އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިއްހީ ނަޒަރަކުން ބިސް

ސިއްހީ ނަޒަރަކުން ބިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 42 ސިކުންތު

އުންމު ނަވާރު

 

ފާއިތުވި 60 ވަރަކަށް އަހަރު ތެރޭގައި ކެއުމުގައި ބިސް ބޭނުން ކުރުމާމެދު އެކި ގޮތް ގަތަށް ވާހަކަދެކެވިފައި އެބަހުއްޓެވެ. 1975 ވަނަ އަހަރުން ފެށިގެން ބިސް އިސްތިހާރުކޮށް މާރކެޓް ކުރާ ފަރާތްތަކުން ކާމިޔާބީ ކަމާއެކު ބިސް މާރކެޓް ކުރަމުން އައީ ހެނދުނުގެ ނާސްތާގައި ބިސް ބޭނުން ކުރުމުން، ހަށިގަނޑަށް ޕްރޮޓީން ލިއްބައިދޭނެ ކަމަށް ބުނަމުންނެވެ. އަދި އެމީހުން ބޭނުންކުރަމުން އައި ޝިއާރަކީ " ދުވަސް ފަށަން އެންމެ ރަނގަޅު ގޮތް " މިގޮތަށެވެ. 1960 ވަނަ އަހަރުތަކާއި ހަމައަށް އައިރު ބިސް ބޭނުންކުރާ އަދަދު އިތުރުވެގެންދިޔައެވެ. ގާންގަޑަކަށް ހަފްތާއަކު މީހަކު 5 ބިސް ބޭނުންކުރާ ކަމަށް ދައްކައެވެ.

ދެން ބިހާމެދު ދެކެވެންފެށީ އެހެން ވާހަކައެކެވެ. ބިހުގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު މާގިނަ ކަމުގެ ވާހަކައެވެ. އަދި  ދިރާސާއަކުން ދައްކާ ގޮތުގައި ކޮލެސްޓްރޯލް ގިނައިން އެކުލެވޭ ކާނާ ކެއުމުގައި ބޭނުން ކުރުމުން ލޭގެ ކޮލެސްޓްރޯލް މަތިވެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށެވެ. ނަމަވެސް ފަހުގެ ކަމާބެހޭ ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި ބިހާމެދު މި ނިއްމި ނިއްމުމަކީ އެއްވެސް އަސާސެއް ނެތް ނިއްމުމެކެވެ. އެއީ ކުރިން ހެދިފައިވާ ދިރާސާގައި އެކަށިގެންވާ މިންވަރަށް އިތުރު ކަންކަމަށް ބެލިފައި ނެތީމައެވެ. ( މިސާލަކަށް ބިސް ކެއުމުގައި ބޭނުން ކުރާ ފަރާތްތަކުން ސެޗުރޭޓެޑް ފެޓް ބޭނުން ކުރާ މިންވަރު ނުވަތަ ސިނގިރޭޓު ބުއިން ) އާންމު ސިއްހަތާއިބެހޭ ފޫޑް އެންޑް ސްޓޭންޑާރޑް އަދި މީގެ އިތުރުން ބިރިޓިޝް ހާރޓް ފައުންޑޭޝަންފަދަ ޖަމިއްޔާތަކުން ކެއުމުގައި ބިސް ވަކި އަދަދަކަށް ބޭނުންކުރުމަށް ލަފާ ނުދޭ ކަމަށް ފަހުގެ ރިވިއުއެއްގައި ވެއެވެ. އޭގެ ބަދަލުގައި ހިތުގެ ދުޅަހެޔޮކަމަށް ކެއުމުގައި ސެޗުރޭޓެޑް ފެޓް ބޭނުންކުރާ މިންވަރު ވަކި މިނެއްގައި ހިފަހައްޓައްޖެހެއެވެ.

ބިހަކި މިންހެޔޮ ކެއުމެއްގައި ހިމަނާލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން އާދައިގެ މެދު މިނުގެ ބިހަކުން 78 ކެލޮރީ ލިބެއެވެ. އަދި 6.5 ގްރާމް ޕްރޮޓީން ލިބޭއިރު ފެޓްސް ހިމެނޭ މިންވަރަކީ 5.8 ގްރާމްއެވެ. މީގެ އިތުރުންވެސް ހަށިގަނޑަށް ފައިދާ ލިއްބައިދޭ ގިނަ ވިޓަމިންތަކާއި މިނެރަލްތައް ބިހުގައި އެކުލެވިގެންވެއެވެ.

ކުޑަ ޓްރޭއެއްގައި މި އަންނަ ބިހަކީ ހަށިގަނޑަށް ފައިދާ ހުންނަ ބައިތައް ހިމެނޭ އެއްޗެކެވެ. އެގޮތުން ބިހުގެ ރީދޫބައިން ވިޓަމިން ބީ 12 އަދި ވިޓަމިން ޑީ ލިއްބައިދެއެވެ. މި މާއްދާތަކުގެ އެހީގައި ކާއެއްޗެހި ހަކަތައަށް ބަދަލުކޮށްދެއެވެ. މި ސަބަބަށްޓަކައި ހެނދުނު ނާސްތާގައި ބިހެއް ހިމަނާލުމުން އެދެވިގެންވެއެވެ.

ބިހުން ވިޓަމިން ބ2، ބ5 އަދި ބ12 ލިއްބައިދެއެވެ. މި މާއްދާތަކުގެ އެހީގައި ދުޅަހެޔޮ އިސްތަށިގަނޑަކާއި ހަންގަނޑެއް ދަމަހައްޓައިދެއެވެ. ނަމަވެސް ހަދާނުގައި ބަހައްޓަންވީ ނުކުތާއަކީ ވިޓަމިން ބީ ގެ ބާވަތްތައް ގިނައިރު ހަށިގަނޑުގައި ހިފަހައްޓައިނުދޭކަމެވެ. އެހެން މާއްދާތައް ގޮތަށް މިތަކެތި ހަށިގަނޑު ތެރޭގައި ރައްކާކޮށްވެސްނުދެއެވެ. ވީމާ ގަވައިދުން ބިސް ކެއުމަކީ ވިޓަމިން ބީގެ ބާވަތްތައް ހަށިގަނޑަށް ބޭނުންވާވަރަށް ހަށިގަނޑަށް ހޯދައި ދިނުމަށްޓަކައި ކުރެވިދާނެކަމެކެވެ.

އިންސާނާގެ ލޮލަށް ބޭނުންވާ މުހިއްމު ދެ މާއްދާއެއް ބިހުގެ ރީދޫބައިން ލިއްބައިދެއެވެ. ލޯ އުފެދުމުގައި މުހިއްމު ދައުރެއް މި މާއްދާތައް އަދާކުރެއެވެ. ދިރާސާއަކުން ދައްކާގޮތުގައި މި މާއްދާތައް އުމުރުން ދުވަސްވެ ލޮލަށް ދިމާވާ ބައްޔެއްގެ ނުރައްކާރެރިކަން ކުޑަކޮށްދެއެވެ.

ބިހުން ވިޓަމިން ޑީ ލިއްބައިދެއެވެ. ވިޓަމިން ޑީއިން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައި ދިނުމާއި ބައެއް ވައްތަރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމާއި އަދި ނަފްސާނީ ދުޅަހެޔޮކަމުގައި ހުރުމަށް އެހީތެރިވެދެއެވެ. ކަށިތައް ދުޅަހެޔޮކޮށް ހިފަހައްޓައިދެނީވެސް ވިޓަމިން ޑީގެ އެހީގައެވެ. ކެލްޝިއަމް ހަށިގަނޑަށް ނަގައިދެނީވެސް ވިޓަމިން ޑީ އެވެ. ވީމާ ދުޅަހެޔޮ ކަށީގެ އަސްލަކީ ކެލްޝިއަމްއޭ ބުނެވިދާނެއެވެ. ކެލްޝިއަމް ލިއްބައިދޭ ގިނަ އެއްޗެހި ކެއުމުގައި ބޭނުންކުރަމުންދާނަމަވެސް އެކަށީގެންވާވަރަށް ވިޓަމިން ޑީ ނުލިބޭނަމަ ހަށިގަނޑަށް ކެލްޝިއަމް ނަގައެއް ނުދޭނެއެވެ. ކެއުމުގައި ގަވައިދުން ބިސް ބޭނުންކުރުމުން ވިޓަމިން ޑީގެ ކޮންމެވެސް މިންވަރެއް ހަށިގަނޑަށް އަބަދުވެސް ލިބޭނެއެވެ.

 

ސަމާލުކަމަށް: މިލިޔުމުގައި ހިމާނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައޫލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.

ލިޔުނީ: އުންމު ނަވާރު

 

Jessica Ball, M.S. (2023) Are eggs good for you? Health Benefits & more, EatingWell. EatingWell

Ruxton, C.H.S., Derbyshire, E. and Gibson, S. (2010) The nutritional properties and health benefits of eggs, Nutrition & Food Science. Available at: https://www.emerald.com/insight/content/doi/10.1108/00346651011043961/full/html.

 

  

 

 

 

 

 

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް