އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
ހޮސްޕިޓަލުގައި އޮތް ބަލި މީހަކަށް ޒިޔާރަތްކުރުމުން ބުނީ އޭނާ މިހާރު ދީނާއިމެދު ނުވެސް ވިސްނާކަމަށެވެ. ސަބަބެއް ކަމަށްބުނީ ޝިފާ ދެއްވެވުން އެދި ދުޢާކުރުމުން ޢިޖާބަކުރެއްވެވުން މާބޮޑަށް ލަސްވުމުން އުންމީދުވެސް ކަނޑައިލީ ކަމަށެވެ.
އަހުރެން ސުވާލުކުޜީމެވެ. "ތިއަގޮތަށް ކަންކަން ކުރުމުން ޝިފާ ލިބި ބަލި ފަސޭހަ ވެއްޖެ ހެއްޔެވެ؟" ނޫންކަމަށް ބުނުމުން ސުވާލުކުރީމެވެ. "ކުރިއަށްވުރެ މިހާރު ލުއިވީހެއްޔެވެ؟" ޖަވާބުގައި ނޫންކަމަށް ބުނުމުން ސުވާލުކުރީމެވެ. "އެހެންވީއިރު ޝިފާލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ފިޔަވައި ކޮންފަރާތަކުން ހެއްޔެވެ؟" ޖަވާބުގައި ބުނީ "ﷲ ތަޢާލާގެ ޙަޟްރަތުން ނޫން ފަރާތަކުން ޝިފާ ނުލިބޭނެ ކަމަށެވެ."
ނިކަން ވިސްނައިލަބަލާށެވެ! މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެ ކަންކަމެވެ. ނަމަވެސް ވިސްނަން ނުޖެހޭ މިންވަރަށް ވިސްނަން ފެށުމުން މޮޔަވާހަކަތައް ދެއްކެނީއެވެ! ހަމަ ޤައިމުވެސް އޭނާ މަރުވެގެންދިއައީ ﷲ ތަޢާލާއަށް ވަޚީލްކުރުންމަތީގައި ކަމަށްވާނަމަ އޭނާއަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑާލައިގެން އޮއްވައި މަރުވެއްޖެނަމަ ދެން ވާނެ ގޮތްވެސް އެނގޭނެއެވެ.
ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުރި ދުޢާ ހަމަ ވަގުތުން ޢިޖާބަކުރެއްވެވުމަށެވެ. ކިރިޔާވެސް ލަސްވެލައިފިނަމަ އިންތިހާއަށް ކަންބޮޑުވާނެއެވެ. މިކަން މިފަދައިން ހިނގަމުން އަންނައިރު އެންމެ ގިނަބައަކަށް ނުކުރެވޭ ކަމަކީ ތިމާ އެދުމަކާއި ނުލައި ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނިޢްމަތްތައް ފާހަގަކޮށް ޝުކުރުވެރިވުމެވެ. ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވުމަށް އެދޭނަމަ ފުރަތަމަ އެކަންކަން ފާހަގަކޮށް ގިނަގިނައިން ޝުކުރުވެރިވާށެވެ! ހަމަކަށަވަރުން ﷲ ތަޢާލާއީ ޝުކުރުވެރިވާ އަޅުންގެ ހިތްތައް އުފަލުން ފުރޭހައި ގިނައިން ނިޢްމަތްތައް މިންވަރުކުރައްވަވާ ރަސްކަލާނގެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
21 ސެޕްޓެމްބަރ 2023