އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އައިޝާ މިހުރީ ޒުވާނުންނާއެކު، އެކުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބުނުވާނެ ކަމެއް ނެތް"

"އައިޝާ މިހުރީ ޒުވާނުންނާއެކު، އެކުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބުނުވާނެ ކަމެއް ނެތް"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 50 ސިކުންތު

ދާއިރާގެ ޒުވާނުންނާއި، ކަނބަލުން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިވަޑައިގެންފިނަމަ، ރައްޔިތުން ބޭނުންވާ ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ (އައިޝާ) ވިދާޅުވެއްޖެއެވެ.

އައިޝާ މިހެން ވިދާޅުވީ، ހުޅުމާލެ ރަބަރުގަސްމަގުގައި އެކަމަނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި، ދާއިރާގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އައިޝާ ވަނީ ދާއިރާގެ އެކި އުމުރުފުރައިގެ ފަރާތްތަކަށް ވަކިވަކިން ހާއްސަ މެސެޖުތަކެއް ދެއްވާފައެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފު ހޯއްދަވައި، އެ މަގާމުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އައިޝާ ވަނީ، ކަންކަމުގައި ކުރިއަށް ދިއުމަށް ކަނބަލުންގެ ހިތްވަރު ހުންނަންޖެހޭނެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުގައި ގިނަ އަދަދެއްގެ ކަނބަލުންތަކެއް ބައިވެރިވިކަން ފާހަގަކުރައްވައި، އެ ކަނބަލުންގެ ކިބައިން އަދި ދާއިރާގެ ހުރިހާ ކަނބަލުންގެ ކިބައިން އައިޝާ އެދިވަޑައިގަތީ އެކަމަނާއާއެކު ވުމަށެވެ. ދާއިރާގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ 46 އިންސައްތަ އަކީ އަންހެނުންނަށްވާއިރު އައިޝާ ދެއްވި ޔަގީންކަމަކީ، އެ ކަނބަލުންގެ އަތުން ދޫނުކުރައްވާނެކަމުގެ ޔަގީންކަމެވެ.

ކޮންމެ ސަރުކާރަކުން ވެސް ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭނެކަމުގެ ފޮނި އުއްމީދުތަކެއް، ހުވަފެންތަކެއް ދައްކާކަން ފާހަގަކުރައްވައި އައިޝާ ވިދާޅުވީ، އެ ހުވަފެންތަކުގައި ކުލަނުޖެހި، މަގުމަތިވެފައިވާ އެތައް ޒުވާނުންނެއް މިއަދު ވެސް މި މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށެވެ. މި މައްސަލައަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، އެކަން އެހެން ނުވެއްޖެ ހާލަތެއްގައި ވެސް، މަޖިލީހަށް އިންތިޚާބުވެވަޑައިގެންފިނަމަ، ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތައް ޒިންމާދާރުކޮށްގެން އެކަން ކުރުވާނެކަމުގެ ޔަގީންކަން އައިޝާ ދެއްވިއެވެ.

"ކޮންމެ ސަރުކާރަކުން ވެސް ދައްކަނީ ޒުވާނުން ކުރިއަރުވާ ވާހަކަ. ޒުވާނުންނަށް މަގު ހޯދައިދޭ ވާހަކަ. ޒުވާނުން ތަރައްގީކޮށްދޭ ވާހަކަ. އަޅުގަނޑަކަށް ނުފެނުނު އެ ތަރައްގީއެއް. މިއަދުވެސް މަގުމަތީގައި ވަޒީފާ ނުލިބިގެން އެއްކޮޅުން އަނެއްކޮޅަށް ދުވަނީ އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ޒުވާނުން. ކޮބައިތޯ ފުރުސަތު ތަކަކީ. އަޅުގަނޑު ޔަގީންކުރަން މިއަދުގެ ސަރުކާރުން މިކަން ބައްލަވާނެކަން. ހަމަގައިމުވެސް ﷲ ގެ އިރާދަފުޅުން މަޖިލީހަށް ހޮވިގެން، ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތައް ޒިންމާދާރުކުރުވާނަން".
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު، އައިޝަތު ނަހުލާ

ހުޅުމާލެ ދެކުނު ދާއިރާގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ތިންބައިކޮށްފަ އެއްބައި މީހުންނަކީ ޒުވާނުންކަން ފާހަގަކުރައްވައި އައިޝާ އެ ޒުވާނުންނަށް ދެއްވި ޔަގީންކަމަކީ، އެކަމަނާ ހުންނެވީ ޒުވާނުންނާ އެކުގައި ކަމުގެ ޔަގީންކަމެވެ. ކަންކަން ކާމިޔާބުކުރުމަށް ބޭނުންވަނީ ހިތްވަރެއް ކަމަށާއި، އެކުގައި ކުރާ މަސައްކަތުން ކާމިޔާބު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް އައިޝާ ވިދާޅުވިއެވެ.

"ތިއްބައި ކޮށްފަ އެއްބައި، ޒުވާނުން މި ދާއިރާގައި ވޯޓުލަނީ. މި ދާއިރާއަށް ވޯޓުލާ ޒުވާނުންނަށް ދަންނަވާލަން އޮތީ، ތި ޒުވާން ކުދިންނާ އެކުގައޭ އައިޝާ މިހުރީ. ހަމަ ޔަގީނޭ، އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށްފިއްޔާ ކާމިޔާބު ނުވާނެ އެއްވެސް ކަމެއް ނޯންނާނެ. ހިތްވަރެއް ބޭނުންވަނީ. ހިތްވަރާއި ފިސާރި ކެރުމާ އެއްކޮށް ނުކުމެ މިހުރީ. އަޅުގަނޑާއެކު ހިންގަވާ"

  - ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު، އައިޝަތު ނަހުލާ

ޒުވާނުންނަށް ދެއްވި ހާއްސަ މެސެޖަށްފަހު އައިޝާ ވަނީ އިސް ރަށްވެހިންނާ މުހާތަބުކޮށް ވެސް ވާހަކަދައްކަވާފައެވެ.

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ގޭގެޔަށް، ރައްޔިތުންގެ ގާތަށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އައިޝާ ޒިޔާރަތްކުރައްވާފައިވާއިރު، އެ ޒިޔާރަތްތަކުން ލިބިވަޑައިގަތް ތަޖުރިބާ އައިޝާ ހިއްސާކުރެއްވިއެވެ.

ވަރަށް ގިނަ ގޭގެއިން، އެ ގޭގޭގައި ދިރިއުޅޭ އިސް ރަށްވެހިންނާ ދިމާވެ، ދެކެވޭ ވާހަކައިން، އެ ބޭފުޅުން އެކަމަނާއާ މެދު ގެންގުޅުއްވާ ގާތްކަމާއި، ކުރައްވާ އިތުބާރު ފެނި، ތަފާތު އިހުސާސެއް ކުރުވި ކަމަށް އައިޝާ ވިދާޅުވިއެވެ. އެ ބޭފުޅުންނަށް ފެނުނީ އެކަމަނާގެ ހިތް ކަމަށާއި، އެ ބޭފުޅުންނަށް ފެންނަނީ، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ދާއިރާއަށް ޚިދުމަތް ކުރަން ނުކުމެފައި ހުރި ކަނބަލެއްގެ ހިތްކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެފަދަ އިހުލާސްތެރިކަމަކާއެކު އައުމުން އެކަމަނާގެ އަތުން ދޫކޮށް ނުލެއްވުމަށް އެދިވަޑައިގެން އައިޝާ ދާއިރާގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ، އެކަމަނާގެ އަތުގައި ހިފި މީހެއްގެ އަތުން ދޫނުކުރައްވާނެކަމުގެ ޔަގީންކަމެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް އައިޝާ ވާދަކުރައްވާއިރު އެކަމަނާގެ ކެންޑިޑޭޓު ނަމްބަރަކީ ހަތަރެކެވެ.

އައިޝާ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 2018 ވަނަ އަހަރު އޭރުގެ ސަރުކާރުން އެކަމަނާގެ ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމްއާއި ދަރިކަލުން ސިޔާދު ގާސިމް ކުށެއްނެތި ޖަލައްލައި ކުރި އަނިޔާތަކާ ގުޅިގެންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، ވަޒީރެއްގެ ގޮތުގައި މަސައްކަތްކުރެއްވި މުއްދަތުގައި އެތައް ހެޔޮބަދަލުތަކެއް އެކަމަނާ ގެނެސްދެއްވިއެވެ. އެގޮތުން ދާއިރާއާ ގުޅުންހުރި އެހެންނަމަވެސް އެހާތަނަށް ހުއްޓިފައިހުރި ގަވާއިދުތަކާއި ގާނޫނުތަކަށް އަމަލުކުރަން ފެށުމާއި، ވުޒާރާގެ ހުރިހާ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ޒަމާނުންސުރެއް ބޭނުންކުރަމުންއައި އޮފީސް އައު އިމާރާތަކަށް ބަދަލުކުރައްވާ ހިދުމަތްތައް ޑިޖިޓަލައިޒްކުރައްވާފައިވެއެވެ.

 

ނަހުލާގެ ވަޒީރުކަމުގެ ގިޔާދަތުގެ ދަށުގައި ރައްޔިތުން ބަލައިގަތް އެތައް ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

 

- ވީނިއުސް

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު