އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސް ފިރިއެއްގެ އަންތބަކަށް ވެވުމުން ނޯކަރުންނަށް ރަޙުމްނުކޮށް އަނިޔާވެރިވި އަންހެނަކަށް ފިލާވަޅެއްދޭން އެއްފަހަރާ 3 ނޯކަރުންނާ ކައިވެނިކުރި ތަނަވަސް މީހެއްގެ ވާހަކަ-

ތަނަވަސް ފިރިއެއްގެ އަންތބަކަށް ވެވުމުން ނޯކަރުންނަށް ރަޙުމްނުކޮށް އަނިޔާވެރިވި އަންހެނަކަށް ފިލާވަޅެއްދޭން އެއްފަހަރާ 3 ނޯކަރުންނާ ކައިވެނިކުރި ތަނަވަސް މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 43 ސިކުންތު

މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ ހެޔޮލަފާ އަޚްލާޤް ރަނގަޅު ބައިވެރިއަކު ލިބުމެވެ. ތަނަވަސް ބައިވެރިއަކު ލިބުމަކީ އިތުރު ބޯނަސްއެކެވެ. އެއީ ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. ނަމަވެސް އެކަމުގެ އަގު ވަޒަން ނުކުރެވޭ ބައަކުވެސް އުޅެއެވެ. 

ތިރީގައިވާ ވާހަކައަކީ ނިޢޔުމަތަށް ޝުކުރުނުކުރެވޭ މީހުންނަށް ރަނގަޅު ފިލާވަޅެކެވެ. އަދި ކޮންމެ މީހަކުވެސް ޢިބްރަތް ޙާޞިލްކުރުން މުހިންމު ފިލާވަޅެކެވެ.

އެއީ ތަނަވަސް މީހެއްގެ ގެއެވެ. އެގޭގައި ނޯކަރުންގެ ގޮތުގައި 4 މީހުން މަސައްކަތްކުރެއެވެ. އެއީ 3 އަންހެނުންނާއި ފިރިހެނެކެވެ. އަހަރެމެން އެންމެން ގުޅިގެން ބޮސްއަށް އައީ ވަރަށް ރަނގަޅަށް ޚިދުމަތްކުރަމުންނެވެ. އެންމެންވެސް ބޮސްދެކެ ވަރަށް ލޯބިވެއެވެ. އެއީ އަހަރެމެންނަކީ މުވައްޒިފުން ކަމަށް ނުދެކި އެއަށްވުރެ މާގާތްކޮށް ދެކޭތީއެވެ. 

ބައެއް ފަހަރު ކާން އިށީނދެފައި އަހަރެމެންގެ ތެރެއިން މީހަކު ނުކައިހުރިތޯ ބެލުމަށްފަހު ނުކައިހުރިނަމަ ގެންގޮސް މޭޒުދޮށުގައި ބައިންދައިގެން އެކުގައި ކާންވެސް ބުނާނެއެވެ. އެހެންވެ ގޭތެރޭގައި އޮންނަނީ އަބަދުވެސް އުފާވެރިކަމެވެ. 

ބޮސް ކައިވެނިކުރަން ބޭނުންވެގެން އަންހެންކުއްޖަކު ގެއަށް ގެންނަން ފަށައިފިއެވެ. ކައިވެނީގެ ކުރިން އޭނާވެސް ވަރަށް ހިތްހެޔޮކޮށް ވާހަކަދައްކައި އުޅުނެވެ. ނަމަވެސް ކައިވެނިކުރެވުމާއިއެކު އޭނާވީ "އިފްރީތެއް" ފަދަ އަންހެނަކަށެވެ. އަބަދުހެން އޮންނަނީ ކންމެވެސް މީހެއްގެ ކުށްދެއްކުމާއި އަމުރުކުރުމެވެ. ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވިއެވެ. އެހެންވެ އޭނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި 4 މީހުންވެސް އައީ ދުޢާކުރަމުންނެވެ. 

ކޮންމެއަކަސް ދުވަސްކޮޅަކުން ބަލިވެ އިނދެއްޖެއެވެ. އަހަރެމެން ހީކުރީ އެހިސާބުން އޭނާ އިޞްލާޙްވާނެ ކަމަށެވެ. ނަމަވެސް ނުބައިކަން ބޮޑެވެ. ވިހެއުމަށްފަހު އެއަށްވުރެވެސް ނުބައިކަން ބޮޑުވިއެވެ! ބޮސްއަށް އެކަންކަން ރަނގަޅަށް އެނގެއެވެ. ބޮސްބުނަނީ އަނގައިން ނުބުނެ މަޑުން ތިބުމަށެވެ. ކުށްވެރިންނަށް އަދަބުލިބޭ، ރަނގަޅު، ކެތްތެރިންނަށް އިނާމުލިބޭ ދުވަހެއް އަންނާނެ ކަމަށެވެ. 

ކޮންމެއަކަސް ދަރިފުޅު ރޯތާ އެތައްއިރެއްވާއިރުވެސް ކޮޓަކުން ނުނަގައެވެ. އަހަރެމެންނަށް ކެތް ނުކުރެވިގެން ގޮސް ނަގާތަނުން ބޮސްއަށް ފެނިގެން އަހަރެމެން މީހަކާއި އަނގައިން ބުނެފިނަމަ އެވަރަށް އެއްޗެތިގޮވައެވެ. "މިގޭގެވެރިއަކީ އަހަރެން. ކަލޭމެންގެ ވެރިއަކީވެސް އަހަރެން! އަހަރެން ބުނީމަ ނޫނީ ކޮޓަރިއަށް ވަދެގެން ނުވާނެ!" ފަދަ ބަސްތައްވެސް ބުނެއެވެ. 

އެއް ދުވަހެކެވެ. ދަރިފުޅު ރޮނީއެވެ. ބޮސް ސައިބޯންއިނެވެ. އަނބިމިހާ ފޯނާއިކުޅެން އިނެވެ. ދަރިފުޅު ގާތަކަށް ނުދެއެވެ. ކެތް ނުކުރެވިގެން ގޮސް ކޮޓަރިއަށްވަދެ ދަރިފުޅު ނެގިތަނާ ބޮސް ސައިބޮއިނިމިގެން ކޮޓަރިއަށް ވަދެއްޖެއެވެ. ފަހަތުން އަނބިމިހާވަދެ އާދައިގެ މަތިން އެއްޗެތިގޮވަން ފަށައިފިއެވެ. 

ބޮސްބުނީ މަސައްކަތް ބަހައްޓާފައި 3 އަންހެނުން ފެންވަރައި ރީތިވުމަށެވެ. ރީތިވީތަނާ 3 އަހެނުން ކާރަށް އަރުވައިގެން ހޮޓަލަކަށް ގެންގޮސްފިއެވެ. އެތަނަށް ބައަކު ގެނުވާފައި ބުނީ އަހަރެމެން 3 އަންހެނުންނާއި އެއްފަހަރާ ކައިވެނިކުރަން ބޭނުން ކަމަށެވެ. ބޮސް އެހެން ބުނާއިރަށް އެމީހުން ލިޔެކިޔުންތައް ފުރިހަމަކޮށް އަހަރެމެންގެ ޢާއިލާތަކަށް ފޯނުކޮށް ވަލީދޭން ތިބި މީހުން (ބައްޕަ ނުވަތަ ބޭބެ) ގެނުވައި ވަލީ ހޯދައިގެން އަހަރެމެންލައްވައި ރަންކިޔުއްވުމަށްފަހު ކައިވެނިކޮށްދީފިއެވެ. 

އެކަންކަން ނިމުމުން އަހަރެމެން ގޮވައިގެން އައިސްގެއަށްވަނުމާއިއެކު އަނބިމީހާ ރުޅިގަދަވެ ދިއައީ ކޮންތަނަކަށްތޯ ކުރީ ކޮންކަމެއްތޯ ސުވާލުކުރަން ފަށައިފިއެވެ. ސުވާލުކުރަން ފެށުމުން ކުރިކަންތައް ބޮސް ކިޔައިދީފިއެވެ. ކިޔައިދޭއިރަށް ވަރިވާން އެދިއްޖެއެވެ. އެދޭއިރަށް ވަރިކޮށްދީފިއެވެ. ވަރިކޮށްދޭއިރަށް ދަރިފުޅުވެސް ބާއްވާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. 

އޭނާ ދިއުމުން ބޮސް ބުންޏެވެ. "މިކަންކުރީ އޭނާއަށް ފިލާވަޅެއް ދޭށެވެ! އަހަރެންނާއި ކައިވެނިކޮށްގެން އުޅެން ބޭނުންނަމަ 3 އަންހެނުންވެސް އަނބިންގެ ގޮތުގައި ތިބޭށެވެ. ބޭނުން ނެތް އަންތބަކުހުރިނަމަ މިހާރުވެސް ވަރިކޮށްދޭނަމެވެ. އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އަހަރެން ބޭނުންވަނީ ދަރިފުޅު ރަނގަޅަށް ބަލާށެވެ! ކައިވެނިމިކުރީ ސިފައަށް ބަލައިގެނެއް ނޫނެވެ. ސިފައަށް ނުބެލީމާ ހުރިހާ އަންހެނުންވެސް ހަމަ ވަރަށް ރީތިވާނެއެވެ! އަންހެނުންގެ ސިފަ ރީތިކުރުމަކީ އަންހެނުންގެ ކަމެކެވެ. އަޚްލާޤް ރަނގަޅުކުރިވަރަކަށްދާނީ ސިފަ އިތުރަށް ރީތިވަމުންނެވެ." 

3 އަންހެނުންވެސް ބޭނުންވީ އަނބިންގެ ގޮތުގައި ތިބޭށެވެ. ބޮސް އެވަރަކުންވެސް ނިންމައިލީއެއް ނޫނެވެ. ނޯކަރަކަށް އުޅުނު ފިރިހެން މީހާއަށްވެސް އަނތބަކު ހޯދައިދިނެވެ. އަންބިމީހާގޮވައިގެން ގޭގައި އުޅުމުގެ ފުރުޞަތުވެސް ދިނެވެ. އެހިސާބުން އަނެއްކާވެސް ގޭގައި އޮތީ އުފާވެރިކަމެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ އަޅުގަނޑަކީވެސް އެ އަނބިމީހާފަދަ ނުބައި އަންތބެއްގެ ނުބައިކަން ތަޖުރިބާކޮށްގެންހުރި އަންހެނަކަށްވާތީއެވެ. އޭނާގެ އަނިޔާވެރިކަމަށް ކެތްނުކުރެވިގެން ގޭގައި އުޅޭތާ އެތައް ދުވަހެއްވީ ގެއިން ނުކުތީއެވެ. އޭނާއަށްވެސް އެގޭގައި އުޅެވުނީ ކުޑަދުވަސްކޮޅަކުއެވެ. ވަރިކޮށްފައި ފޮނުވާލައިފިއެވެ. 

ބުނެލަން ބޭނުންވަނީ ނިޢްމަތެއް ދެއްވެވިނަމަވެސް ނީކަރުންނަށް ނިކަމެތިކަން ނުދޭށެވެ. އޯގާތެރިވާށެވެ. ނޫންނަމަ އެމީހަކަށްވެސް ހިތްދަތިކަން ލިބޭނެ ދުވަހެއް އަންނާނެއެވެ.  

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް