އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާއަށް ކުށެއް ކުރެވުނީމާ މާފުކުރަން އުނދަގޫވެ މާފުނުކުރެވުނު އަންހެނެއްގެ ސުވާލުތަކެއް-

ބައިވެރިޔާއަށް ކުށެއް ކުރެވުނީމާ މާފުކުރަން އުނދަގޫވެ މާފުނުކުރެވުނު އަންހެނެއްގެ ސުވާލުތަކެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ މާފުކޮށް ދެވަނަ ފުރުޞަތު ދިނުން ކަމުގައިވީނަމަވެސް މާފުނުކުރެވޭ މީހުންވެސް މަދެއް ނޫނެވެ. ހަމައެއާއިއެކު މާފުނުކުރެވޭނެނަމަ އެކުގައި އުޅުމަކީ ލިބޭ އަނިޔާއެއްކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ހަމަ އެއާއިއެކު މާފުކުރުމުން އިޞްލާޙްވެ ކުރިއަށްވުރެ ރަނގަޅަށް އުޅޭ މީހުންވެސް ތިބެއެވެ.  

ތިރީގައި އެވަނީ ބައިވެރިޔާއަށް ކުށެއް ކުރެވުމުން މާފުނުކުރެވުނު އަންހެނެއްގެ ވާހަކައެވެ.

އަޅުގަނޑުމެންގެ ކައިވެންޏަށް 8 އަހަރު ފުރުނުއިރު 2 ދަރިންވަނީ ލިބިފައެވެ. ދެބަސްވުމާއި އަރާރުންވުމާއި ބޭވަފާތެރިވުމުގެ މައްސަލައަކީ ދެމަފިރިންގެ މެދުގައި އެއްވެސް ވަރަކަށް އޮތް މައްސަލައެއް ނޫނެވެ. އެހެންކަމުން ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ.  

އެހެންކަމާއިއެކުވެސް ފިރިމީހާގެ ކިބައިން ފެނުނު އެންމެ ޢަމަލެއް މުޅި އިމާރާތް ބޯމައްޗަށް ވައްޓައިލިއެވެ. ބިންގަލުންވެސް ލުހިގެންދިއައެވެ. އެއީ މުވައްޒިފަކާއިއެކު ގެސްޓްހައުސްއެއްގައި ނިދިކަން އެނގުމުންނެވެ. އެއީ ކުރެވުނު ކުށެއްކަމަށް ފިރިމީހާ ޤަބޫލުކުރިއެވެ. މާފަށްވެސް އެދުނެވެ. ނަމަވެސް އެކަން މާފުކުރަން ފަސޭހައެއް ނުވިއެވެ.  

އެއީ ދެމަފިރިންގެ މެދުގައި އެއްވެސް ވަރެއްގެ މައްސަލައެއް ނުޖެހިތިބެފައި ކުއްލިއަކަށް ފިރިމީހާ އެފަދަ ނުބައިކަންބޮޑު ޢަމަލެއް ކުރީތީއެވެ. ފިރިމީހާއަށް މާފުކުރަން އަޅުގަނޑު މަސައްކަތްކުރީމެވެ. ނަމަވެސް އެކަމެއް ނުކުރެވުނެވެ. ހިނިތުންވާން މަސައްކަތްކުރީމެވެ. އެކަމެއްވެސް ނުކުރެވުނެވެ. ލޯބިދޭން މަސައްކަތްކުރީމެވެ. އެކަމެއްވެސް ނުކުރެވުނެވެ. ގައިގައި ބީހެން މަސައްކަތްކުރީމެވެ. އެކަމެއްވެސް ނުކުރެވުނެވެ. އެންމެފަހުން އަޅުގަނޑަށް މަޖުބޫރުވީ ދެމީހުން ވަކިވާށެވެ. އޭނާ އާއި ދުރަށްދާށެވެ.  

ޤަބޫލުކުރަމެވެ. ވަރަށް ލޯބިން ބިނާކުރި ދިރިއުޅުން ނިމުމަކަށް ގެނެވުނީއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟ އަޅުގަނޑަށް ހަމަ ކެތް ނުކުރެވުނީއެވެ. އެހެންގޮތެއް ނުވެސް ވިސްނުނީއެވެ. އެކަން އެގޮތަށްކުރީ އިސްތިޚާރާވެސް ކުރުމަށްފަހުގައެވެ.  

އަޅުގަނޑު އެގޮތަށް ކަންތައް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަޅުގަނޑަށް އަމާޒުވިއެވެ. ކުރެވުނު އެންމެ ކުށަކަށް މާފުނުކުރީތީ ބައެއް އެކުވެރިން ރުޅިވެސް އައެވެ. އެހެންކަމުން މިފުރުޞަތުގައި އަޅުގަނޑު ބޭނުންވަނީ އެއެކުވެރިންނާއި ސުވާލެއް ކޮށްލާށެވެ!  

އެއީ އަޅުގަނޑަށް ކުރެވުނު ކުށެއްނަމަ ކަންކަންކަން ވީހީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުގެ ބުރަކަށީގައި ފިރިމީހާ ފިރުމާނީ ހެއްޔެވެ؟ ނޫނީ ގެއިން ނެރެ ހޫރާލާނީ ހެއްޔެވެ؟ އެކުށް ކުރެވުނީ ފިރިމީހާއަށް ކަމަށްވުމުން އަޅުގަނޑަށް ކުރެވުނުނަމަ ފިރިމީހާ ޢަމަލުކުރާނެ ގޮތް އޮތީ ސުވާލެއްގެ ގޮތުގައެވެ. އޮންނާނީވެސް ސުވާލެއްގެ ގޮތުގައެވެ.  

ނަމަވެސް ދުނިޔޭގައި ކަންހިނގަމުން އަންނަ ގޮތަށް ބަލާށެވެ! ފިރިމީހާގެ އެފަދަ ކުށްތަކަށް މާފުކުރަން މަސައްކަތްކުރާ އަނބިންނަށް ދިރިއުޅެން ޖެހޭ ނިކަމތި ޙާލަށް ބަލާށެވެ! އިޞްލާޙްވަނީ ސަތޭކައަކުން އެންމެ ފިރިއެއްކަމަށްވެދާނެއެވެ. ދެން އޮތީ މާފުކުރުމެވެ. އަނބިމީހާއަށް އެފަދަ ކުށެއް ކުރެވިއްޖެނަމަ މާފުކުރަނީ ހާހަކުން މީހެކެވެ. ވަރިނުކޮށް ގެންގުޅުނު ނަމަވެސް ގެންގުޅެނީ އަޅެއްފަދައިންނެވެ. ބޭނުންހައި ގޮތެއް ހަދައިގެންނެވެ.  

ކޮންމެ މީހަކަށް ނަމަވެސް ކުށެއް ކުރެވިދާނެ ކަމަށް ޤަބޫލުކުރަމެވެ. ހިލޭ މީހަކަށް ބަހެއް ބުނެވިދާނެއެވެ. ފަހަރެއްގައި ގައިގައި ބީހިލައި ފިރުމައިވެސް ލެވިދާނެއެވެ. ނަމަވެސް އެއްދާންކޮށް އެކުގައި ރޭކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ބައިވެރިޔާދެކެ ލޯބިވާ އެއްވެސް މީހަކުކުރާނެ ކަމެއް ނޫނެވެ. މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ޙާދިސާގެ ސިލްސިލާގެ ބައެއް ވާހަކަތަކުގައި ބުނެފައިވާ ފަދައިން ބައިވެރިޔާ އެހެން މީހަކާއިއެކު ފާހިޝް ޢަމަލު ހިންގައިފިނަމަ އިތުރަށް އެކުގައި އުޅެން މަސައްކަތްކުރުމުން ލިބޭނީ ހަމަ އަނިޔާއެވެ. އެހިސާބުން އިތުބާރު ކަފުންކޮށް ވަޅުލެވުނީއެވެ.

މިއީ އަޅުގަނޑުގެ ވިސްނުމެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރީ އެފަދަ ކަމެއް ކުރިމަތިވުމުން އަޅުގަނޑަށް ޢަމަލުކުރެވުނު ގޮތެވެ.  

- އަމީނާ / މއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ