އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ނަޞޭޙަތް ދިނުމުންވެސް ފިރިމީހާ ދީނަށް ޢަމަލުނުކުރާތީ ވަކިވި އަންހެނަކަށް މާއުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ނަޞޭޙަތް ދިނުމުންވެސް ފިރިމީހާ ދީނަށް ޢަމަލުނުކުރާތީ ވަކިވި އަންހެނަކަށް މާއުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

އަޅުގަނޑަކީ 2 ދަރިން ގޮވައިގެން އެކަނިވެރި ޙާލުގައި ދިރިއުޅެންޖެހިފައިވާ އެކަނިވެރިމައަކީމެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ސަބަބަކީ އެކަނިވެރި މައަކަށްވުން އަޅުގަނޑު އިޚްތިޔާރުކުރީ އަމިއްލައަށެވެ. ﷲ އަށް ޓަކައެވެ. ﷲ ގެ ދީނުގައި ޘާބިތުވުމަށެވެ. 

މިކިޔައިދެނީ ކަންކަން މެދުވެރިވި ގޮތެވެ. ކައިވެނިކުރީ ބަލަން ޖެހޭ ކަންކަމަށް ނުބަލައެވެ. ހަމައެކަނި ބޭރުފުށަށް ބަލައިގެންނެވެ. އޭނާއަކީ ބަލައިލަން ރީތި ޒުވާނެކެވެ. އަދި އަމިއްލަ މަސައްކަތުން ދިރިއުޅޭވެސް ޒުވާނެކެވެ. އޭނާ ބުނީ އަޅުގަނޑުދެކެ ވަރަށް ލޯބިވާކަމަށާއި ދުވަހަކުވެސް ވަކިނުވާނެ ކަމަށެވެ. 

އޭނާގެ ޙަޤީޤަތް އެނގުނީ ކައިވެނިކުރި ފަހުންނެވެ. ފުރަތަމަ ދަރިފުޅުވެސް ލިބުނު ފަހުންނެވެ. ފިރިމީހާއަކީ އެކުވެރިންނާއިއެކު ޕާޓީކުރާ މީހެއް ކަމެވެ. އަދި އިސްލާމް ދީނަސްޓަކައި އޭނާގެ ހިތުގައި އެއްވެސް ލޯތްބެއް ނެތްކަމެވެ. ނަމާދުކުރާކަމަށް ބުނެ ހަދަމުން އައީވެސް ދޮގުކަމެވެ. 

އެކަންކަން އިޞްލާޙްކުރެވޭތޯ މަސައްކަތްކުރީމެވެ. އެދުވަސްވަރު ދެވަނަ ދަރިފުޅުވެސް ލިބުމުން އަޅުގަނޑު އުންމީދުކުރީ އެހިސާބުން އޭނާ އިޞްލާޙްވާނެ ކަމަށެވެ. ނަމަވެސް އިެއްވެސް ވަރަކަށް އިޞްލާޙްނުވި ތަނުގައި ދުވަހެއް ދުވަހަކަށް ދިއައީ ކަންކަން ގޯސްވަމުންނެވެ. އެންމެފަހުން އެއްވެސް ގޮތެއް ނެތްކަން ޔަޤީންވުމުން ވަކިވީއެވެ.

އެއީ އެފަދަ ބައްޕައަކާއިއެކުގައި ދިރިއުޅެގެން އެއްވެސް ޙަޤީޤީ ކުރިއެރުމެއް ނުލިބޭނެތީއެވެ. ދަރިންވެސް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭނެތީއެވެ. ދަރިއަކު ނުލިބޭ ބޮޑުދައިތައަކު އަޅުގަނޑާއި 2 ދަރިންނަށް އަޅައިލާނެކަމަށް ބުނީމާ އެއަގުބޮޑު ދިރިއުޅުން ދޫކޮށްލާފައި ދިއައީއެވެ. ދެން އޮތް ބައި ﷲ އަށް ވަކީލްކޮށްފައެވެ. ވަރިވި ހިސާބުން ފިރިމީހާ އެއްވެސް ޚަރަދެއް ނުކުރެއެވެ. ދެދަރިންގެ ކަންކަން ބަލަހައްޓަނީ ފިހާރައެއްގައި ވަޒީފާއަދާކޮށްގެން ލިބޭ މުސާރައިންނެވެ. 

އެޙާލުގައި އުޅޭތާ 5 އަހަރުވީތަނާ ފިހާރައިން ބައްދަލުވާން ފެށި އަންހެނަކު އަޅުގަނޑާއި ގުޅުން އުފެއްދިއެވެ. އެހީތެރިވެދޭން ފެށިއެވެ. ދެމެދުގައި ރަނގަޅަށް ގުޅުން އުފެދުމުން އަޅުގަނޑު ގާތު ކަމަކު އެދުނެވެ. 

ބުނީ އޭނާއަކީ ބޭރުފުށުން ކިތަންމެ ރީތި ނަމަވެސް ވަރަށް ބަލި އަނހެނަކު ކަމަށެވެ. ނޭވާކުރުވާވަރުން ފިރިމީހާ އާއިއެކު ރޭވެސް ނުކުރެވޭ ކަމަށެވެ. އެހެންވެ ދެއަންތބަށް އޭނާގެ ފިރިމީހާ އާއި ކައިވެނިކޮސްދިނުމަށެވެ. 

ދެއަންތބަށް ކައިވެނިކުރުމަކީ އެއްވެސް ވަރަކަށް ކުރަން ވިސްނައިގެންހުރި ކަމެއް ނޫނެވެ. ނަމަވެސް ވަރަށް ދެރަވެފައި އޭނާ އެދުނު އެދުން އަޅުގަނޑު ޤަބޫލުކުރީމެވެ. ކައިވެނިކުރީމެވެ. 

ފިރިޟީހާވެސް ދޮށީ އަނބިމީހާވެސް އަޅުގަނޑަށް ވަރަށް ރަނގަޅެވެ. އެހެންވެ ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ކައިވެންޏަށްފަހުގައިވެސް އަންހެންމީހާ އަޅުގަނޑާއިމެދު ކަންކަންކުރީ އުޚުތަކާއިމެދު ކަންކަންކުރާނެ ގޮތަށެވެ. އަޅުގަނޑުވެސް އޭނާ އާއިމެދު ކަންކަން ކުރަމުން އައީ ހަމަ އެގޮތަށެވެ. އެހެންވެ ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. އޮތީ ގާތްކަމާއި އެކުވެރިކަމެވެ. 

އެންމެ ދެރަވިކަމަކީ ކައިވެންޏަށް 3 އަހަރު އެކުވެރިޔާ (ދޮށީއަނބި) ނިޔާވިކަމެވެ. އަމިއްލަ ޢާއިލާގެ އުޚުތަކު ނިޔާވުމުން ކުރާނެ ހިތާމަ އެދުވަހު ކުރީމެވެ. އަދި މިހާރުވެސް އޭނާގެމަތިން ހަނދާންވުމުން ލޮލުން ކަރުނަ އައުދެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ފިރިމީހާގެ ކިބައިން ދީންވެރިކަން ނުފެންނަނަމަ، ނުވަތަ ދީނަށް ލޯބިނުކުރާނަމަ އަތަށްދޭ ފައިސާއަށް ނުބަލާށެވެ. ނަޞޭޙަތް ދިނުމުން އިޞްލާޙްނުވާނަމަ އަވަހަށް ވަކިވާށެވެ! ދެން އޮތްބައި ﷲ އަށް ވަކީލްކުރާށެވެ! ދޫކޮށްލި ދިރިއުޅުމަށްވުރެ މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުގެ މިއަދުގެ ފިރިމީހާއަކީ ގެދޮރާއި ތަނަވަސްކަމަށް ބެލިނަމަވެސް ފުރަތަމަ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް މާކުރީގައި ހުރި މީހެކެވެ. އަދި ކީއްހެއްޔެވެ؟ ރަނގަޅު ހެޔޮލަފާ މީހެކެވެ. ދީންވެރި ތަޤްވާވެރިއެކެވެ. 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް