އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞާލިޙް އަޅުންގެ ކިބައިގައި ހުރުން ޚާއްޞަ ބައެއްސިފަތައް-

ޞާލިޙް އަޅުންގެ ކިބައިގައި ހުރުން ޚާއްޞަ ބައެއްސިފަތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 14 މިނެޓް, 25 ސިކުންތު

- ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ޞާލިހް އަޅުންގެ ސިފަތައް ބަޔާންކޮށް ދެއްވާފައިވެއެވެ. އަދި އެންމެ މުހިއްމު ސިފަތަކެއްގެ ގޮތުގައި ފުރްގާން ސޫރަތުގެ ނިމޭކޮޅުގައި ބަޔާންކޮށް ދެއްވާފައިވަނީ ވަރަށް ރީތި އަދި ﷲ ލޯބިވޮޑިގަންނަވާ ސިފަތަކެކެވެ. އަޅުގަނޑުމެން ރަސޫލު ﷲ ޞައްލަ ﷲ އަލައިހި ވަސައްލަމްގެ ސިފަފުޅުތަކަށް ބަލާލާނަމަ އެކަމުގެ އެތައް މިސާލެއް ފެނިގެން ދާނެއެވެ. 

މިލިޔުމުގައި މި ބަޔާން ކޮށްލަނީ ޞާލިޙް އަޅުންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކަށެވެ. 

· ތަވާޟުޢުވެރިކަން:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 63 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا) މާނައީ: "رحمن ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ." 

މި އާޔަތުގައި هَوْنًا މި ބަހުގެ މާނައަކީ ކަރާމާތާއި ހަމަޖެހުމާއި ތަވާޟުޢުވެރިވުމެވެ. ﷲ ގެ އަޅުން ވާންވާނީ ﷲ ތަޢާލާ މި އާޔަތުގައި ޞިފަކުރައްވާފައިވާ ގޮތަށް، ކިބުރުވެރިކަމެއް، ބޮޑާކަމެއް ނެތި ތަވާޟުޢުވެރިވެގެންނެވެ. އަމިއްލަ ނަފްސު އެހެން މީހުންނަށް ވުރެ މަތިވެރިކޮށްގެން ނުވާނެއެވެ. އަދި އެހެން މީހުން ނިކަމެތި ކޮށްގެން ނުވާނެއެވެ. އެކަމުގެ ސަބަބުން މާތްالله އެހެން މީހުންނަށް ބަރަކާތް ނުލައްވާ އެއްޗަކުން އޭނާއަށް ބަރަކާތް ލެއްވާނެއެވެ.  

· ޖާހިލުކަމާއި ނުބައި ޢަމަލުތަކުން ދުރުވުން:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 63 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَإِذَا خَاطَبَهُمُ ٱلْجَٰهِلُونَ قَالُوا۟ سَلَٰمًا ﴿٦٣﴾‏

މާނައީ: "އަދި އެއުރެންނާ ޖާހިލުން مخاطب ކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭ ބުނެތެވެ. (63)" އެގޮތުން އެމީހުންނަށް ގެއްލުމެއް ދީފައިވާ މީހުންނަށް މާފުކޮށް، ޖާހިލުން އެމީހުންނަށް ނުބައި ބަސްތައް ބުނާނަމަ އަޅާނުލާ ދޫކޮށްލައެވެ. އަދި ރައްދުގައި އެއްޗެއް ނުބުނެއެވެ. އަދި ރަނގަޅު ހެޔޮ ބަސްތައް އަނގައިން ބުނެއެވެ. އެގޮތުން މިސާލަކަށް ބަލާނަމަ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ޤުރައިޝުންގެ ފަރާތުން ދިމާވި ގެއްލުމާއި ނުބައި ބަސްތަކަށް ތަހައްމަލް ކުރެއްވިއެވެ. 

· ރޭއަޅުކަން ކުރުމުގައި ދެމިހުރުން:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 64 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَٰمًا ﴿٦٤﴾‏ މާނައީ: "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، سجدة ކުރުމުގައްޔާއި، قيام އަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ. (64)" އެގޮތުން އެބައިމީހުން ރޭއަޅުކަން ކުރުމުގައާޢި އެހެން އަޅުކަންތައް ކުރުމުގައި ދެމިހުރެއެވެ. ރޭގަނޑުގެ ވަގުތާއި ފަތިހުގެ ކުރީގެ ވަގުތުގައި، އެމީހުންގެ ނިދި ދޫކޮށްލުމަށްފަހު، އެމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަންކޮށް، ދުޢާކޮށް، މާފު ހޯއްދަވައި، ހެޔޮޢަމަލުތައް ކުރުމަށާއި، މާތްރަސްކަލާނގެއާއި ގާތް ގުޅުމެއް ބޭއްވުމަށް އެމީހުން އިސްކަންދެއެވެ. 

· ﷲ ގެ ޢަޛާބަށް ބިރުވެތިވުން:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾‏ މާނައީ: " އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. (65)" ރަނގަޅު މުއުމިނު އަޅެއްނަމަ ނަރަކައިގެ ޢަޛާބަށް ބިރުވެތިވާނެއެވެ. އަދި ﷲ އަމުރުކުރައްވާފައިވާ ކަންތައްތައްކޮށް ﷲ ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވާނެއެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާކުރާނެއެވެ. އަދި ޞަދަޤާތް ދިނުމާއި، ނުވަތަ އެނޫންވެސް ހެޔޮ ޢަމަލުތައް ހޯދުމަށް މަސައްކަތް ކުރާނެއެވެ. 

· އިސްރާފް ކުރުމުން ދުރުވާނެ:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 67 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴿٦٧﴾‏ މާނައީ:" އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ. (67)" ރަނގަޅު ޞާލިޙް އަޅުން ފައިސާއިން އިސްރާފު ކުރުމުން ދުރުހެލިވެ، އެމީހުންގެ އާއިލާއާއި، ގެދޮރާއި، އަމިއްލަ ނަފްސަށް ޚަރަދުކުރަންޖެހޭ އެއްޗެއް ޚަރަދުކޮށް، އެއަށް މާތްالله ރުހިވޮޑިނުގަންނަވާ ވަރަށް ޚަރަދުތައް އިތުރު ނުކުރާނެއެވެ. އެމީހުންނަކީ ދަހި ބައެއް ނޫނެވެ. ޙައްދުފަހަނަޅައިދާނެ ބައެއްވެސް ނޫނެވެ.މެދުމިނުގެ ބައެކެވެ. 

· ޝިރުކު ކުރުމުން ދުރުހެލިވުން:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ68  ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.(وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ) މާނައީ: "އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ." ރަޙްމަތްތެރި ރަސްކަލާނގެ އަޅުން އެއްވެސް މީހަކު މާތްރަސްކަލާނގެއާ ޝަރީކު ނުކުރާއިރު، އެއީ އެމީހެއްގެ ހިތާއި، އެމީހުންގެ މަސައްކަތާއި، ނިޔަތުގައި ވިޔަސް، އެމީހުންގެ ހުރިހާ ޢަމަލެއް ޚާއްޞަކުރަނީ ހަމައެކަނި މާތްރަސްކަލާނގެއަށް ކަމަށާއި، އެކަލާނގެއާ އެއްފަދަ އެހެން އެއްޗެއް ނެތް ކަމަށް ޤަބޫލުކުރެއެވެ. 

· ތައުބާވުން:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 70 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.(إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا) މާނައީ:" توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ." ފާފަތަކުން ތައުބާވުމަކީ ޞަލިޙް އަޅުންގެ ކިބައިގައި ހުންނާނެ ސިފައެކެވެ. މާތްالله އެމީހުންގެ ފާފަތައް ފުއްސަވާ ދެއްވާ ތައުބާ ގަބޫލުކުރައްވާނެއެވެ. 

· މީހުން މެރުމާއި ޒިނޭ ކުރުމުން ދުރުވުން:

ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ68  ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ) މާނައީ: " އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ." ޞާލިޙް އަޅުން ގަސްތުގައި މީހުން މެރުމުން ދުރުހެލިވެ، ޒިނޭގެ ފާފައިން ދުރުހެލިވެ، މާތްރަސްކަލާނގެ އެމީހުންނަށް އަމުރުކުރެއްވި ގޮތަށް އެމީހުންގެ ޢިއްފަތްތެރިކަން ރައްކާތެރިކުރެއެވެ. 

· ބާޠިލް ހުރިހާ ކަމަކުން ދުރުވުން:

ޞާލިޙް އަޅުން ހުރިހާ ބާޠިލަކާ ދުރުވެއެވެ. އެއީ ބަހެއް ކަމުގައި ވިޔަސް، ޢަމަލެއް ކަމުގައި ވިޔަސްމެއެވެ. އަދި ދޮގު ހެކިތަކާއި ދޮގު ވާހަކަތަކާއި، އެފަދަ ޖަމާޢަތްތަކަށް ބައިވެރިއެއް ނުވާނެއެވެ. ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 72 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.(وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا ﴿٧٢﴾‏ މާނައީ: "އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ. (72)" 

· ރަނގަޅު ދަރިފަސްކޮޅެއް ދެއްވުމަށް އެދި ދުޢާ ކުރުން:

ޞާލިޙް އަޅުން ޞާލިޙު އަނބިންނާއި ޞާލިޙު ދަރިފަސްކޮޅަކާއި، އަދި އެމީހުން ރައްކާތެރިކޮށްދެއްވުމަށާއި، އެމީހުންގެ ސަބަބުން ހިތަށާއި ސިކުނޑިއަށް ހަމަޖެހުން ލިބޭނެ ބަޔަކަށް ވުމަށް އެދި ދުޢާ ކުރާނެއެވެ. ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަމުން ކީރިތި ގުރްއާނުގެ ފުރްޤާން ސޫރަތުގެ 74 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾‏

މާނައީ: " އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ! (74)"

 

Advertisement

ކޮމެންޓް ކުރެއްވުމަށް