އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
އިންށާނުން ކުރިއަރައިފިއެވެ. ވިސްނުންވެސް ކުރިއަރައިފިއެވެ. އެހެނަސް އެންމެ ބޮޑަސް ވިސްނަން ޖެހޭ ކަންކަމަށް އެބަ ވިސްނޭހެއްޔެވެ؟ ސުވާލު އުފައްދަންޖެހޭ ކަންކަމަށް ސުވާލު އުފައްދަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް އެމީހުންނަކީ ނިކަމެތިން ކަމުގައި ހީކުރެވުނު ނަމަވެސް އެއްވެސް އިންސާނަކީ ނިކަމެތިވެގެންވާ މީހެއް ނޫނެވެ. އަހަރެމެން ކޮންމެ މީހެއްގެ ދަރަޖަ މަތިވެރިކަން ނިކަން ދެކިބަލާށެވެ!
"—ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަނޑުން އުފެދިގެން އައި މަށިން ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާ ހުށީމެވެ." (އަލްޙުޖްރް: 28)
"ފަހެ، ތިމަންރަސްކަލާނގެ އެއްިންސާނާ (އެބަހީ: އާދަމްގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ ރޫޙްފުޅުން އެ އިންސާނާއަށް ފުނމެލައްވައިފިހިނދު، ތިއަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާހުށިކަމެވެ! (އަލްޙުޖްރް: 29)
ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެންނެވިނަމަ އުފެދޭށޭ ވަޙީޚުރެއްވެވި ނަމަވެސް އިންސާނާ އުފެދުނީހެވެ. ނަމަވެސް އިންސާނާ އުފެއްދެވީ އެގޮތަކަށް ނޫނެވެ. އިންސާނާ އުފެއްދެވީ ﷲ ތަޢާލާ އެވެ. އަދި އިންސާނާ ފުރާނަ އެޅުއްވެވީ ﷲ ތަޢާލާ އެކަލާނގެ ރޫޙްފުޅުން ފުމެލައްވަވައިގެންނެވެ. އަދި އިންސާނާއަށް ސަޖިދަކުރަން މަލާއިކަތުންނަށް އަމުރުފުޅު ކުރެއްވެވީ އެސަބަބަުތަކަށްޓަކައެވެ. އިންސާނާގެ މަތިވެރިކަމަށްޓަކައެވެ.
އަދިހަމައެހެންމެ ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މުހިންމުވެފައި މަތިވެރިކަން ލިބިގެންވަނީ އިންސާނާގެ ހަށިގަނޑަކަށް ނޫނެވެ. ފުރާނައެވެ. އިންސާނާ މަރުވުމުން ހަށިގަނޑަށް ކޮންމެ ގޮތެއްވީނަމަވެސް، ފަނިފަކުސަތައް ހަށިގަނޑު ކައިލި ނަމަވެސް ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވަނީ އެސަބަބަށްޓަކައެވެ.
ނަމަވެސް މިއަދު މީސްތަކުން ހުރިހާ ސަމާލުކަމެއް ދެނީވެސް އޭނާގެ ހަށިގަނޑަށެވެ! އޭނާގެ ފުރާނައަށް ސަމާލުކަމެއް ނުދެއެވެ. ފުރާނައަށްވެސް ކާނާ ބޭނުންވެއެވެ. ޒީނަތްތެރިކަންވެސް ބޭނުންވެއެވެ. އެކަންކަން ފުރާނައަށް ހޯދައިދެވޭނީ އަޅުކަމުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމުންނެވެ.
އަހަރެމެންގެ ފުރާނަ، ތަޤްވާވެރިވެ ނަމާދުކޮށް ރޯދަހިފައި އެހެންވެސް އަޅުކަންތައްކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން ބޭނުންވެއެވެ. އެއީ ފުރާނައަކީ ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ އެއްޗަކަށްވާތީއެވެ. އަހަރެމެންގެ ރޫޙަށް ރޫޙްލިބިފައިވަނީ ﷲ ތަޢާލާގެ ރޫޙްފުޅުން ކަމުގައިވާތީއެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
Advertisement
14 އޮގަސްޓް 2023