އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އިތުރު އަންހެނުން ބޭނުންވާވަރުން ތަނަވަސް އަނބިމީހާ ދޫކޮށްލައި ދެވަނަ އަނބިމީހާއަށް ސިއްރުން 3 ވަނަ ކައިވެންޏަށް ރަންކިޔުއްވި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އިތުރު އަންހެނުން ބޭނުންވާވަރުން ތަނަވަސް އަނބިމީހާ ދޫކޮށްލައި ދެވަނަ އަނބިމީހާއަށް ސިއްރުން 3 ވަނަ ކައިވެންޏަށް ރަންކިޔުއްވި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 25 ސިކުންތު

މިއީ މުޖުތަމަޢުގެ މިއަދުގެ ޙާލަތު އޮތްގޮތެވެ. ރަނގަޅު ިރިއުޅުމެއް ލިބުނަސް ޝުކުރުވެރިވެވޭ މީހުން މަދުވެއްޖެއެވެ. ލިބުނު ރަނގަޅު ބައިވެރިޔާ އާއިއެކު އުފަލުގައި ދިރިއުޅުމަށްވުރެ އިތުރަށް އަންހެނުން ހޯދަން އުޅުން މިވަނީ ޢާންމުކަމަކަށްވެފައެވެ. 

ތިރީގައި އެވަނީ އެފަދަ ފިރިހެނަކަށް ކަންކަން ދިމާވި ގޮތުގެ ވާހަކައެވެ. ޙަޤީޤަތް ފަޅާއެރުމުން ޖެހުނު ނިކަމެތި ޙާލުގެ ވާހަކައެވެ. ބައިވެރިޔާއަކީ މިފަދަ މީހަކުނަމަ ޝެއާކޮށްލުންވެސް ރަނގަޅު ވާހަކައެކެވެ. ވާހަކަ ވިދާޅުވެލައްވާށެވެ! 

ކައިވެންޏަށްފަހު ފިރިމީހާ އާއި އަޅުގަނޑު ދިރިއުޅެމުން ދިއައީ އަޅުގަނޑުމެންގެ ގޭގައެވެ. ވަރަށް ލޯބިންނެވެ. ދުވަހަކުވެސް މައްސަލައެއް ޖެހި ޒުވާބުކޮށް ހަދާކަށް ނުޖެހެއެވެ. އަޅުގަނޑުކުރާ ކަމެއް ގޯސްވެގެން ޝަކުވާއެއްވެސް ނުކުރެއެވެ. އަޅުގަނޑުވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. 

އަޅުގަނޑުގެ ފިރިމީހާ އާއިއެކު ދިރިއުޅޭތާ 3 ވަނަ އަހަރު ފިރިމީހާ އެކްސިޑެންޓްވެ ފައި ބިނދި ސީރިއަސްވިއެވެ. އެވާހަކަ ނޫސްތަކުގައިވެސް ލިޔުނެވެ. ފިރިމީހާ ބާއްވާފައި އޮތީ އައިސީޔޫގައެވެ. ބައްދަލުވަނީ ހެނދުނާއި ހަވީރު ކުޑައިރުކޮޅަކަށެވެ. ފިރިމީހާގެ ޙާލުހުރިގޮތުން ވާހަކަދެއްކުންވެސް އޮތީ މަނާކޮށްފައެވެ. 

އެކްސިޑެންޓްވިތާ 2 ވަނަ ދުވަހު ހަވީރު އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން އައިސް އަޅުގަނޑު ހޯދާފައި ސުވާލުކުރީ އަޅުގަނޑަކީ އެކްސިޑެންޓްވެގެން އުޅޭ ޢަލީގެ ކާކުތޯއެވެ؟ އަނބިމީހާ ކަމަށް ބުނުމުން އޭނާ ބުނީ އޭނާއަކީ ޢަލީގެ ކުރީގެ އަނބިމީހާކަމަށާއި އެކުގައިހުރީ ޢަލީގެ ދަރިފުޅު ކަމަށެވެ. 

އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. އެއީ މުޅިން އަލަށް އަޑުއިވުނު ވާހަކަތަކަކަށްވުމުންނެވެ. ނަމަވެސް އެއީ އެކަމުގެ ވާހަކަ ދައްކަން އެހައި ރަނގަޅު ވަޤުތު ކަމަށް ނުވުމުން އިތުރު ސުވާލެއް ނުކުރަމެވެ. އޭނާ ބޭނުންވީ ޢަލީ ދެކެލަން ވަދެލާށެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތަކަމަށް ބުނުމުން އޭނާ ވަދެފައި ނުކުމެގެން ދިއައީއެވެ. 

އޭގެފަހުން ކޮންމެދުވަހަކުވެސް އޭނާ ހޮސްޕިޓަލަށް އައިސް ޢަލީ އާ ބައްދަލުކުރެއެވެ. އަޅުގަނޑާއި ވެސް ވާހަކަދައްކައެވެ. އެއީ ވަރަށް ހިތްހެޔޮ، ތަނަވަސް އަންހެނަކުކަންވެސް އެނގުނެވެ. އަދި އޭނާއަކީ ރީތިވެސް އަންހެނެކެވެ. އެހެންވެ ކައިވެނި ރޫޅުނީ ކީއްވެގެންތޯ ފއޭނާ ގާތު ސުވާލުކޮށްލުމުން ބުނީ އޭނާއަކީ ވަރަށް ދަހި އަންހެނެއް ކަމަށެވެ. 

"އަހަރެން ބުނިން އަހަރެންނާއިއެކުގައި އުޅެން ބޭނުންވާނަމަ ޖެހޭނީ ހަމައެކަނި އަހަރެންނާއެކު އެކަނި އިނދެގެން އުޅޭށޭ. ހިލޭ އަންހެނުން ގާތަށް ދިއުމާ ލޯބިވެރިން ގެންގުޅުމަކީ އަހަރެން ޤަބޫލުކުރާނެ ކަންކަމެއް ނޫނޭ. އެވަރުންވެސް އޭނާގެ އުޅުން ބަދަލުނުކުރީ. އަހަރެން ވަރިކޮށްލާފައި ދިއައީ." އޭނާ ކިޔައިދިނެވެ. 

އެހިސާބުން އުފެދުނީ އިތުރު ސުވާލެކެވެ. ހިލޭ އަންހެނުން ނުގެންގުޅެ ނުހުންނަންވެގެން އެހައި ތަނަވަސް އެހައި ރީތި އަންތބަކު ދޫކޮށްލާފައި ދިއަ މީހަކު އަހަރެންފަދަ ފަޤީރު، ސިފަހުތުރު  އަންހެނަކާއި އިނދެގެން ހިލޭ އަންހެނުން ނުގެންގުޅެ ހުރެދާނެބާވައެވެ!" 

ކޮންމެއަކަސް 2 ހަފްތާ ފަހުން ރޫމަކަށް ބަދަލުކޮށްފިއެވެ. އެދުވަހު ހަވީރު އަހަރެންނާއި ކުރީގެ އަނބިމީހާ އާއި ޢަލީގެ ދަރިފުޅު ޢަލީ ގާތުގައި ތިއްބައި ޓަކިޖަހާފައި ވަން އަންހެނަކު ވަންގޮތަށް ގޮސް ޢަލީގެ މޫނުން ދޮންނަގައި ގައިގައި ފިރުމަން ފަށައިފިއެވެ. އަހަރެމެންނަކަށް ބަލައިލުމެއްވެސް ނެތެވެ. 

އޭނާ މައިތިރިވުމުން އޭނާއަކީ ޢަލީގެ ކާކުތޯ ސުވާލުކުރީމާ ޢަލީ އަނގައަކުން ނުބުންޏެވެ. ނަމަވެސް އޭނާ ޖަވާބު ދިނެވެ. "އަހަރެންނަކީ ޢަލީގެ ލޯބިވެރިޔާއެވެ. އެކްސިޑެންޓްވީ ކައިވެނިކުރަން ރަންވެސް ކިޔާފައި ވަނިކޮށެވެ." 

އެހިސާބުން ޢަލީގެ ފުރަތަމަ އަނބިމީހާ އަހަރެންގެ އަތަށް ފިތާލާފައި ނުކުންނަން ހިނގައިގެންފިއެވެ. ފަހަތުން އަހަރެންވެސް ހިނގައިގެންފީމެވެ. ކޮޓަރިން ނުކުމެފައި އޭނާ ބުނީ އޭނާއަށް ވިސްނޭ ގޮތުން ދެން ރަނގަޅުވާނީ ލޯބިވެރިޔާއަށް ޢަލީ ދީފައި އަހަރެމެން ދިއުމެވެ. އެގޮތް ރަނގަޅުވާނެ ކަމަށް ޤަބޫލުކޮށް ނުކުމެގެންދިއަ ގޮތަކަށް ދެމީހުންކުރެ މީހަކު ޢަލީގެ ގާތަކަށް ނުދަމެވެ. 

އަނެއްދުވަހު އަހަރެމެން ދެއަންހެނުން އޭނާގެ ގޭގައި ބައްދަލުކުރީމެވެ. އޭނާގެ ބައްޕަގެ ކުންފުންޏަކުން އަހަރެންނަށް ވަޒީފާއެއްވެސް ހަމަޖައްސައިދިނެވެ. އޭނާވީ އަހަރެންގެ އުޚުތެއް ފަދަ އަންހެނަކަށެވެ. 

އެއިގެ 10 ވަރަކަށް ދުވަސްފަހުން ހޮސްޕިޓަލުން ގުޅާފައި ބުނީ ޢަލީ ދޫކޮށްލައިފިކަމަށާއި ބިލްދައްކާފައި ގެއަށް ގެންދަންވީ ކަމަށެވެ. އަހަރެން އޭނާ ގާތަށް ދެން ނުދާނެ ކަމަށާއި އެކަންކަން ޢަލީ އާއި ވާހަކަދައްކައިގެން ހަމަޖައްސަން ބުނީމެވެ. 

ޢަލީގެ އެކުވެރިއަކަށް ގުޅައި ކަންކަން ބަލައިލިއިރު ވީގޮތަކީ ޢަލީއަށް ދެން މަސައްކަތްކުރެވޭނީ ވަރަށް ގިނަދުވަސް ތަކަކަށްފަހގައިކަން އެނގުމުން ކައިވެނިކުރަން އުޅުނު ކުއްޖާ ފިލީއެވެ. ހޮސްޕިޓަލަށްވެސް ނުދިއައީއެވެ. ކައިވެނިކުރަން ކީރަންވެސް ކަނޑައިލީއެވެ. އެއީ ޢަލީއަށް ވަޒީފާ އަދާކޮށްގެން ފައިސާ ހޯދޭނެ ގޮތެއް ނެތުމުންނެވެ. 

ފަހުން އެނގުނު ގޮތުގައި ޢަލީ ހޮސްޕިޓަލުން ނެރުނީ އޭނާގެ ބޭބެއެކެވެ. ނަމަވެސް އެނާއަކީ ވެސް މާލޭގައި ކުއްޔަށް އުޅޭ މީހަކަށްވެފައި ޢަލީ ބެލެހެއްޓޭނެ ގޮތެއް ނެތުމުން ރަށަށް ފޮނުވައިލީއެވެ. ކޯޓަށް ފޯމުލައިގެން އަހަރެން ވަރިވީ އޭނާ ރަށުގައި ހުއްޓައެވެ. 

މިއަދުނޫހުގެ ލޮބުވެތި ކިޔުންތެރިންނަށް ބުނެލަން އޮތީ އަންހެނުންނަށް މިފަދަ ކަންކަން ކުރިމަތިވުން މިވަނީ ހަމަ ވަރަށް ޢާންމު ކަމަކަށްވެފައެވެ. އަޅުގަނޑުގެ ކުށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެއީ ބަލަންޖެހޭ ކަންކަމަށް ނުބަލައި ކައިވެނިކުރެވުނެވެ. ވީމާ ބުނެލަން ބޭނުންވަނީ މިއުޅޭ ގިނަ ފިރިހެނުން ދައްކާ ވާހަކަތަކަށް އިތުބާރުކޮށްގެން ސަލާމަތްކަމެއް ނެތް ކަމަށެވެ. 

އަޅުގަނޑަށް ޢަލީގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވެވުނީ ދަރިއަކު ނެތުމުންނެވެ. ފުރަތަމަ އަނބިމީހާ ޙާލުގައި ނުޖެހުނީ އޭނާގެ ޢާއިލާގައި ތަނަވަސްކަން ހުރީތީއެވެ. ނިންމާލަމުން ވެސް ބުނަން އޮތީ ކިތަންމެ ބޮޑަށް ލޯބިވީ ނަމަވެސް ޗެކްލިސްޓް ފުރިހަމަނުކޮށް ކައިވެނިކުރުމުގެ ނުބައި އާދަ ދޫކޮށްލަން އެބަ ޖެހޭ ކަމަށެވެ. 

- ޢާޝިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް