އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަމާނީ ޓެކްނޮލޮޖީއާއެކު ދީނާއި އަހުލާގުވެސް އޮޔާދިޔައީތާއެވެ! ދަރިންނަށް މިވެވެނީ އިހުމާލުކަން އެނގޭބާވައެވެ!

ޒަމާނީ ޓެކްނޮލޮޖީއާއެކު ދީނާއި އަހުލާގުވެސް އޮޔާދިޔައީތާއެވެ! ދަރިންނަށް މިވެވެނީ އިހުމާލުކަން އެނގޭބާވައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 51 ސިކުންތު

އިސްލާމްދީނުގެ ރުކުންތައް ނޭނގުނަސް ޝަހާދަތުގެ ދެކަލިމަ ނޭނގުނަސް ސޯޝަލްމީޑިޔާ، އިންޓަނެޓަށް ނުހަނު މޮޅެވެ.

ދީނީ ގޮތުން ސުމެކެވެ. ސޯޝަލްމީޑިޔާ ޓިކްޓޮކްގައި އެއްވަނައެވެ. ދަރިންގެ މިހާލަށް ފަހުރުވެރިވުން، މިއީ އަޅެ ފަހެ މާ މޮޅުކަމެއް ހެއްޔެވެ!

ރައްޓެހި މުދައްރިސަކު ކިޔައިދިނެވެ. އެއީ އޭނާގެ އުނގަންނައިދިނުމުގެ ހަޔާތުގައި ދިމާވި އެންމެ ހައިރާންވި އަދި އެންމެ ހިތްދަތިވި ހާދިސާކަމަށް ކިޔައިދިނެވެ. 

އަބަދުގެވެސް އާދައިގެ މަތިން ޓިއުޝަން ދިނުމަށް ކުލާހަށް ވަދެ ހިނިތުންވެފައި ސަލާން ގޮވައިލީ ރައްޓެހި ގާތް ހީނލުމަކާއެކުގައެވެ. އަލަށް ކުދިންކޮޅެއް ގެނެސްފައި ތިބުމުން އެކުދިންނަށް ހާއްސަކޮށް ގާތްކަމާއެކު ކަންތައް ކުރުމަކީ އާދައިގައި ހުންނަ ކަމެކެވެ. ސުކޫލުތަކުގައި ކިޔަވައިދިނުން ހުއްޓާލީ ވަރަށް ބައިވަރު ސަބަބުތަކަކާ ހެދިކަމަށް ވެއެވެ. ކޮންމެއަކަސް އެނގޭ ވަރަކީ މި މުދައްރިސު ޓިއުޝަން ދޭން ފެށިފަހުން މީނާއަށް ވަރަށް ގިނަ ބެލެނިވެރިންގެ ކޯލުތަކާއި މެސެޖުތައް އަންނަ ކަމެވެ. އެހެންނަމަވެސް ލިބޭ ފައިސާއަށް ވުރެ ކަމަށް ހުންނަ ލޯބި މާބޮޑުކަމަށްވެއެވެ.

ޓިއުޝަން ކުލާހަށް އަލަށް ގެނައި ދަރިވަރުންގެ ތެރޭގައި ގުރޭޑު 7، ގުރޭޑު 3، ގުރޭޑު 1 އަދި ޔޫކޭޖީ ދެ ކުއްޖެކެވެ. އެއްއާއިލާގެ ހަތަރު ކުދިންނާއި އެހަތަރުކުދިންގެ ދެބެންގެ ދެދަރި ކުއްޖެކެވެ. ޔޫކޭޖީ އެއް ކުއްޖަކީ މިހަތަރު ކުދިންގެ ކޮއްކޮއެވެ.

ކުދިންގެ ހޯމްވޯކުތައް ފުނިޖެހިފައި އޮތުމުން އެމަސައްކަތްވެސް ކުރުވަން މައިންބަފައިން ބޭނުންވި އިރު ހަތަރު ކުދިންގެ ފެންވަރު ހަމަ ސުމެއްގައި އޮތުމުން ކުދިން މޮޅު ކުދިންނަށް ވުމަކީވެސް އެދުމެކެވެ. އެކަމަށްޓަކައި ކިތަންމެ ގިނަ ފައިސާއެއްވެސް ހަރަދު ކުރަން އެމީހުން ތިބީ ތައްޔާރަށެެވެ. މީގެ ތެރެއިން މިހަތަރު ކުދިން ފިޔަވައި ދެން ހުރި ޔޫކޭޖީ ކުއްޖާގެ ފެންވަރު މާޝާﷲއެވެ. ގްރާޑް އެކެއް ކީއްކުރަން ހެއްޔެވެ. ގްރޭޑު ދޭއްގެ ފެންވަރުވެސް ހުއްޓެވެ..

ކަންތައް އޮތް ގޮތުން، މިޑްޓާމްގެ ޗުއްޓީތެރެއާވެސް ދިމާވާތީ، މިކުދިންނަށް ހާއްސަ ކުލާސްތަކެއް ގެންދަން ނިންމާ ބެލެނިވެރިންނާ ވާހަކަދެއްކިއެވެ. ޔޫކޭޖީ ކުއްޖާގެ މަންމަ ބޭނުންވީ ކުއްޖާ އެކުދިންނާ ވަަކިން ގަޑިއެކެވެ. ސަބަބެއް ނުބުނެއެވެ. ޔޫކޭޖީ ކުއްޖަކަށް ވުމުން ހޯމްވޯކެއް ނުހުންނާނެތާއެވެ. ކުއްޖާގެ ބެލެނިވެރިޔާ ކުއްޖާއަށް ވަކިން ކިޔަވައިދޭން ބޭނުންވިސަބަބު ސާފުވެގެން ދިޔައީ ކިޔަވައިދޭން ގަޑި ހަމަޖެހި ވަކިން ދެގަޑިއެއް ހަމަޖައްސައިގެން ފެށުމުންނެވެ.

ހިތަށް އެރިއެވެ. މިއީ ވާނެ ވަރު ކަމެއް ބާވައެވެ. މަސައްކަތް ކުރާނީއެވެ.

އެކަމަކު ޓީޗަރު މީހާ ކިތަންމެ ތެޅުނަސް ދަރިވަރު ހަމަ އެއްވެސް ވަރަކަށް ފަރުވާ ނުބަހައްޓަންޏާ ނަތީޖާއެއް ނެރެވިދާނެތޯ ސުވާލުވެސް އުފެދުނެވެ.

ދުވަސްވަރަކަށް ދިމާވީ ބަރަކާތްތެރި ރޯދަމަސް ބޯމަތިވަމުން އައި ދުވަސްތަކެވެ. އަޅުކަމުގެ ބައިތަކާއި ހާއްސަކޮށް ގުރުއާނާއި އިސްލާމަށް ކުދިން އަހުލުވެރި ކުރެވޭތޯ މަސައްކަތް ކުރުމަށް ގަސްދު ކުރީމެވެ. ކަންތައް ވެގެން ދިޔައީ ވަރަށްވެސް ގަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށެވެ.

އޭގެތެރޭގައި ބާލިއުވެފައި އިން އަންހެންކުއްޖާއަށް ހިނައިގަތުމަކީ ކޮބައިކަމެއް ހިނައިގަތުން ވާޖިބުވާ ސަބަބެއް ނޭނގެއެވެ. އެއްވެސް ކުއްޖަކަށް ޝަހާދަތުގެ ދެކަލިމަ ކީއްކުރަން ހެއްޔެވެ. އަހަރެމެން އިންސާނުން ހަލްގު ކުރެއްވި ފަރާތަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުވެސް، އަދި އުންމަތުގެ ނަބިއްޔާގެ ނަމެއްވެސް ހަމައެހެންމެ ރޯދައިގެ ނިޔަތް ގަތުމަށް ނުވަތަ ރޯދައަށް ހުރުމަށް އަޒުމު ކަނޑައެޅުމުގެ ގަޑިއަކީ ކޮބައިކަމެއްވެސް ނޭނގެއެވެ.

މައްސަލައެއް ނެތްތާއެވެ. ނޭނގޭ އެއްޗެހި ދަސް ކުރުމަށް އައި ކުދިންކޮޅެއްތާއެވެ. ހިތްވަރުކޮށްފައި އަތުކުރި އޮޅާފައި ފެށީ އުނދަގޫ ވިޔަސް ކުރުމަށެވެ. ކަރުން ހަން ދިޔައީ މުދައްރިސުގެ އެވެ. ކިޔާކިޔާ އަނގަ ވާޅުވެ ލޭރަހަ ލުން ނޫން ކަމެއްނުވިއެވެ. ގާތުގައި ބައިތިއްބައިގެން ކިޔައިދިނުމުން ދަސްނުވަނީ ކަމަށްވެދާނެތީ ދެހަފުތާވަންދެން ބޭނުން ގޮތަކަށް ގޭގައި ތިބެގެން ދަސްކުރުމަށް ވަގުތު ދިނީއެވެ. ދެހަފުތާގެ ޗުއްޓީ ނިމިގެން ކުދިންގެ ނަތީޖާތައް ބަލާލަށް ސުވާލު ކުރިއެވެ. ލިބުނު ޖަވާބުތައް އަޑު އިވުމުން މަޖާ ނުކުރުމަށް އެދުނެވެ. މުދައްރިސު ތަންކޮޅެއް ބާރަށް ރަނގަޅަށް ވިސްނާފައި ޖަވާބު ދިނުމަށް ބުނީތީ މުދައްރިސަށްވުރެ ވަކިން ގޯސް މީހެއް ނެތް ކަމަށްވީ އެވެ.

ގަބޫލު ކުރެވުނަސް ނުކުރެވުނަސް މިއީ ހަމަ މި މާލޭގައި މިދިޔަ 2022 ވަނަ އަަހަރު ހިނގި ކަމެކެވެ. "އަހަރެންގެ ރައްބަކީ ނުވަތަ މިދުނިޔެއާއި ދުނިޔެގައި ވާހައި އެއްޗެއްގެ ވެރިފަރާތަކީ ކޮބާހޭ އެހުމުން ފުރަތަމަ ނޭނގޭ ކަމަށް ބުނީ، ދެން ކިޔައިދިނީ، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމައަކީ ކޮން ފަރާތެއްކަމާއި މިހެން ގޮސް ކުޑަކުދިންގެ ސިކުނޑިއަށް ވިސްނައިދެވޭތޯ އެތައް މަސައްކަތެއް ކޮށްފައި އައިސް މިއުންމަތުގެ ނަބިއްޔާއަކީ ކޮބައިހޭ އެހުމުން ހެއްދެވި ފަރާތުގެ ނަން ބުނެފައި، ކައުނުގެ ވެރިރަސްކަލާނގެއަކީ ކޮބައިތޯ ސުވާލު ކުރުމުން ރަސޫލާއޭ ޝަހާދަތުގެ ދެކަލިމަ ކިޔައިދިނުމަށް އެދުމުން ފަނަރަ ސޯޅަ ދުވަހު މެދުނުކެނޑި ކޮންމެ ދުވަހަކު ދެގަޑިއިރުވަންދެން ކިޔައިދީފަ އޮތް އިރުވެސް ހަމަ އެއްވެސް ވަރަކަށް ނޭނގުމުން، ނަސޭހަތްދީފައި ސުވާލަށް ޖަވާބު ދިނުމަށް އެދުމުން ޕަކަޕަކަ އަޅާފައި ފެށީ ހޭށެވެ. އެހިސާބުން މުދައްރިސަށް ބާރަށް ބަހެއް ބުނެވުނީއެވެ. ގޯސްވީ މުދައްރިސެވެ.

އަނެއް ކުއްޖާ މިކުދިންނާ އެކުލަވައިގެން ޓިއުޝަން ކުރިއަށް ނުގެންނަން އެކުއްޖާގެ މަންމަ އެދުނު ސަބަބު ވަރަށް ރީއްޗަށް ހާމަވެ އެނގިގެން ދިޔައެވެ. އިތުރަށް ކުދިންނަށް ކިޔަވައިދޭން ބޭނުންނަމަ ފައިސާ ބޭނުންނަމަ އަދިވެސް ދާންވީކަމަށް ބުނެފައި އެކުދިންގެ ބެލެނިވެރިން އެދުނީ މީގެ ފަހުން ކުދިންނަށް ހޯމްވޯކް ހެދުން ނޫން ކަމެއް ކުރާނެކަމެއް ނެތްކަމަށެވެ. އެކަމަކު އެގޮތަށް ފައިސާ ހޯދާކަށް ބޭނުމެއް ނޫނެވެ. އެހެންވެ އެކުދިންނަށް ކިޔަވައިދިނުމަށް އަމިއްލައަށް އެކަށީގެން ނުވާ މީހެއްކަމަށް ގަބޫލު ކޮށްގެން އެހިސާބުން އެހަތަރު ކުދިންނަށް ކިޔަވައިދިނުމަށް އަލްވަދާއުކީއެވެ.

މިއީ ހަމަ މި ދިވެހި މުޖުތަމައުގެ ހާލަތެވެ. އެގޭގައި ބަރާބަރަށް ޓިކްޓޮކް ކުޅެއެވެ. ކޮންމެ ގަޑިއަކު އެގެއަށް ވަނަސް މަންމަ އިންނާނީ "ސްޓާމޭކާ"އިން މުނިފޫހި ފިލުވުމުގައެވެ. ފައިސާ ހޯދަން މަސައްކަތް ކުރަން ތަނަކަށް ވަޒީފާއަށް ދާތަނެއް ނުފެނުނަސް ބައްޕަ އަބަދުވެސް އިންނާނީ ފޯނެއްގައެވެ. ކޮންމެ ކުއްޖެއްގެ އަތުގައި އެންމެ ފަހުގެ އައިޕެޑެކެވެ. އައިފޯން13 ނުކުތްތަނާ އޭގެ ފޯނެއް ދޮށީ މަންޖެއަށް ގަނެދިނެވެ. ގޭގައި ކައްކާ މީހަކު ސާފު ކުރާ މީހަކު އަންނައުނު ދޮވެ އިސްތިރިކުރާ މީހަކު ބޭރުން އާދެއެވެ. ފައިސާއާއި މުދަލާއި ރިވެތި ހުރިހާ ކަމެއްވެސް އޮތީ ހަމަ ހިތަކަށެވެ. އެކަމަކު ކުދިންގެ ތައުލީމާއި ދީނުގެ ފެންވަރު މިވަރަށް ހުރިއިރު ރޯދަމަހުގެ ވާހަކަ ދެކެވުނު ދުވަހު އެނގުނީ އެއީ އެގެއަށް އަންނަ ކުޅިވަރާއި ކެއުމުގެ އީދެއްކަމެވެ.

މިވާހަކައަށް ބަސް ބުންޏަސް މިއީ ދޮގަކަށް ނުވާނެއެވެ. 2020ގެ ތަސައްވުރުގައި 2022ގައި ގެއެއްގެ ހާލަތު ހުރި ގޮތަކީ ގަބޫލު ނުކުރެވުނަސް މިއެވެ. މުދައްރިސުގެ ކިޔަވައިދިނުމުގެ ދިގު 27 އަހަރުގެ ތާރީހުގައި ވަރަށް ގިނަ ކަންތަކާ ދިމާވެފައިވާއިރު މިއީ ދުވަހަކުވެސް ހަނދާން ނުނެތޭނެ އެއް ހާދިސާއެވެ. ސޯޝަލްމީޑިޔާއަށާއި އިނގިރޭސިން އަނގަތެޅުމާއި ފަހުގެ ޓެކްނޮލޮޖީއަށް ނުހަނު ފަރިތައެވެ. ޒަމާނީ ތަރައްގީގެ ކުލަވަރު އެންމެ ފުރިހަމައަށް ފެނުނުއިރު ދުނިޔެއާއި އާޚިރަތް އޮތީ ވާނުވާ ނޭނގިފައެވެ. މީގައި ކުށްވެރިވާނީ ކޮންބައެއްބާއެވެ. މިއީ ކޮންފަރާތެއްގެ އިހުމާލެއްބާވައެވެ. ދަރިން އިސްލާމްދީނުގެ ވާޖިބުތަކަށް ހޭނުމަކީ މައިންބަފައިންގެ ވާޖިބަކަށް ވީއިރު މިފެނިގެންދިޔައީ ހުދު ތިމާ އަމިއްލައަށްވެސް އެއިން ކަމަކަށް ލޯނުހުޅުވި އޮތްތަނެވެ. ކުރާނީ ކީއްހެއްޔެވެ. މިވެސް ޒަމާނީ ފެޝަނެއް ތޯއްޗެކެވެ. ސޯޝަލްމީޑިޔާއާއި ފެޝަނުގެ ދުނިޔޭގައި ދަރިން ވާވަދެ ހަލާކުވާވަރެއް ނުބެލި ނޭނގި ތިބެފައި މާދަމާ އޭގެ ނަތީޖާ ހިތަށްވެސް ނުގެނެވޭހާ ހިތާމަވެރިގޮތަކަށް ފެނުމުން ދެން ހަތަރުއުދަރެސް ފެނުޖެހި މޮޔަގޮވާ ބޮލުން އިސްތަށި އުފުރިޔަސް ކުރާނެ ކަމެއް ނޯންނާނެއެވެ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު