އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަޏީ މިފަދައިންނެވެ.
"ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤްރުއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިއަބައިމީހުން އުޅޭހިނދު، ތިއަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެނެއްނުވެތެވެ. ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިމެނުވީ ނުވެތެވެ." (ޔޫނުސް: 61)
ކީރިތި ޤްރުއާނުން ކިތަންމެ ކުޑަ މިންވަރެއް (އެންމެ އާޔަތެއް) ނަމަވެސް ފަރުވާ ކުޑަކޮށްލައިގެން ކިޔެވުމަކީ ކީރިތި ޤްރުއާނަށް އަދާކުރަންޖެހޭ އަދަބް އިހްތިރާމް ކުޑަވެގެންދާ ކަމެކެވެ. އަދި އެއީ ފާފަވެރިވާނެ ކަމެކެވެ. ވީމާ އެކަމަށް ރައްކައުތެރިވުމަށް ވަޞިއްޔަތް ކުރަމެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކީރިތި ޤްރުއާން ކިޔެވުމަކީ ހަމައެކަނި މުޞްޙަފް ބަލައިގެން އިނދެ ކިޔެވުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކީރިތި ޤްރުއާނުން ކިތަންމެ ކުޑަ މިންވަރެއް ކިޔެވި ނަމަވެސް އަދި ކޮންމެ ތަނެއްގައި ހުރެގެން ކިޔެވިނަމަވެސް އެއީ ހަމަ ކީރިތި ޤްރްއާން ކިޔެވުމެވެ. ކިޔެވުމަށް ރައްކައުތެރިވާން ޖެހޭނެއެވެ.
ފަށަމުން ބަޔާން މިކުރި ކީރިތި ޤްރުއާނުގެ ޔޫނުސް ސޫރަތުގެ 61 ވަނަ އާޔަތުންނއެކަން ވަރަށް ރަނަޅަށް އެނގިގެންދެއެވެ. މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ އެންމެ އާޔަތެއް ކިޔެވި ނަމަވެސް ރައްކައުތެރިވާންޖެހޭނެކަމެވެ. އެކަން ކުރާއިރު އެމީހާއަށް، އެމީހާ ކުރާ އަމަލަށް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެންވާ ކަމެވެ.
ގިނަ މީހުންނަށް ފަރުވާ ކުޑަކުރެވެނީ މިކަންކަން ނުއެނގޭތީ ކަމަށްވެދާނެއެވެ. ވީމާ ކޮންމެ މީހަކު ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ކީރިތި ޤްރުއާނުން އެއްވެސް މިންވަރެއް ކިޔަވާނަމަ ކިޔަވަން ޖެހޭ ގޮތަށް ކިޔަވަން ސަމާލުކަން ދޭށެވެ. ޢިލްމުވެރިން ޚުޠުބާ ވިދާޅުވާއިރުގައާއި ދަރުސް ދެއްވާއިރުވެސް ތަޖްވީދުމަގުން ޤްރްއާނުގެ އާޔަތްތައް ވިދާޅުވަނީ މި ސަބަބަށްޓަކައެވެ. އަޢޫޛް ވިދާޅުވެ ފަށްޓަވަނީވެސް އެ ސަބަބަށްޓަކައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
21 ސެޕްޓެމްބަރ 2023