އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 21 މިނެޓް, 59 ސިކުންތު
ރަޙިމްގެ ގުޅުން ނުކެނޑުމަށް ފިރިމީހާ އަށް ވިސްނައިދޭށެވެ. އެކަމުގައި ހުރި ނުބައިކަން ވިސްނައިދެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ.
ހަމަކަށަވަރުން މާތް ﷲ ވަނީ ރަޙިމް ގެ ގުޅުން ބޭއްވުމަށް އަމުރުކުރައްވާފައެވެ. އަދި ގާތް ތިމާގެ މީހުންނަށް ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް ނުހަނުބާރު އަޅުއްވައެވެ. އަދި ތިމާގެ ކަމުގެ ގުޅުންކެނޑުމުގެ ނުރައްކާތެރިކަމުގެ ވާހަކައިން ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ވަނީ އިންޛާރު ދެއްވާފައެވެ. އެފަދަމީހުން ސުވަރުގެއަށް ފުރަތަމަވަންނަ މީހުންގެ ތެރޭގައި ނުހިމެނޭނެކަންވެސް ވަނީ އަންގަވާފައެވެ. އަދި އެފަދަމީހުންގެ ޝަޒާ އަކީ ނަރަކައިގެ އަނދައަނދާ ހުންނަ އަލިފާންގަނޑުކަންވަނި އުއްމަތަށް ބަޔާން ކޮށްދެއްވާފައެވެ.
މިކަމަކީ މިފަދަ ވަރުގަދަ އަމުރަކުން އަމުރުކުރައްވާފައިވާ ކަމަކަށްވީހިނދުވެސް، ވަރަށް ގިނަމީހުންނަށް މިކަމާއި މެދުގައި ވަނީ ފަރުވާ ކުޑަކުރެވިފައެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ވެގެންވަނީ ޙިސާބު ބެއްލެވުމުގެ ކުރިން އަމިއްލަ އަށް ތިމާގެ ޙިސާބު ބަލާ އުނިވާ ކަންތައްތައް ފުރިހަމަ ކުރުމެވެ. މިކަމާއިމެދު ފަރުވާކުޑަކޮށް، އަޅާނުލައި ހުރެގެން ނުވާނެއެވެ.
އިސްލާމް ދީނަކީ ޢަދުލެވެރިކަމުގެ ދީނެވެ. މީސްތަކުން އެކަކު އަނެކަކަށް މާފް ކުރުމަށް ގޮވާލާ ދީނެވެ. އެހެންކަމުން އަޅުގަޑުމެންގެ ތެރޭގައި ނުރުހޭފަދަ ކަމެއް ހިނގިކަމުގައިވީނަމަވެސް އެކަމެއް އަވަހަށް ޞުލްޙަވެރި ގޮތެއްގައި ނިންމޭތޯ ގަދަ އަޅައި މަސައްކަތް ކުރަންވާނެއެވެ. އިސްލާމް ދީން އަޅުގަޑުމެންނަށް އިރްޝާދު ދެއްވަނީ ނުބައިކަމެއްގެ ބަދަލުގައި ހެޔޮކަމެއް ކޮށްދިނުމަށެވެ. މީހަކު ތިމާއާއި މެދުގައި ގޯސްކޮށް ކަމެއްކުރިކަމުގައިވީނަމަވެސް، ﷲ ތަޢާލާ އާއި އެކަލާންގެ ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ގެ ވަޞިއްޔަތްޕުޅަށް ފުރިހަމަ ގޮތުގައި އިޙްތިރާމްކޮށް ކަމޭހިތަންވާނެއެވެ.
އެގޮތުން ރަޙިމްގެ ގުޅުން ދަމަހައްޓަންވާނެއެވެ. ދުނިޔެ އާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު އޮތީ އެގޮތުގައިކަން ކަށަވަރެވެ. އަޅުގަޑުމެންގެ ސިކުނޑިތަކަށް ނުވިސްނުނުކަމުގައިވީނަމަވެސް ހުރިހާ ކަމެއްގެ ޙަގީގަތް މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާންގެ އާއި އެކަލާންގެ ރަސޫލާ މިއުއްމަތަށް ވަޞިއްޔަތް ކުރައްވާފައިވަނީ ރަޙިމްގެ ގުޅުން ކަނޑާނުލާ ދެމެހެއްޓުމަށެވެ.
މިމައްސަލަ އަކީ މިފަދަ މުހިއްމު މައްސަލައެއް ކަމުން މިކަމާއި ބެހޭ ގޮތުން ދިވެހި އުއްމަތަށް ފައިދާކުރާނެ ކޮންމެވެސް ފޮޅުވަތް ތަކެއް ލިޔެލެވޭތޯ މަސައްކަތްކުރާނަމެވެ. ﷲ ތަޢާލާ މިއަޅާ އަށް ތައުފީގް ދެއްވާށިއެވެ. އާމީން.
ރަޙިމްގެ ގުޅުމުގެ މާނައަކީ ކޮބާ؟
ރަޙިމް: ގެ މާނައަކީ ހުރިހާ ގާތްތިމާގެ މީހުންނެވެ. ކައިވެނި ޙަރާމް މީހުންނާއި އެނޫންވެސް މީހުން ޝާމިލުވާ ގޮތަށެވެ.
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ރަޙިމްގެ ގުޅުން ބާއްވަން ޖެހެނީ ހަމައެކަނި ކައިވެނި ޙަރާމް މީހުންނާއެވެ. އަނެއްބައި ޢިލްމުވެރިން ދެކިލައްވަނީ ރަޙިމްގެ ގުޅުން ބާއްވަން ޖެހެނީ ހަމައެކަނި ވާރުތަ ވެރިންނާއި އެކުގައެވެ. އެހެންނަމަވެސް ރާޖިޙް ގޮތަކީ ރަޙިމް ގެ ގުޅުމުގެ ތެރެއަށް ކައިވެނި ޙަރާމް މީހުންނާއި އެނޫންވެސް ގާތްތިމާގެ މީހުންވަންނާނެކަމެވެ.
ރަޙިމްގެ ގުޅުމޭބުނެވޭބަހުގެ މާނައަކީ: ގާތްތިމާގެ މީހުންނާއި އެކު ގުޅުންބަދަހި ކުރުމެވެ. އަކަކުއަނެކަމުގެ ޙާލު އަޙްވާލުބަލާ، ހިނިތުންވުމާއިއެކުގައި ބައްދަލުކޮށް، އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، މާލީގޮތުންނާއި އެނޫންވެސް ގޮތްތަކުން އެހީތެރިކަންފޯރުކޮށްދިނުމެވެ.
ރަޙިމްގެ ގުޅުމުގެ ބާވަތްތައް:
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަޑުމެންނަށް ގުޅުން ގާއިމް ކުރުމަށް އަންގަވާފައިވާ ރަޙިމް ގެ ދެބާވަތެއްވެއެވެ.
ފުރަތަމައީ: ދީނުގެ ރަޙިމް، މީގެ ތެރޭގައި ހުރިހާ މުސްލިމުންނާއި ގުޅުން ބަދަހި ކުރުން ހިމެނެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (إنما المؤمنون إخوة فأصلحوا بين أخويكم) މާނައީ: "މުއިމިންތަކުންނީ އަޚުންތަކެއްކަން ކަށަވަރެވެ. ފަހެ ތިޔަބައިމީހުން ދެއަޚުންމެދުގައި ޞުލްޙަ ކުރާށެވެ". (ސޫރަތުލް ޙުޖުރާތުގެ 10 ވަނަ އާޔަތް). އަދިވެސް ވަޙީ ކުރެއްވިއެވެ. (فهل عسيتم إن توليتم أن تفسـدوا في الأرض وتقطِّعوا أرحـامكـم) މާނައީ: "ފަހެ އެހިނދު، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، ކުރިޔެކޭވެސް އެއްގޮތަށް ތިޔަބައިމީހުން ބިމުގައި ފާސިދުކޮށް، އަދި ތިޔަބައިމީހުންގެ މެދުގައިވާ ތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ގާތްކޮށްފީމުއެވެ". (ސޫރަތު މުޙައްމަދު ގެ 22 ވަނަ އާޔަތް).
ދެވަނަބަޔަކީ: ދެފަރާތުގެ (މަންމަ އާއި ބައްޕަ ފަރާތުގެ) ގާތްތިމާގެ މީހުންނެވެ.
އަލްއިމާމް ގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ޖުމްލަގޮތެއްގައި ރަޙިމްގެ ގުޅުމުގައި ދެބަޔެއްވެއެވެ. އެއީ ޢާއްމު ބަޔަކާއި ޚާއްޞަ ބަޔެކެވެ. ޢާއްމުބަޔަކީ ދީނުގެ ގޮތުން އޮންނަ ރަޙިމް ގެ ގުޅުމެވެ. އެހެންކަމުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް ލޯތްބާއި މަވައްދަތު ބަހައްޓަން ޖެހެއެވެ. އަދި އެކަކު އަނެކަކަށް ދިމާވާ ދަތިކަންތަކުގައި އެހީތެރިވެ، ނަޞްރުދީ، ނަޞޭޙަތް ބަދަލު ކުރަންޖެހެއެވެ. އަދި އެކަކު އަނެކަކަށް އުނދަގޫވާނެ ކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްގުތައް އަދާކުރަންވާނެއެވެ. ބަލިވެއްޖެނަމަ ޒިޔާރަތްކުރަންވާނެއެވެ. މުސްލިމް އަޚަކު މަރުވެއްޖެނަމަ އެމީހެއްގެ ޖަނާޒާގެ ކަންތައް ފުރިހަމަކޮށްދޭންވާނެއެވެ. މިހެންގޮސް އެކަކު އަނެކަކަށް ގުޅުން ބަދަހި ކުރުމަށްޓަކައި ކުރެވެން ހުރި ކޮންމެ ކަމެއް ކުރަންވާނެއެވެ.
ރަޙިމްގެ ޚާއްޞަ ބަޔަކީ މަންމައާއި ބައްޕަގެ ފަރާތުން ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމެވެ. މިފަދަ މީހުންނާއި އެކު ޢާއްމު މީހުންނާއި އެކު ބާއްވާ ގުޅުމަށް ވުރެ ބޮޑު ގުޅުމެއް ބާއްވަންވާނެއެވެ. ޚަރަދު ކުރަން ޖެހޭ މީހުންނަށް ޚަރަދު ދޭން ޖެހޭނެއެވެ. އަދި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ".
ރަޙިމްގެ ގުޅުން ބޭއްވުމުގެ ޙުކުމް:
އަލްއިމާމް ގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ."ރަޙިމް ގެ ގުޅުން ބޭއްވުމާއި އެގުޅުން ކަނޑާލުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަމަށް އުއްމަތުގެ އެންމެން އެއްބަސްވެއެވެ".
އިބްނުޢާބިދީން-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ރަޙިމް ގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބު ކަމެކެވެ. އެއީ ސަލާމް ކުރުމުންކަމުގައިވީނަމަވެސް، ނުވަތަ ތަހުނިޔާ ފޮނުވައިގެން ނަމަވެސް، ހަދިޔާބަދަލުކުރުމުން ކަމުގައި ވީނަމަވެސް، އެހީތެރިކަންފޯރުކޮށްދީގެންނަމަވެސް އެނޫން ގޮތަކުންކަމުގައިވީނަމަވެސް އެވެ".
ރަޙިމްގެ ގުޅުން ބޭއްވުމަކީ ވާޖިބުކަމެއްކަމަށް ދަލީލު ކުރާ ދަލީލުތައް:
1. ﷲ ވަޙީ ކުރެއްވިއެވެ. (واتقوا الله الذي تساءلون به والأرحام) މާނައަކީ: "އަދި ތިޔަބައިމީހުން ﷲ ގެ ކިބައަށް ތަގްވާވެރިވާށެވެ. އެކަލާނގެއީ އެކަލާނގެ ރަސްކަންފުޅު މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާއި ސުވާލުކޮށް ކަންކަމަށް އެދި އުޅޭ ރަސްކަލާންގެއެވެ. އަދި ތިމާގެކަމުގެގުޅުންތަކަށް ރައްކައުތެރިވެ ސަމާލުވާށެވެ". (ސޫރަތުއްނިސާގެ 1 ވަނަ އާޔަތް).
2. ﷲ ވަޙީކުރެއްވިއެވެ. (فهل عسيتم إن توليتم أن تفسـدوا في الأرض وتقطِّعوا أرحـامكـم، أولئك الذين لعنهم الله فأصمهم وأعمى أبصارهم). މާނައަކީ: "ފަހެ އެހިނދު، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، ކުރިޔެކޭވެސް އެއްގޮތަށް ތިޔަބައިމީހުން ބިމުގައި ފާސިދުކޮށް، އަދި ތިޔަބައިމީހުންގެ މެދުގައިވާ ތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ގާތްކޮށްފީމުއެވެ. އެބައިމީހުންނަށް މާތް ﷲ ލަޢުނަތްލައްވައި، އަދި އެބައިމީހުންގެ ކަންފަތްތައް ބީރުކުރައްވައި، އަދި ލޯތައް ކަނުކުރައްވައިފައިވާ މީހުންނަކީ، އެބައިމީހުންނެވެ".
3. އަބޫސުފްޔާނު ކުރެ ހިރަގުލް މުހައްމަދުގެފާނު އަމުރުކުރައްވަނީ ކޮންކަމަކަށްތޯ ސުވާލުދެންނެވުމުން ވިދާޅުވިއެވެ. "އެކަލޭގެފާނު އަމުރުކުރައްވަނީ ނަމާދު ގާއިމްކުރުމަށާއި، ޞަދަގާތް ދިނުމަށާއި، ޢިއްފަތްތެރިވުމަށާއި، ރަޙިމްގެ ގުޅުން ދެމެހެއްޓުމަށެވެ".
4. ރަސޫލުﷲ -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ކިބައިން ޢާއިޝާ-ރަޟިޔަﷲ ޢަންހާ-ރިވާކުރެއްވިއެވެ. "ރަޙިމްގެ ގުޅުމަކީ ރަޙްމާންވަންތަ ﷲ ތަޢާލާ އާއި ގުޅިފައިވާކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ރަޙިމްގެ ގުޅުން ގާއިމްކޮށްފި މީހަކަށް ތިމަންﷲ ގުޅުން ގާއިމްކޮށްދެއްވާހުށީމެވެ. އަދި އެގުޅުން ކަނޑައިފި މީހެއްގެ ގުޅުން ކަނޑުއްވާ ހުށީމެވެ".
ރަޙިމްގެ ގުޅުން ދަމަހައްޓާ ފަރާތްތަކަށް ދުނިޔެއާއި އާޚިރަތުގައި ދެއްވާ ޘަވާބާއި ދަރުމަ:
ރަޙިމްގެ ގުޅުން ދަމަހައްޓާފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދަރުމަ އާއި ޘަވާބު ދެއްވާނެކަން ވަނީ އަންގަވާފައެވެ. އެގޮތުންދުނިޔޭގައި ލިބޭ ކަންތަކުގެ ތެރޭގައި:
1. ދުނިޔެއާއި އާޚިރަތުގައިވެސް މާތް ﷲ އެފަރާތަކާއި ގުޅުން ގާއިމް ކުރައްވާނެކަން.
2. އެމީހެއްގެ ޢުމުރު ދިގުކުރައްވާނެކަން.
3. ދުނިޔެ އާރާސްތުކުރުމުގެ ފުރުޞަތު ދެއްވާނެކަން.
4. ﷲ ގެ ލޯބިލިބޭނެކަން.
5. އަހުލުވެރިންގެ ލޯބިލިބޭނެކަން.
އާޚިރަތުގައި ލިބޭ ދަރުމަ އާއި ޘަވާބުގެ ތެރޭގައި: ރަޙިމްގެ ގުޅުން ބާއްވާ ފަރާތްތަކަށް މާތް ﷲ ސުވަރުގެ ދެއްވާނެކަން ހިމެނެއެވެ. އަބޫއައްޔޫބުލް އަންޞާރީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ ސުވަރުގެ އަށް ވަންނާނެ ކަމެއް ބުނެދެއްވާށެވެ. ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ﷲ އަށް އަޅުކަން ޚާލިޞްކޮށް، އެކަލާންގެ އާއި އެކު އެއްވެސްފަރާތެއް ބައިވެރިނުކުރާށެވެ، އަދި ނަމާދު ގާއިމް ކުރާށެވެ، އަދި ޒަކާތް ދޭށެވެ، އަދި ރަޙިމް ގެ ގުޅުން ދަމަހައްޓާށެވެ".
ރަޙިމްގެ ގުޅުންކަނޑާ ފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދެއްވާ ބައެއް ޢުގޫބާތްތައް:
ދުނިޔޭގައި:
1. އޭނާގެ އެއްވެސް ޢަމަލެއް މާތް ﷲ ގެ ޙަޟްރަތަށް ނުއުފުއްލަވާކަން، އަދި ގަބޫލުވެސް ނުކުރައްވާނެކަން، އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ހަމަކަށަވަރުން އާދަމުގެ ދަރިންގެ ޢަމަލުތައް ކޮންމެ ހުކުރުވިލޭރެއަކު މާތް ﷲ ގެ ޙަޟްރަތަށް އުފުއްލަވައެވެ. އެހެންނަމަވެސް ރަޙިމްގެ ގުޅުން ކަނޑާ މީހެއްގެ އެއްވެސް ޢަމަލެއް މާތް ﷲ ގަބޫލެއް ނުކުރައްވާނެއެވެ".
2. ރަޙިމްގެ ގުޅުން ކަނޑާ ބަޔެއްގެ ތެރެއަށް ރަޙްމަތުގެ މަލާއިކަތުން ފައިބާ ވަޑައި ނުގަންނަވާނެކަން،
3. އާޚިރަތުގައި ޢަޛާބުދެއްވުމުގެ ކުރިން ދުނިޔެމަތީގައިވެސް އެފަދަ މީހުންނަށް ޢަޛާބު ދެއްވާނެކަން،
އާޚިރަތުގައި:
1. ފުރަތަމަ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ރަޙިމްގެ ގުޅުން ކަނޑާ މީހުން ނުހިމެނޭކަން، ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ބަނގުރާ ބުއިމަށް ދެވިހިފާފައިވާމީހާއާއި، ސިޙުރު ތެދުކުރާމީހައާއި، ރަޙިމްގެ ގުޅުން ކަނޑާމީހާ، ސުވަރުގެ ނުވަންނަ ހުއްޓެވެ".
2. އޭނާއަށް ސުވަރުގޭގެ ދޮރުތައް ނުހުޅުވޭކަން،
3. އާޚިރަތުގެ ޢަޛާބުގެ އިތުރުން ދުނިޔެމަތީގައިވެސް އެފަދަ މީހުންނަށް ޢުގޫބާތްދެއްވުން،
ރަޙިމް ގެ ގުޅުން ދަމަހައްޓާނީ ކޮން ގޮތަކުން؟
· ޢާއްމު ރަހިމުގެ ގުޅުން (ދީނާއި ތަގްވާގެ ގޮތުން ދަމަހައްޓަން ޖެހޭ ރަޙިމްގެ ގުޅުން): މިކަންތައް ފުރިހަމަ ކުރެވޭނީ:
1. އެކަކުއަނެކަކަށް ނަޞޭޙަތްދީ މަޝްވަރާދިނުން،
2. ލޯތްބާއި މަވައްދަތު ބޭއްވުން،
3. ޢަދުލު އިންޞާފު ގާއިމްކުރުން،
4. ތިމާގެ މައްޗަށް ވާޖިބު އަދި އެދެވިގެންވާ ކަންތައްތައް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ކުރުން،
5. އެކަކު އަނެކަކަށް ކަންކަމުގައި އިރްޝާދުދި ހެދުން،
6. ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުން،
7. އަނެކާއަށް ދަތިކަމެއްދިމާވާ ގަޑީގައި އެހީތެރިވެދިނުން،
8. އަނެކާ އަށް ގޯނާ ނުކުރުން.
މިކަމުގެ ދަލީލުތައް:
1. ﷲ ވަޙީކުރެއްވިއެވެ. (إنما المؤمنون إخوة فأصلحوا بين أخويكم) މާނައީ: "މުއިމިންތަކުންނީ އަޚުންތަކެއްކަން ކަށަވަރެވެ. ފަހެ ތިޔަބައިމީހުން ދެއަޚުންމެދުގައި ޞުލްޙަ ކުރާށެވެ". (ސޫރަތުލް ޙުޖުރާތުގެ 10 ވަނަ އާޔަތް).
2. ﷲ ވަޙީކުރެއްވިއެވެ. (واخفض جناحك للمؤمنين) މާނައަކީ: "އަދި މުއުމިނުންނަށްޓަކައި ކަލޭގެފާނުންގެ ފިޔަފުޅު ތިރިކުރައްވާށެވެ. އެބަހީ:މައިތިރިވެވަޑައިގަންނަވާށެވެ".)ސޫރަތުލް ޙިޖްރި ގެ 88ވަނަ އާޔަތް).
3. ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "އެއް މުއިމިނަކު އަނެއް މުއިމިނެއްގެ މިޘާލަކީ އެއް ޢިމާރާތެއްގެ މިޘާލެވެ. މިހެން ހަދީޘް ކުރައްވާ އެކަލޭގެފާނުގެ ދެއަތްޕުޅުގެ އިގިލިތައް ގުޅުއްވައިލެއްވިއެވެ".
4. ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "އޭނާގެ އަޚާގެ ޙާޖަތުގައިވަނީ ނަމަ މާތް ﷲ އެމީހެއްގެ ޙާޖަތުގައިވެއެވެ. އަދި މުސްލިމެއްގެ މައްޗަށް ކުރިމަތިވެފައިވާ ދަތިކަމެއް ފިލުވައިދީފި މީހަކަށް ގިޔާމަތްދުވަހު ދަތިތަކުގެ ތެރެއިން ކަމެއް މާތް ﷲ ފިއްލަވައިދެއްވާނެއެވެ، އަދި މުސްލިމެއް ރައްކާތެރިކޮށްދީފި މީހަކަށް މާތް ﷲ ރައްކާތެރިކަން ދެއްވާނެއެވެ".
5. ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ތިބާގެ އަޚާ އަށް އަނިޔާވެރިވާ ޙާލުގައިވެސް އަދި އަނިޔާ ލިބޭ ޙާލުގައިވެސް ނަޞްރުދޭށެވެ. ޞަޙާބީން ދެންނެވިއެވެ. އަނިޔާލިބޭ މީހާ އަށް ނަޞްރުދޭނެ ގޮތް ތިމަންމެންނަށް އެގެއެވެ. އަނިޔާވާ މީހާ އަށް ނަޞްރުދޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އޭނާ އަށް އަނިޔާވެރިވުން މަނާކުރާހުށިކަމެވެ".
6. ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްގުތައް ފަހެކެވެ. ސަލާމް ގޮވައިފިނަމަ ޖަވާބުދޭނެއެވެ. ބަލިވެއްޖެނަމަ ޒިޔާރަތް ކުރާނެއެވެ. މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވާނެއެވެ. ދަޢުވަތެއް ދީފިނަމަ ގަބޫލު ކުރާނެއެވެ. ކިނބިހި އަޅައި އަލްޙަމްދުلله ކިޔައިފިނަމަ، ޖަވާބުގައި "ޔަރްޙަމުކަﷲ" އޭ ބުނާނެއެވެ".
7. ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "އެންމެ ހެޔޮކަން ބޮޑު ޞަދަގާތަކީ އެންމެ ޢަދާވާތްތެރި ތިމާގެމީހާއަށް ރަޙިމްގެ ގުޅުން ފޯރު ކޮށްދެވޭ ދެވުމެވެެ".
ޚާއްޞަ ރަޙިމްގެ ގުޅުން (މަންމަ އާއި ބައްޕަ ފަރާތުގެ މީހުންނާއި ގުޅުން ބަދަހި ކުރުން):
އިސްވެބަޔާން ކުރެވުނު ޢާއްމު ރަޙިމްގެ ގުޅުން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންތަކުގެ އިތުރުން: މަންމަ އާއި ބައްޕަ ފަރާތުގެ ގާތްތިމާގެ މީހުންނާއި ގާތް ގުޅުމެއް ބާއްވަން ޖެހެއެވެ. އަދި މިޙައްގު ތައް އަދާކުރުމުގައި ފުށުއެރުމެއް ދިމާވެއްޖެނަމަ އެންމެ ގާތް މީހަކަށް ޙައްގުތައް ފޯރުކޮށްދޭނީއެވެ.
މިކަމުގެ ދަލީލުތައް:
1. ﷲ ވަޙީކުރެއްވިއެވެ. (وأنذر عشيرتك الأقربين) މާނައަކީ: "ކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް ދީނަށް ގޮވާލައްވައި އިންޒާރު ކުރައްވާށެވެ". (ސޫރަތުލް ޝުޢަރާގެ 214 ވަނަ އާޔަތް).
2. ﷲ ވަޙީ ކުރެއްވިއެވެ. (وأمر أهلك بالصلاة واصطبر عليها) މާނައަކީ: "ނަމާދު އަދާކުރުމަށް ކަލޭގެފާނުގެ ތިމާގެ އަހުލުވެރިންނަށް އަމުރުކުރައްވާށެވެ. އަދި އެކަމާއިމެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ". (ސޫރަތު ޠާހާ ގެ 132 ވަނަ އާޔަތް).
3. ﷲ ވަޙީ ކުރެއްވިއެވެ. (يا أيها الذين آمنوا قوا أنفسكم وأهليكم ناراً) މާނައަކީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތް ކުރާށެވެ". (ސޫރަތުލް ތަޙްރީމް ގެ 6 ވަނަ އާޔަތް).
4. ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "މިސްކީނަކަށް ދެވޭ ޞަދަގާތަކީ އެންމެ ޞަދަގާތެކެވެ. ރަޙިމްގެ ގުޅުން އޮންނަމީހަކަށް ދެވޭއެއްޗަކީ ޞަދަގާތަކާއި ރަޙިމްގެ ގުޅުން ދެމެހެއްޓުމެކެވެ".
ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ސަލާމް ކުރުމުން ނަމަވެސް ތިޔަބައިމީހުން ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ". والله أعلم.
Advertisement
7 ޖޫން 2023