އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފަޤީރުކަމުން ކައިވެނިކުރަން ކަމުނުދިއަ ޒުވާނާ އޭނާގެ ތަނަވަސް ބައްޕަގެ ގެ ގަނެލައި ދާނެ ތަނެއް ނެތުމުން އެގޭގައި ގެންގުޅުނުގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ފަޤީރުކަމުން ކައިވެނިކުރަން ކަމުނުދިއަ ޒުވާނާ އޭނާގެ ތަނަވަސް ބައްޕަގެ ގެ ގަނެލައި ދާނެ ތަނެއް ނެތުމުން އެގޭގައި ގެންގުޅުނުގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 52 ސިކުންތު

އަޅުގަނޑުގެން ކޮލެޖުގައި ކިޔެވީ އެކުގައެވެ. އެކުގައި އުޅުނު އަންހެން ކުއްޖަކު ދެކެ ލޯބިވެވުނެވެ. އެކަމަކު އެއްވެސް ގުޅުމެއް ނުހިންގަމެވެ. އެކަން ކައިވެނި ކުރެވޭނެ ދުވަހަކަށް ފަސްކޮށްފައި ބޭއްވީއެވެ. 

ކޮލެޖް ނިމި ވަޒީފާވެސް ލިބުނުފަހުން ކައިވެނިކުރަން ހުށަހެޅުމުން އަންހެންކުއްޖާގެ މައިންބަފައިން އަޅުގަނޑު ޤަބޫލެއް ނުކުރިއެވެ. އެމީހުންނަކީ ތަނަވަސް ބައަކަށްވެފައި އަޅުގަނޑުގެ މައިންބަފައިންނަކީ ފަޤީރުން ކަމަށްވީތީއެވެ. އެހިސާބުން މަޖުބޫރުވީ ދެމީހުން ދުރުވާށެވެ. 

ނަމަވެސް އެހަނދާންތައް އެހައި ފަސޭހައިން ނައްތައެއް ނުލެވުނެވެ. 3 އަހަރުވީއިރުވެސް އުޅެން މިޖެހެނީ އެކަމުގެ ހިތާމައިގައެވެ. އަޅުގަނޑު އަންހެން ކުއްޖާ ކުށްވެރިއެއް ނުކުރަމެވެ.  

މިއަޅުގަނޑުގެ ސުވާލަކީ ތަނަވަސް މީހުންގެ ދަރިން ކައިވެނިކުރަންޖެހޭނީ ހަމައެކަނި ތަނަވަސް މީހުންނާތޯއެވެ؟ 

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ މައްސަލައަކީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައަކަސްވުމުން އެހައި ބޮޑަށް ކަންބޮޑުނުވާށެވެ! އެބާބު ހިތުން ފުހެލަން މަސައްކަތްކުރާށެވެ! އަދި އެންމެ ތަނަވަސް މީހަކަށް ނުވެވުނަސް ފުދުންތެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރާށެވެ! 

މިގޮތަށް ވިސްނާށެވެ! އޭނާ އާއި ކައިވެނި ނުކުރެވުނީ ކައިވެނިކުރެވުނުނަމަ ލިބެން އޮތް ބޮޑު ދެރައަކުން ނުވަތަ ހިތްދަތިކަމަކުން ސަލާމަތްކުރެއްވެވީއެވެ. އެވިސްނުމުގައި ހުރެ ކިޔުންތެރިޔާގެ ދިރިއުޅުން މާއުޖާލާކޮށްދޭނެ ބައިވެރިޔާއަށް އިންތިޒާރުކުރާށެވެ! ﷲ ތަޢާލާގެ އިންތަކުގައި ޘާބިތުވެ ހުރެއްޖެނަމަ އެއަންހެނަކު ތިބާއަށް ދައްކަވާނެތެވެ. އިން ޝާ ﷲ 

ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރާށެވެ! 

އެންމެ ކުޑައިރުންސުރެ އަހަރެންގެ އެންމެ ބޮޑު އެއް އުންމީދަކީ ތަނަވަސް މީހަކަށްވެ ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކަށްވުމެވެ. އެހެންވެ ކިޔެވީ ވިޔަފާރިއެވެ. ވަޒީފާއެއް ހޯދީ ފިހާރައަކުންނެވެ. އެމްބީއޭ ޙާޞިލްކުރީ ވަޒީފާއަދާކުރަމުންނެވެ. 

ފިހާރައަށް އަންނަ ކަސްޓަމަރަކު އަޅުގަނޑާއި އަޅައިގަތެވެ. ގުޅުން އުފެއްދިއެވެ. ހަދިޔާވެސް ދެއެވެ. އެހެންވެ އޭނާއަކީ ތަނަވަސް އަންހެނެއްކަން އެނގުނެވެ. ހުކުރުވިލޭރެއަކު އޭނާ ރެސްޓޯރަންޓަކަށްދާންދިން ދައުވަތުގައި ގޮސްތިބެ އޭނާގެ ތަނަވަސްކަން އެނގިހުރެވެސް އަދި އަހަރެންގެ ފަޤީރުކަން ޤަބޫލުކުރާ ޙާލުގައި އެކަންވެސް ފާހަގަކުރަމުން ހުރި ބޮޑުތަފާތާއިއެކުގައިވެސް އަހަރެންނަށް އޭނާދެކެ ލޯބިވެވިއްޖެކަމަށާއި ކައިވެނިކުރަން ބޭނުންކަމަށް ބުނީމެވެ. އޭނާ ބުނީ ވިސްނާލާފައި ޖަވާބެއް ދޭނެ ކަމަށެވެ. 

އެއިގެ ދެދުވަސްފަހުން ބުނީ އަހަރެންނާއި ކައިވެނިކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް އޭނާއަށް އަހަރެން ކަމުދާ ކަމަށާއި "ބޯއިފްރެންޑެއް"ގެ ގޮތުގައި ގުޅުން ބާއްވަން ބޭނުން ކަމަށެވެ. ކައިވެނި ކުރެވެން ނެތީ އޭނާގެ ބައްޕަގެ ތަނަވަސްކަން ބޮޑުވެފައި އަޅުގަނޑު ފަޤީރުކަމުންކަން ވާހަކައިން އެނގުނެވެ. 

އެހެންވެ ޖަވާބުގައި އަޅުގަނޑުބުނީ އެގޮތް އަޅުގަނޑު ބޭނުންނުވާ ކަމަށާއި ހަމައެކަނި ދެކެފަރިތަކަން ބޭއްވިދާނެކަމަށެވެ. ތަންތަނަށްގޮސް ބައްދަލުކޮށްހަދަން ބޭނުންނުވާ ކަމަށެވެ. ނަތީޖާއަކަށްވީ ދެމީހުންގެ ގުޅުން ކެނޑިގެންދިއުމެވެ. 

އަޅުގަނޑު ގަދައަޅައި މަސައްކަތްކުރީ އަމިއްލަ ވިޔަފާރިއެއް ފެށުމަށެވެ. ކުރިންވެސް ބުނިފަދައިން ތަނަވަސް މީހަކަށްވެ ނިކަމެތިންނަށް އެހީތެރިވާ މީހަކަށްވެވޭތޯއެވެ. 

އަޅުގަނޑު މަސައްކަތްކުރި ފިހާރައަށް ބާޒާރުކުރަނީ އަޅުގަނޑެވެ. އެހެންވެ ބޮޑެތި ވިޔަފާރިވެރިންނާއި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މުސާރަ އެއްކުރަމުން ގޮސް ލާރިކޮޅެއް ޖަމާކުރެވުނީމާ އެކުވެރި ބައެއް ވިޔަފާރިވެރިންގެ އެހިއާއިއެކު ކުޑަ ފިހާރައެއް ހުޅުވީމެވެ.

އަޅުގަނޑުގެ މަސައްކަތުގައި ﷲ ބަރަކާތް ލެއްވެވިއެވެ. އިން ޝާ ﷲ. ވިޔަފާރި ކުރިއަރައި ތަނަވަސްކަން ލިބުނެވެ. ވިޔަފާރީގެ 12 ވަނަ އަހަރު ބޭންކް ލޯނު ނުދެއްކުނު މީހެއްގެ ގެ ބޭންކުން ނީލަންކިޔުމުން އެގެ ގަތީމެވެ. އެއީ ކާކުގެ ގެއެއްކަން އެނގިހުރެއެއް ނޫނެވެ. ގެއެއް ބޭނުންވެގެން ހުރުމުން ގަތީއެވެ. 

ގެ ހުސްކޮށް އަޅުގަނޑާއި ޙަވާލުކުރަންޖެހޭ މުއްދަތު ހަމަވެ އިތުރުވެގެން ދިއުމުން ބޭންކުގެ މީހަކާއި ވަކީލަކާއިއެކު އެގެއަށް ދިއައިމެވެ. އެއީ އެމީހުންގެ ޙާލުބަލާނުލައި ގަދަކަމުން ގެ ހުސްނުކުރުވަންވެގެންނެވެ. 

ގެއިން ބައްދަލުވި އެކަކީ އެމީހަކު ދެކެ ފުރަތަމަ އަޅުގަނޑަށް ލޯބިވެވުނު އަންހެންމީހާއެވެ. އެގެވީ އޭނާގެ ބައްޕަގެ ގެއަށެވެ. ވިސްނާލާފައި ބުނީމެވެ. "ބަދަލުވެވޭނެ ތަނެއް ލިބެންދެން އެންމެން އެއް ފްލެޓަށް ބަދަލުވެލާށެވެ! ވަކީލާ ގެ ހަވާލުކުރާށެވެ!" އެމީހުން އެގޮތަށް ކަންތައްކުރިއެވެ. 

އެއިރު އަޅުގަނޑު މަސައްކަތްކުރަމުން ދިއައީ އެއިރު އަޅުގަނޑު ގަނެގެން ދިރިއުޅޭގެ ތަޅާލާފައި އަލުން ހަދާށެވެ. އެހެންވެ އަޅުގަނޑުވެސް އަނބިދަރިން ގޮވައިގެން އެގެއަށް ބަދަލުވީމެވެ. އެގެއަށް ބަދަލުވިފަހުން ކޮންމެ ދުވަހަކުހެން އޭނާ އާއި ބައްދަލުވެއެވެ. ނަމަވެސް ކުރީގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެމީހުން ރަށަށް ބަދަލުވީ 5 އަހަރުފަހުންނެވެ. އެމީހުންގެ އަތުގައި ފައިސާ ނެތުމުން ކުއްޔެއް ނުނަގަމެވެ. އެކަން ހެދީ ކުރި ޞަދަޤާތަކަށެވެ.

މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަ ޙިއްޞާމިކުރީ އަޅުގަނޑަށް ﷲ ދެއްވެވި ތަނަވަސްކަމުގެ ވާހަކަދައްކާކަށް ނޫނެވެ. ބުނެލަން ބޭނުންވަނީ ތަނަވަސްކަމަކީ ﷲ ދެއްވަވާ އެއްޗެކެވެ. ތަނަވަސްކަން ދެއްވެވުމުން ލޯބިވުން ފަދަ ކަންކަމުގައި އަނެކާގެ ޖީބުގައި މިންއަޅައި ބުރަދަން ނުކިރާށެވެ. އެއްޖީބުން އަނެއް ޖީބަށް ކޮންމެ ވަގުތަކުވެސް ފައިސާތައް ބަދަލުކުރައްވަވައިފާނެއެވެ. އެކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ.

 

- ޝާކިރު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް