللهَ حَيْثُمَا كُنْتَ وَأَتْبِعِ السَّيِّئَةَ الْـحَسَنَةَ تَـمْحُهَا، وَخَالِقِ النَّاسَ بِـخُلْقٍ حَسَنٍ)[4] މާނައީ: "ތިބާ ވީ ކޮންމެ ތަނެއްގައި، މާތް ﷲއަށް تقوىވެރިވާށެވެ! ފާފައެއް ކުރެވުމުން، އެއާ ވިދިގެން ހެޔޮ ޢަމަލު ކުރާށެވެ! އޭރުން އެ ހެޔޮ ޢަމަލު އެ ފާފަ ފުހެލާނެތެވެ. އަދި މީސްތަކުންނާ ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ!" 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް