އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 23 ސިކުންތު
ރައްޔިތުން ވޯޓުލައިގެން އިންތިޚާބުކުރާ އެއްވެސް މަޤާމަކަށް ދެން ތިމާމެން ނުހޮވޭނެކަން އެނގުނީމާ ޤާނޫނު އަސާސީގެ ބާރުކަނޑުވާލަން އުޅުނަސް އެކަމެއް ނުކުރެވޭނެކަމަށާއި ބާރުތައް އޮތީ މެންބަރުން އިންތިޚާބުރި ރައްޔިތުންގެ އަތުގައިކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭ\ވް ސަލީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަލީމް ވިދާޅުވީ އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ތިންބާރު ވަކިވެފައި އޮތް ނިޒާމެއްގައި މުޅި ނިޒާމް ފުނޑާލުމަށްޓަކައި (މަޖިލީހުގެ) ރައީސް އާއި ރައްޔިތުންގެ މަޖްލީހުން މަސައްކަތް ކުރަމުން ދާތަންކަމަށެވެ. އަދި ރައްޔިތުންގެ މަޖްލީހަކީވެސް އެއްވެސް ހާލެއްގައި ޤާނޫނު އަސާސީގެ ބޭރުން، ޤާނޫނު އަސާސީގެ މަތީގަ އޮތް ތަނެއް ނޫންކަމަށާއި ޤާނޫނު އަސާސީއަށް ބަދަލެއް ގެންނަން ޖެހިއްޖިއްޔާ އެ ބަދަލު ގެނައުމުގެ ބަރު މަޖްލީހަށް އޮތް ނަމަވެސް، މަޖްލީހަކަށްވެސް އަދި ރައީސްއަކަށްވެސް ޤާނޫނު އަސާސީއަށް ވުރެ މައްޗެއް ނުވެވޭނެކަމަށެވެ.
ސަލީމް އިއްޔެ ވަނީ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުން މަސައްކަތްކުރަމުންގެންދާ ރޫޙް ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވައިފައެވެ.
މިހާރުގެ މި މަޤްޞަދަކީ، މުޅި ޖުޑީޝަރީގެ މައްޗަށް މަޖްލީހުން ބާރު ފޯރުވުން. އަދި އެގްޒެކެޓިވް، ސަރުކާރު ހިންގާ ބާރުގެ މައްޗަށްވެސް މަޖްލީހުން ނުފޫޒު ފޯރުވުން. މިއަކީއެއް ނޫން މި ޑިމޮކްރަސީގެ މާތް މަޤްޞަދަކީއެއް. ޑިމޮކްރަސީ މިތަނަށް އަޔަކީއެއް މިކަން ކުރާކަށް ނޫން.
އަދި މަޖްލީހަށް ރައްޔިތުން ބާރުތައް ދިނީކީވެސް، ރައްޔިތުން ހޮވާ ސަރުކާރު ވައްޓާލުމުގެ ވިސްނުން ބަހައްޓައިގެން، (ސަރުކާރުގެ) ދުވަސް ދުއްވާލާ، ވޯޓު ހަމަކުރާށޭ، އަނެކައްޗެކޭ ކިޔައިގެން މަޖްލީހުގެ ޤަވާއިދުތަކަށް ބޮޑެތި ބަދަލްތައް ގެނެސްގެން ޤާނޫނު އަސާސީއާއި ޚިލާފަށް މިކަން ކުރާކަށްވެސް ނޫން.
މިއުޅެނީ 5 އަހަރުދުވަހުގެ ވެރިކަމެއް ކޮށްފައި، ކުއްލިއަކަށް ވެރިކަން ވެއްޓުނީމާ އެކަމުގެ ހިތްދަތި ކަމުގައި ނަގާ ސަރުކާރު ވައްޓާލައި، ސްޕްރީމް ކޯޓުގެ ދުވަސް ދުއްވާލައި، މީގެ ކުރިން ބާރާބަރު ސްޕްރީމް ކޯޓް. ހުރިހާ ކޯޓްތަކެއްވެސް ބަރާބަރު. ކުއްލިއަކަށް ސްޕްރީމް ކޯޓް ގޯސްވީ. އަނެއް ތަނެއް ގޯސްވީ. ހުރިހާކަމެއް ގޯސްވީ. މިއީތޯ މިކަން ހިނގާ ގޮތް؟ ރައްޔިތުން މަޖްލީސްގެ މެމްބަރުން މިތަނަށް އައްޔަން ކުރީ މުޅި ޤައުމުގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރަން. އަމިއްލަ އެދުމުގެ މައްޗަށް މަސައްކަތް ކުރާކަށް ނޫން.
މިހާރު މި ފެނިގެންދަނީ މި މަޖްލީހުން، މީ ނިމެމުންދާ މަޖްލީސް! އެ މަޖްލީހުން މި ފެނިގެން ދަނީ އަމިއްލަ އެދުމުން ފޯވެގެން ޢިއްޒަތްތެރި މެމްބަރުން މަސައްކަތް ކުރާ ތަން. މިގޮތަކަށް މި މަސައްކަތެއް ނުކުރެވޭނެ. ސަރުކާރު ވައްޓާލާކަށް އަދި ޖުޑީޝަރީ ފުނޑާލާކަށް ފުރުސަތެއް ނުވެސް ދޭނެ، ނުވެސް ލިބޭނެ. ޢިއްޒަތްތެރި ރައީސް، އެއްގޮތަކަށްވެސް ނުވިސްނަވާތި ޢިއްޒަތްތެރި ރައީސް އަޑީގަ ހަމަ އިންނަވައިގެން މި ހުރިހާ ކަމެއް ކުރަމުން މި ގެންދަނީ.
އިހައްދުވަހު ބާލާބަލަ، ޤަވާއިދަށް ގެނެވުނު އިސްލާޙުގައި، އާއްމުކޮށް މި ޢިއްޒަތްތެރި މަޖްލީހުގައި ކޮމިޓީތައް މުޅި މަޖްލީހުން ކޮމެޓީއެއް ނަގަންޔާ ހުރިހާ ޕާޓީއެއް ނިސްބަތްވާގޮތަށް މިކަން ކުރަނީ. ހާއްސަކޮށް މައިނޯރިޓީ އަށް ޖާގަ ދޭނެ. އެހެން ނަމަވެސް އެކަން ކުރީ މައިނޯރިޓީއަށް ޖާގަ ނުދީ ބޭނުންގޮތަކަށް ކޮމިޓީ ނަގައިގެން ޤަވައިދު ނިންމާލީ އެ. މިހާ ހަޔާތް ކުޑަކޮށް ކަންތައް ކުރަމުން މި ގެންނަދަނީ. މިއީތޯ އަޅުގަނޑުމެން މި މަޖްލީހޭ ކިޔައިގެން، މަޖްލީހަށް ބާރު އެބައޮތޭ ރައްޔިތުންނޭ ބާރު ފެށެނީ ކިޔައިގެން،
ރައްޔިތުންގެ ބާރު ދިނިއްޔަކީއެއް، މަޖްލީހުގެ މެންބަރުން ބޭނުންހާ ގޮތަކަށް ކަންތައް ކުރާކަށެއް ނޫން ޢިއްޒަތްތެރި ރައީސް. ޤާނޫނު އަސާސީ އާއި ޤައުމަށް ލާބަ އާއި މަންފާ ވާގޮތަށް މަސައްކަތް ކުރުމަށް ޓަކައި. މެމްބަރުން މިތަނަށް ވައްދާފަ މިތިބީ.
ދެން، ނުހޮވިދާނެހެން ހީވީމާ، ތިމަންނަމެންނަށް އެނބުރ މިތަނަށް އާދެވެނެހެން ހީނުވީމާ، ދެން މިއޮތް ކުޑ ދުވަސްކޮޅުގެ ތެރޭގައި، ބޭނުންހާ ގޮތަކަށް ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، ސްޕްރީމް ކޯޓުގެ ދުވަސް ދުއްވާލާ، މި ކަމަކށް ފުރުސަތެއް ނުދޭނަން، އަޅުގަނޑުމެން އަދި ހައެއްކަ މީހުން ތިބިކަމުގައު ވިޔަސް. އެއްގޮތަކަށްވެސް ހީނުކުރާތި، މި ކަމުގައި ވާހަކަ ދައްކަން ވެއްޖިއްޔާއި، އަޅުގަނޑުމެން ވަރަށް މައްޗަށް ވާހަކަ ދެއްކިދާނެ. އެއްގޮތަކަށްވެސ ހީފުޅު ނުކުރައްވާތީ މި މަޖްލީހަކީއޭ ހަމައެކަނި ޤައުމުގައި އޮތް ހުރިހާ ބާރަކީ. އެއްގޮތަކަށްވެސް އެހެނެއް ނޫން.
ސްޕްރީމް ކޯޓުގެ ނިންމުމަކާ ދެކޮޅަށް މަޖިލީހުގެ ވަކާލާތެއް ނުވެސް ކުރެވޭނެ!
ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް މީ. މި ނިޒާމުގެ ތެރޭގައި އެއްބާރު އަނެއް ބާރަށް އިޚްތިރާމް ކުރަން ޖެހޭނެ. ހަމަ ސްޕްރީމް ކޯޓު ނިންމާލުމާއެކީގަ އައިސް މިތަނުގައި ފުރަތަމަ ވަކާލާތު ކުރުމުގެ ފުރުސަތުވެސް ނުލިބޭނޭ، ކޯޓުގަ ހިނގަމުންދާ މައްސަލައެއްގައި. ހަމަ ރަނގަޅަށް ޢިއްޒަތްތެރި ރައީސް އަށް އެނގިވަޑައި ގަންނަވާނެ. އަދި މި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައި ގަންނަވާނެ. އެހެންނަމަވެސް، ސްޕްރީމް ކޯޓާއި ދެކޮޅަށް މިތާގަ ވާހަކަ ދައްކާ، ސްޕްރީމް ކޯޓަށް ބިރުދައްކާ، ހުކުމެއް ނެރެފާނެތީ ކަންބޮޑުވެގެން. މައިގަނޑު މަގްސަދަކީ ހަމަ ސީދާ ސްޕްރީމް ކޯޓަށް ބިރު ދެއްކުން. އަޅުގަނޑު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލަން އޮތީ، ބިރުފުޅު ނުގަންނާށޭ، ރައްޔިތުންނަށްޓަކައި ޙައްޤު ގޮތުގައި ހުކުމްއިއްވާށޭ.
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް
- އަހްމަދު ސަލީމް / އޭދަފުށީދާއިރާގެ މެންބަރު
Advertisement
12 ފެބްރުއަރީ 2024