އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެސިޓީ ގެ ތަރައްގީ ބާރަށް ކުރިއަށް ގެންދެވޭނީ ސަރުކާރު ހިންގާޕާޓީގެ ކެންޑިޑޭޓުން ކައުންސިލަށް އިންތިހާބުކޮށްގެން: ވަޒީރު ޝިޔާމް

މާލެސިޓީ ގެ ތަރައްގީ ބާރަށް ކުރިއަށް ގެންދެވޭނީ ސަރުކާރު ހިންގާޕާޓީގެ ކެންޑިޑޭޓުން ކައުންސިލަށް އިންތިހާބުކޮށްގެން: ވަޒީރު ޝިޔާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

މާލެ ސިޓީގެ ތަރައްގީ މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކޮށްގެން ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ޝިޔާމް އެހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކުރޫގެ ކެމްޕޭނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މާލޭގެ ރައްޔިތުން ހާސިލުކުރަން ބޭނުންވާ ވަރަށް ގިނަ އުއްމީދުތަކެއް އެބަހުރިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މާލޭ ރައްޔިތުންގެ އުއްމީދު ހާސިލުކުރެވޭނީ ސަރުކާރާއެކު މަސައްކަތްކުރާ ކައުންސިލެއް އޮތުމުންކަންކަމަށެވެ. އަދި މާލޭގެ މޭޔަރުކަން ކުރައްވާފައިވާ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މާލެއަށް ބޭނުންވާ ޖުމްލަ ހައްލަކާއެކުކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާލެއަށް ދިމާވެފައިވާ މައްސަލަތަކާއި، ސިޓީގެ ރައްޔިތުންނަށް ތަހައްމަލުކުރަމުންދާ މައްސަލަތަކަށް ހައްލު ރައީސް މުއިއްޒު ހޯއްދަވައި ދެއްވާނެކަން ޝިޔާމް ތަކުރާރު ކުރެއްވިއެވެ. ވިދާޅުވީ އެކަން އެންމެ ރަނގަޅަށް އެކިވަަޑައިގަންނަވާ ބޭފުޅަކީ ރައީސް ކަމަށެވެ.

''މާލެ ސިޓީގެ މޭޔަރަކީ އެމަނިކުފާނާ އެއް ރާގެއްގައި އެމަނިކުފާނާ އެއް ސަފެއްގައި ހުންނަވާ ބޭފުޅަކަށްވުން އެއީ ކޮންމެހެން ލާޒިމުކަމެއް،'' ޝިޔާމް ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހާސިލުކުރަން ބޭނުންވާ ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ހުރީ މާލެ ސިޓީއަށް ހާއްސަކޮށްފައި ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މާލެ ސިޓީގެ ކުރީގެ ބައެއް ކައުންސިލްތަކުން މަސައްކަތްކޮށްފައިވަނީ ތަރައްގީ އަށް ހުރަސްއަޅައި ތަރައްގީއާ ދެކޮޅަށެވެ. އެގޮތަށް އަމަލުކުރާނަމަ ތަރައްގީ މަޑުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނަގާ ކައުންސިލަކީ ތަރައްގީ މަޑުޖައްސާނެ ބަޔަކަށްވެގެން ނުވާނެ. ތަރައްގީ މަޑުޖައްސާނެ ބަޔަކަށް ތިބޭފުޅުން އަޅުގަނޑުމެން ނަހައްދަން ބޭނުންވާ ކަމަށްވަންޏާ ސަރުކާރު ކެންޑިޑޭޓުުން ހިޔާރުކުރައްވާ،" ޝިޔާމް ވިދާޅުވިއެވެ.

ރައީސްއާ ދޭތެރޭގައި މާލޭ ރައްޔުތުންގެ އުއްމީދުތަކެއް އެބަހުރިކަން ފާހަގަކުރެއްވުމާއެކު ޝިޔާމް ވިދާޅުވީ އެމަނިކުފާނަކީ މޭޔަރުކަމުގައި ރައްޔިތުންގެ އިތުބާރު ހޯއްދެވާފައިވާ ބޭފުޅެއް ކަމަށެވެ. މިހާތަނަށް މާލޭގެ ތަސައްވަރެއް ކުރެއްސެވި ބޭފުޅަކީވެސް ރައީސް ކަމަށާއި، މަސައްކަތްކުރަނީ އެ ތަސައްވަރު ކުލަ ޖައްސަން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު