އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު
ދެމަފިރިންގެ ފަރާތުންވެސް އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ އަނެކާ އާއިމެދު ކިތަންމެ ރަނގަޅަށް ކަންތައްތައް ކުރިނަމަވެސް އަނެކާގެ ކިބައިން ހިތްހަމަޖެހުމާއި އަޅައިލުން އަދި ލޯބި ނުލިބޭ ކަމުގެ ޝަކުވާއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އިޚްލާޞްތެރިކަމާއިއެކު ލޯތްބާއި އަޅައިލުން ދޭނަމަ ކިތަންމެ ބޮޑު މުސްކުޅިއަކު ދެކެވެސް ލޯބިވެވިދާނެކަން އެނގިގެންދާނެއެވެ. މީގައި ވިސްނަން ޖެހޭ އެއްކަމަކީ ލޯބިދޭ އިޚްލާޞްތެރިކަމާއިއެކު ލޯބިދިންނަމަވެސް އެކަމުގެ ފައިދާ ބޮޑަށް ކުރާނީ ބަލައިގަންނަ ހުންނަ މީހާވެސް އިޚްލާޞްތެރިވެގެންނެވެ.
ޝާހީނާ އުމުރުން އެންމެ 16 އަހަރުގައި ގެއިން ނުކުތީ ދުވަހަކުވެސް އެއްވެސް ފިރިހެނަކުދެކެ ލޯބިނުވާން ނިންމައިގެންނެވެ. އެއީ އޭނާގެ ބައްޕަ އޭނާގެ މަންމަ އާއިމެދު ކަންކަންކުރިގޮތް ފެނިފައެވެ. ބައްޕަގެ ކިބައިން ލިބުނު އަނިޔާވެރިކަމާއި ހިތްދަތިދަތިކަމުގައި ލެޔަށް ޓީބީ ޖެހި މަންމައަށް ދުނިޔެ ދޫކުރަންޖެހުނީތީއެވެ.
ޝާހީނާ ގެއިން ނުކުތީ ދާނެ ވަކިތަނެއް ކަނޑައަޅައިގެނެއް ނޫނެވެ. އަތުގައި ހުރީ މަންމަ ދުނިޔޭގައި ހުރިއިރު ޕޮކެޓްމަނީއަށް ދެމުން އައި ފައިސާއިން ބާކީކުރެވުނު މަދު މިންވަރެކެވެ. އެއިން އަގުދައްކާފައި ޖާގަ ހޯދީ ކުޑަ އަގަކަށް ޔަތީމުން ބަލަހައްޓައިދޭ ހޮސްޓެލަކުންނެވެ.
ޝާހީނާ އަކީ އާދައާއި ޚިލާފަށް ރީތި އަންހެން ކުއްޖެކެވެ. ކޮންމެ ރެއަކު ދަނީ ކްލަބަށެވެ. މޭޒެއްގައި މމަޑުކޮށްލާއިރަށް ފިރިހެނުން ގޮސް ކާންދީ ހަދައެވެ. ފައިސާވެސް ދެއެވެ. ނަމަވެސް އެންމެ ކުޑަމިނުން އެމީހުންނާއިއެކުގައި ނަށާލަންވެސް ޝާހީނާ އެއްބަހެއް ނުވެއެވެ. ކޮންމެ މީހަކާއިވެސް ބާއްވަނީ އެކުވެރިކަމެވެ. ގައިގަ އަތްލިޔަކަ ނުދެއެވެ.
މިގޮތަށް އުޅޭތާ 5،4 އަހަރުވީފަހުން އޭނާއަށްވުރެ 50 އަހަރު ދޮށީ ފިރިހެނަކާއި ބައްދަލުވިއެވެ. އޭނާ އާއިއެކު ދެއްކުނު ވާހަކަތަކުން ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. އަދ ކައިވެނިކުރަން ޝާހީނާ އެއްބަސްވިއެވެ. ޝާހީނާގެ ބޭނުމަކަށްވެފައި އޮތީ އޭނާގެ ތަނަވަސްކަމުގެ މައްޗަށްވެރިވެ ގަތުމެވެ.
އޭނާވީ ޝާހީނާއަށް ވަރަށް ހެޔޮ މީހަކަށެވެ. އަދި އަޚްލާޤްވެސް އެހައި ރަނގަޅު މީހަކަށެވެ. އެހެންކަމުން އޭނާގެ މުދަލުން ބައެއް ހޯދަން ވާހަކަ ދެއްކުން ޝާހީނާއަށް ޖެހުނީ ލަސްކުރާށެވެ. ލަސްކޮށްގެން ހުއްޓައި ކުއްލިއަކަށް އޭނާ މަރުވީއެވެ.
ޖަނާޒާގެ ކަންކަން ނުވެސް ނިމެނީސް ޤާނޫނީ ވަކީލުން ޝާހީނާ އާއި ޙަވާލުކުރީ ފިރިމީހާގެ ވަޞިއްޔަތެވެ. ސިއްކަޖަހާފައިވާ އެ ލިޔުމުގައި އޮތީ އޭނާ މަރުވުމުން އޭނާގެ މުދަލަކީ އަދި އެކައުންޓުގައި ހުރި ހުރިހާ ފައިސާއަކީވެސް ޝާހީނާގެ އަމިއްލަ މިލްކެއް ކަމަށެވެ.
ޝާހީނާއަށް މިލިއަނަރަކަށްވެވުނީއެވެ. ނަމަވެސް އެދުވަހު ޝާހީނާއަށް އެކަމުން ލިބުނު އުފަލެއް އޮތްކަމަކަށް ނުވިއެވެ. އޭނާއަށް އެހައި ހެޔޮ، އޭނާދެކެ އެހައި ބޮޑަށް ލޯބިވާ ފިރިއަކު ގެއްލުމުން ލިބުނު ހިތާމަ މާބޮޑުވީއެވެ.
މިއީ އަޅުގަނޑު ޢަރަބި ނޫހަކުން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކުރުމުގެ ބޭނުމަކީ ލޯތްބަކީ ހަމައެކަނި ފައިސާކަމަށް ދެކޭ މީހުން ގާތު އެމީހުން ކުރަނީ ކުށްހީއެއްކަމަށް ބުނަން ބޭނުންވާތީއެވެ. ފައިސާއަކުން ޙަޤީޤީ ލޯތްބެއް ނުހޯދޭނެއެވެ. ލޯބިވާކަމުގެ ޑްރާމާއެއް ކުޅުވިދާނެއެވެ. ޙަޤީޤީ ލޯބި ލިބޭނީ ހަމަ ލޯތްބާއި އަޅައިލުން ދީގެންނެވެ. ފަރުވާތެރިވެގެންނެވެ. އަނބިމީހާއަށް ހެޔޮވެގެންނެވެ. ވަފާތެރިވެގެންނެވެ.
މިހެން މިބުނަނީ އަމިއްލަ ތަޖުރިބާއިންނެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސް މީހެއްވެސް ނޫނެވެ. ސިފަ ހުތުރުވެސް މީހެކެވެ. ނަމަވެސް ފިރިމީހާ ދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވަމެވެ. އެއީ އޭނާ އަޅުގަނޑަސް ހެޔޮކަމުންނެވެ. އިޚްލާޞްތެރިކަމުންނެވެ. ވަފާތެރިކަމުންނެވެ. އަޅާލުން ބޮޑުކަމުންނެވެ. ދުވަހަކުވެސް ދެރަވާންޖެހޭނެ ކަމެއް ނުކުރާތަނުގައި އެފަދަ ބަހެއްވެސް ނުބުނާތީއެވެ!
- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
9 ޑިސެމްބަރ 2023