އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިވޭ! ކައިވެނީގެ ކުރިން ޒިނޭ ކުރެވިފައިވާނަމަ ފުރިހަމަ އަށް ތައުބާނުވެ ކައިވެނިކޮށްފިނަމަ އެޢަގްދަކީ ބާޠިލް އެއްޗެއް!: ޑރ. އިޔާޟް

ބިރުވެތިވޭ! ކައިވެނީގެ ކުރިން ޒިނޭ ކުރެވިފައިވާނަމަ ފުރިހަމަ އަށް ތައުބާނުވެ ކައިވެނިކޮށްފިނަމަ އެޢަގްދަކީ ބާޠިލް އެއްޗެއް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 35 ސިކުންތު

ކައިވެނީގެ ކުރިން ޒިނޭ ކުރެވިފައިވާނަމަ ކައިވެނި ޢަގްދު ކުރެވޭނީ އެކަމުން ފުރިހަމަ އަށް ތައުބާވުމަށްފަހުގައެވެ. އޭގެ ކުރިން ކައިވެނިކޮށްފިނަމަ އެޢަގްދަކީ ބާޠިލް އެއްޗެކެވެ. ވީމާ، ތައުބާވުމަށްފަހު އަލުން ކައިވެނީގެ ޢަގްދު އާކުރާށެވެ.  

ތައުބާވުމުގެ ފުރުސަތު އެއްމެނަށް ހުޅުވިގެންވެއެވެ. ކޮންމެ ފަދަ ފާފައެއް، ކިތަންމެ ވަރަކަށް ކޮށްފައިވާ މީހާއަށްވެސް ތައުބާ ވެވޭނެއެވެ. އެއީ މާތް ﷲގެ އޯގާވަންތަ ކަމާއި ރަހުމަތެވެ. ޣަރްޣަރާގެ ވަގުތު (ފުރާނަ ނުކުންނަ ވަގުތު) އާއި ޤިޔާމަތް ވުމަށްޓަކައި މަޣްރިބު ފަރާތުން އިރު އަރައިފުމަށް ދާންދެން ތައުބާގެ ދޮރު ވަނީ ހުޅުވިގެންނެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން ތައުބާ ވެއްޖެ އަޅެއްގެ ފާފަ އެކަލާނގެ ފުއްސަވާނެއެވެ. މާތް ﷲ އީ އޯގާވަންތަ، ފާފަފުއްސަވާ ރަސްކަލާނގެއެވެ. 

އެކަލާނގެ ވަހީކުރައްވާފައިވެއެވެ. 

{ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ }

[الزمر 53]. 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންކުރެ (ފާފަކުރުމުން) އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކުރި މީހުންނޭވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. ހަމަކަށަވަރުން ﷲ ހުރިހާ ފާފަ ފުއްސަވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ." 

ކައިވެނި ކޮށްގެން ތިއްބާ ދެމަފިރިން ކުރެ މީހަކު ޒިނޭކޮށްފިނަމަ، އެމީހަކަށް ތައުބާ ލައިދޭން ޖެހޭނެއެވެ. ތައުބާ ނުވެއްޖެނަމަ އެމީހަކާއެކު ކައިވެނީގެ ގުޅުން ދަމަހައްޓައިގެން ނުވާނެއެވެ. ވަރިވާން ޖެހޭނެއެވެ. والله أعلم 

އިތުރު ސުވާލަކާ ޖަވާބު: 

މަނި އެއީ ނަޖިސް އެއްޗެއް ތޯއެވެ؟ނަޖިސް ތަކެތި ތަފްސީލު ކޮން ބަޔަން ކޮއްދެއްވާ؟ 

މަންޏަކީ ޠާހިރު އެއްޗެކެވެ. ދަލީލަކީ: 

عن عَائِشَةَ رضي الله عنها قالت : ( وَلَقَدْ رَأَيْتُنِي أَفْرُكُهُ مِنْ ثَوْبِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرْكًا فَيُصَلِّي فِيهِ ) 

މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ހެދުންކޮޅުގައި ހިކިފައި ހުންނަ މަނި ތިމަންކަމަނާގެ އިނގިލިން ކަހާލަމެވެ". ނަޖިހެއް ސާފުކުރުމަށް އިނގިލިން އެއެއްޗެއް ކަހާލުމެއް ނުފުދޭނެއެވެ. އެހެންކަމުން މަންޏަކީ ޠާހިރު އެއްޗެއްކަން މިކަމުން ދޭހަވެއެވެ. 

އިންސާނުންގެ ތެރޭގައިވާ ޞާލިޙުންނާއި ނަބިއްޔުންނާއި ޞިއްދީގުންނާއި ޝަހީދުންވެސް އުފައްދަވާފައިވަނީ ހަމަ މި މަނިތިކިންނެވެ. މިފަދަ މާތް ބޭކަލުންތަކެއް ނަޖިސް އެއްޗަކުން އުފެއްދެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. 

މަންޏަކީ ނަޖިހެއް ނަމަ ޙައިޟުގެ ލޭ ހެދުމުގައި ޖެހިފައި ހުރެއްޖެނަމަ ދޮންނަން އަމުރު ކުރެއްވިފަދައިން މަނި ޖެހިފައިވާ ހެދުންވެސް ދޮވުމަށް އަމުރު ކުރެއްވީހެވެ. އެހެންނަމަވެސް މިފަދަ އަމުރެއް ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައި ނެތުމުން ދޭހަވަނީ މަންޏަކީ ނަޖިހެއް ނޫން ކަމެވެ.

އިމާމް އަބޫ ޙަނީފާ އަދި އިމާމް އަޙްމަދުގެ ކިބައިން ރިވާވެގެންވާ ރިވާޔަތެއްގައިވެއެވެ. މަންޏަކީ ނަޖިހެކެވެ. އަދި މަނި ޖެހިފައިވާ ތަނަކުން މަނަ ސާފު ކުރަން ޖެހޭނެއެވެ.

އިމާމް މާލިކް ދެކިލައްވާ ގޮތުގައި މަނި ޖެހިފައި ހުރި ތަނެއް ސާފުވާނީ ދޮވެގެންނެވެ. 

މިމައްސަލާގައި އެންމެ ރަގަޅު ގޮތަކީ މަންޏަކީ ޠާހިރު އެއްޗެއް ކަމުގައި ބުނުމެވެ. އަދި މަނި ޖެހިފައިވާ ތަނެއް ނުވަތަ ހެދުމެއް އަތުން ސާފުކޮށްލުމުން ފުދޭނެ ކަމެވެ. ނަމަވެސް ހަށިގަނޑުން މަނި ބޭރުވެއްޖެނަމަ މީހާ ޖުނުބުވެރިއަކަށްވާނެއެވެ. ޖުނުބުވެރިކަން ފިލުވުމަށްޓަކައި ހިނައިގަންނަން ޖެހޭނެއެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް