އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ޝަރުއީ ދާއިރާ އާއި ލޯކަލް ކައުންސިލްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ ބައެއް މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން މިއަދުގެ ޖަލްސާގައި މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓު ފާސްކޮށްފައިވަނީ ކޮމިޓީން ނިންމި ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެއެވެ.
ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށްދިނުމަށް އެދި އެ މުއައްސަސާތަކުން ޝަކުވާތައް ހުށަހަޅަން ފެށުމުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓިން ފެއްޓީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވޮ ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައެވެ.
މާލިއްޔަތު ކޮމިޓީން ފުރަތަމަ ނިންމި ނިންމުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އަދި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ވެސް ބޮޑުކުރަން ނިންމި އެވެ. ނަމަވެސް ރައްޔިތުންގެ ފިއްތުއްތަކާ ހެދި ކޮމިޓީން ފަހުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އަދި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ބޮޑުކުރަން ނިންމި ނިންމުން އުނިކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލީހުން މުސާރަތަކަށް ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 69.2 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެއެވެ.
Advertisement
28 ފެބްރުއަރީ 2024