އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު
ކުރިން ވެސް އަމަލުކުރެއްވި ފަދައިން، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފިނަމަ ރައްޔިތުންގެ ނިންމުންތައް ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެކަމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާމިގިލީ ދާއިރާއަށް ވާދަކުރައްވައި، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މާމިގިލި އަދި ފެންފުށީގެ ރައްޔިތުންނަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީފުޅުގައި ޤާސިމް ވަނީ، ވޭތުވެދިޔަ 3 ދައުރުގައި ވެސް އެ ދާއިރާގެ ރައްޔިތުން އެމަނިކުފާނަށް އިތުބާރުކުރައްވައި، އެ ދާއިރާގެ މެމްބަރުކަމަށް ހޮއްވަވައިދެއްވީތީ ޝުކުރު ދަންނަވާފައެވެ.
ޤާސިމް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންނަކީ އެމަނިކުފާނުގެ ހިތުގެ އެއްބައިކަށާއި، އިންތިޚާބުގެ މި ރޭހުގައި ވާދަކުރާ މާމިގިލީ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ އާއިލާއަކީ، އިއްޔެވެސް އަދި މާދަމާ ވެސް އެމަނިކުފާނުގެ އާއިލާ ކަމަށެވެ.
މާމިގިލީ ދާއިރާ އަކީ ރާއްޖޭގެ އަތޮޅެއްގައި އޮތް، ތަރައްގީގެ ނާރެހުގައި އެންމެ ކުރިއަރާފައިވާ ދާއިރާއަށް ހެދުމަކީ އަބަދުވެސް އެމަނިކުފާނުގެ އުއްމީދު ކަމަށާއި، އެމަނިކުފާނުގެ އަމިއްލަ މަސައްކަތްޕުޅުންނާއި ފާއިތުވީ އެކިއެކި ސަރުކާރުތަކާއެކު، ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ދާއިރާގެ ރައްޔިތުންނަށް ފެންނާނެކަން ޤާސިމް ފާހަގަކުރެއްވިއެވެ.
މީގެ 20 އަހަރު ކުރިން މި ދާއިރާގެ ދެ ރަށް އޮތް ގޮތާއި މިހާރު މި ސަރަހަައްދަށް ގެނެވިފައިވާ އުމްރާނީ ކުރިއެރުންތަކުގެ ފަސޭހަތަކާއި ނަފާ، ދާއިރާގެ ރައްޔިތުންނަށް ސީދާގޮތެއްގައި ލިބޭކަން ޤާސިމް ފާހަގަކުރެއްވިއެވެ. ވަޒީފާގެ ފުރުސަތުތަކާއި، ދަތުރުފަތުރުކުރުމާއި ވިޔަފާރިއާއި އިގްތިސާދާއި އާންމު އިޖްތިމާއީ ހާލަތު، ﷲ ގެ ތަނަވަސް ރަހްމަތްފުޅުން، ކުރިއަށް ވުރެ މާ ބޮޑުތަނުން ވެސް ތަރައްގީކުރެވިފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ވޭތުވެދިޔަ 40 ވަރަކަށް އަހަރު، އިޖްތިމާއީ، އިގްތިޞާދީ އަދި ސިޔާސީގޮތުން ނުހަނު ބޮޑެތި މަސައްކަތްތަކެއް ކޮށް، ނަތީޖާތަކެއް ނެރެދެވުނުކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން، 2008 ވަނަ އަހަރު ވުޖޫދުކުރި ޤާނޫނުއަސާސީ ހަގީގަތަކަށް ހަދައި، އެ ގާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި، އެންމެ ބޮޑު މަސްއޫލިއްޔަތަކާއި، އެންމެ ބޮޑު ނުރައްކަލެއްގެ ތެރޭގައި، އެންމެ ބޮޑު ޚަރަދެއްކޮށް، އެންމެ ގިނަ އަނިޔާއާއި ނިކަމެތިކަން ލިބި، އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ ވެސް، މިއަދު އެ ދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މެމްބަރުކަން ކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހިމް ކަމާމެދ، މި ގައުމުގެ ތާރީޚް ދެބަސް ނުވާނެކަން ޤާސިމް ފާހަގަކުރެއްވިއެވެ.
ގިނަ ޕާޓީ އެކުލެވޭ، ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމަކާއެކު، ރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއަށް ގެނެވުނު އިންގިލާބީ ބަދަލުތަކުގެ ފޮނިމީރުކަން ރައްޔިތުންނަށް މިއަދު ލިބެންދާއިރު، ޤާނޫން އަސާސީ ނިންމި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް އަދި އެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރި މުހިންމު މަސައްކަތާމެދު އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވާ އެއް ހަމައެއް އޮންނަކަމަށް ޤާސިމް ވިދާޅުވިއެވެ.
އެ ހަމައަކީ، ކޮންމެފަދަ ގުރުބާނީއެއް ވެގެން ނަމަވެސް، ދިވެހީންގެ ދީނާއި ދިވެހިންގެ ގައުމާއި، ދިވެހިންގެ ޤާނޫންއަސާސީ ނަގަހައްޓާ ދިފާއުކުރުންކަން ހާމަކުރައްވައި، ކުރިއަށް އޮތް ދައުރަށް ވެސް އެމަނިކުފާނު ވާދަކުރެއްވީ މި ހަމަ ދިފާއުކުރެއްވުމުގެ މަތިވެރި މަގްސަދުގައިކަމަށް ޤާސިމް ވިދާޅުވިއެެވެ. އަދި އެކަން އިތުރަށް އިސްލާހުކޮށް، އިތުރު ތަރައްގީ ރައްޔިތުންނަށް ހޯދައިީ، އިިތުރު ކުރިއެރުމާއި ފަހިކަން ދާއިރާއަށާއި ގައުމަށް ގެނެސްދިނުމުގެ އަޒުމުގައި ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
މަޖިލީހުގައި، އެއްވެސް ސަރުކާރެއްގެ ނުވަތަ އެއްވެސް އެހެން މީހެއްގެ ނުފޫޒަށް ދީލާނުލާ، ރައްޔިތުންގެ ނިންމުން ދިފާއުކުރާ މެމްބަރަކަށް އަބަދުވެސް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށާއި، ﷲ ގެ އިރާދަފުޅުން، މެމްބަރެއްގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ވެސް ކުރައްވާނެކަމަށް، އަދި އެފަދަ ކަމެއް ނުކުރުމުގެ ސަބަބުން ރައްޔިތަކަށް އަދި ގައުމަށް މިހާތަނަށް އެއްވެސް ބާވަތެއްގެ ދެރައެއް ނޫނީ ނިކަމެތިކަމެއް ލިބިފައި ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް، ތަޖުރިބާއާއި ހިކުމަތްތެރި، އަދި ވިސްނުމާއި ޤާބިލުކަންހުރި ފަރާތްތަކަށް، ޤާނޫނުހަދާ މަޖިލީހަށް އިންތިޚާބުކުރާކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ކުރަނީ، އެފަދަ ފަރާތްތަކުގެ ހިކުމަތްތެރި ތަޖުރިބާ، ޤާނޫނުހަދާ މަޖިލީސްތަކަށް ބޭނުންވާތީ ކަމަށާއި، އެކަމުގެ ފައިދާ އެ ގައުމުތަކުގެ ޤާނޫނީ ހަޔާތަށާއި ރައްޔިތުންނަށް ލިބިގެންދާތީކަމަށް ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން، މަޖިލިސް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކީ އާއިލާގެ މީހެއްތޯ، ތިމާގެ މީހެއްތޯ، ރައްޓެއްސެއްތޯ ނުވަތަ ޕާޓީގެ މީހެއްތޯ ނުބައްލަވައި، ޖުމުލަކޮށް މުޅި ގައުމުގެ ފައިދާއާއި ލާބައަށް ވިސްނެވުމަށްފަހު، އެމަނިކުފާނަށް ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާއަށް ބާރޯސާވެ، އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޤާސިމް އެދިވަޑައިގަތެވެ.
މަޖިލިސް އިންތިޚާބުގައި މާމިގިލީ ދާއިރާގެ ކެންޑިޑޭޓު ނަމްބަރު 4، ޤާސިމް އިބްރާޙީމް އިތުރަށް ވިދާޅުވީ، ﷲ ތަޢާލާގެ އިރާދަފުޅާއެކު، އެމަނިކުފާނު ގަދައަޅާ މަސައްކަތްކުރައްވާނީ، އަންނަން އޮތް ދައުރަކީ ވެސް ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ފާގަތި، ހެޔޮ އަދި އުފާވެރި ދުވަސްތަކަކަށް ހެއްދެވުމަށް ކަމަށެވެ.
- ވީނިއުސް
Advertisement
26 ފެބްރުއަރީ 2024