އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ވަޠަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ޠަބީޢަތުގައި ވާ ކަމެކެވެ. އިސްލާމްދީނަކީ އިންސާނީ ފިޠުރަތާއި، އިންސާނިއްޔަތުގެ ދީން ކަމުގައި ވާތީ، އެ ދީން މިކަމާ ދެކޮޅެއް ނަހަދައެވެ. ދީން ވެސް މިކަން ޤަބޫލު ކުރެއެވެ.
މީހެއްގެ ދީނާއި ޢަޤީދާއަށްފަހު، އޭނާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަޠަނެވެ. ވަޠަންދެކެ ފަޚުރުވެރިނުވާ އިންސާނަކު ނުވެއެވެ.
އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާ ޙިޞާރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ޞިހްޔޫނީ ސިފައިން ދެމުންގެންދާ ޙަމަލާތަކާއެކުވެސް ފަލަސްޠީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަޠަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުންނެވެ. މިއީ މިއަދު ފެންނަމުންދާ ވަޠަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެކެވެ.
ވަޠަންދެކެ ލޯބިވާމީހާ ތިމާގެ ފުށުންވާ ގޯނާތަކާއި، ދުއްތުރާތަކުން ވަޠަނުގެ ކޮންމެ ރައްޔިތަކު ސަލާމަތްކޮށްދޭން ބޭނުންވާނެއެވެ. ރަސޫލު ﷲ z މުއުމިނުންނާއި މުސްލިމުންގެ ސިފަތައް ބަޔާންކޮށް ދެއްވަމުން ޙަދީޘް ކުރައްވާފައި ވެއެވެ. (اَلْمُسْلِمُ مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ، وَالْمُؤْمِنُ مَنْ أَمِنَهُ النَّاسُ عَلَى دِمَائِهِمْ وَأَمْوَالِـهِمْ) މާނައީ: "ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން މީސްތަކުންނަށް ސަލާމަތްކަން ލިބިފައިވާ މީހާއެވެ. އަދި ޙަޤީޤީ މުއުމިނަކީ މީސްތަކުންގެ ލެއާއި މުދާތައް އޭނާގެ ކިބައިން އަމާންވެފައި ވާ މީހާއެވެ."
Advertisement
1 މާޗް 2024