އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު
މީސްތަކުންނޭވެ! ޤިޔާމަތްވުމުން މީސްތަކުން ކައްވަޅުން ނެރުއްވެވުމުން ދެން ކުރަން އޮތްކަމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމެވެ. އޭނާ ކުރަންޖެހޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ އޭނާގެ ހިސާބު ބެއްލެވުމަށްޓަކައި ގޮސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރުމެވެ.
ދެން މިކަންވެސް ސިފަކޮށްލާށެވެ! ތިބާއަށް ފަތިހު ހޭލެވުނީއެވެ. އެވަޤުތަކީ ކުރާނެ އެއްވެސް މަސައްކަތެއް އޮންނާނެ ވަޤުތެއް ނޫނެވެ. ކައްވަޅުގައި މީސްތަކުން ތިބޭނެ ފަދައިން ގިނަ ބައަކު ތިބޭނީ ކުޑަމަރުވުމުގައެވެ،. ނިދުމުގައެވެ.
އެހެންކަމުން ތިމާއަށް ހޭލެވުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށް އަވަސްވެގަންނާށެވެ! ފާޚާނާކޮށް، ތާހިރުވެ ވުޟޫކޮށްގެން އަވަހަށް މިސްކިތުގެ ޖަމާޢަތަށްދާށެވެ. އެއިރުން ތިމާއަށް ހުއްޓިހުރެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.
ޤިޔާމަތް ދުވަހު ކައްވަޅުން ތިމާ ނެރުއްވެވުމުން ހަމަޖެހިލައިގެން ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސް ހުއްޓިހުރެވޭނީ ދުނިޔޭގައި މިބުނި މަގުން ﷲ ތަޢަލާގެ ޙަޟްރަތަށް ދިއަ މީހެކެވެ. ދުނިޔޭގައި އެކަމަށް ކަންނެތްވެ ނުކުޅެދިއްޖެ މީހަކު އަމިއްލައަށް އެފޭލަވަނީ ޤިޔާމަތް ދުވަހަށެވެ. ޤިޔާމަތް ދުވަހު ތިމާއަށް ކުރިމަތިލާންޖެހޭނެ ކަންކަމަށެވެ.
ޤިޔާމަތް ތިމާއަކީ ފޭލްވެފައިވާ މީހަކު ކަމުގައި ވުމަކަށް ހަމަ އެންމެ މުސްލިމަކުވެސް ނުއެދޭނެއެވެ. އެހެންކަމަށްވާއިރު ފަތިސްނަމާދަށް ނުހޭލަނީ ކީއްވެގެންހެއްޔެވެ؟ ހޭލައިގެންގޮސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟
ލޮބުވެތި އުޚުތުންނޭވެ! ތިއަ ކަނބަލުންނަށް ހޭލެވުމާއިއެކު މުސައްލަމައްޗަށް އަރަން އަވަސްވެގަންނާށެވެ! ތިއަކަނބަލުންނަށް ހެޔޮކަންބޮޑުވެގެންވަނީ އެގޮތެވެ.
- މަޢުލޫމާތު: ޝައިޚް އަބޫބަތުރު ޒައުދުގެ ދަރުސަކުން
Advertisement
27 ސެޕްޓެމްބަރ 2023