އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު
ފަށަމުންވެސް ވާހަކައެއް ބުނެލާނަމެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއި ވަކީލް ކުރަން އޮންނަނީ އެމީހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްފަހުގައެވެ. ވީމާ ދެމަފިރިންނަށް ކުރިމަތިވާ ކަންކަން ޙައްލުކުރަން މަސައްކަތްކުރުމުގައިވެސް ޢަމަލުކުރަންވާނީ އެމަގުންނެވެ.
ދިރިއުޅުމުގެ ކަންކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވެ ދަތިޙާލުގައި އުޅެންޖެހިފައިވާ ޢާއިލާތައް ދަނީ އިތުރުވަމުންނެވެ. އެކަމުގެ ކަންބޮޑުވުމާއި ހިތާމަ ދަނީ އިތުރުވަމުންނެވެ. އެހެންކަމަށްވާއިރު ޙައްލާއިމެދު ރަނގަޅު ގޮތުގައި ވިސްނަނީ ކިތައް މީހުން ހެއްޔެވެ؟ ކިތައް ދެމަފިރިން ހެއްޔެވެ؟
ކަންބޮޑުވުމާއި ހިތްދަތިކަން އިތުރުވާނަމަ ފުރަތަމަ ވިސްނައިލަންޖެހޭނީ ދެމަފިރިންގެ ޙާލަތަށެވެ. ކައިވެނީގެ ޚުޠުބާއަކީ ކިޔައިލަދޭ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އިސްލާމް ދީނުގެ ފަރަތުން އަންގާ އެންގުންތަކެކެވެ. ދެމީހުންނަކީ ދެމަފިރިންކަމުގައިވެގެންދަނީ އެ އެންގުންތަކަށް އިޙްތިރާމްކުރަން ދެމަފިރިންވެސްވާ އިޤްރާރެއްގެދަށުންނެވެ. ﷲ ތަޢާލާގެ ނަންފުޅުގައެވެ.
ނިކަން ބުނެބަލާށެވެ! އެ އިޤްރާރު ދަމަހައްޓަން މަސައްކަތކުރަމު ހެއްޔެވެ؟
ކައިވެނީގެ ތެރެއިން ޙާޞިލުކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ތަޤްވާވެރިކަމެވެ. ދެމަފިރިން އެކުގައި ﷲ ތަޢާލާގެ މަގުގައި ސާބިތުވާން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަންކަމުގެ ފަހަތުން ދެން ގެންނަން ޖެހެނީ އެކަކު އަނެކަކު ދެކެ ލޯބިވުމެވެ. ވަފާތެރިވުމެވެ. އޯގާތެރިވުމެވެ. އިޙްޞާންތެރިކަން އަދާކުރުމެވެ.
ވީއިރު ނިކަން ބުނެބަލާށެވެ! ދެމަފިރިން މިކަންކަމަށް ސަމާލުކަންދެނީ ކިހައިވަރަކަށް ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގޮތްބަލައިލަން ނަމަވެސް ދެމަފިރިންވެސް މިބުނި ކަންކަމަށް ނިކަން ސަމާލުކަން އިތުރުކޮށްބަލާށެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅު ދެމަފިރިންނަށް ލިބޭގޮތް ފެނިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 އޮގަސްޓް 2023