އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކަންނެތް، ހިލޭ އަންހެނުންގެ ފަހަތުންދުވާ ބަލި ޖެހިފަހުރި ފިރިހެނަކާ ކައިވެނިކުރުމަށްވުރެ މުޅި އުމުރު އެކަނި ހުރުންވެސް މާރަނގަޅުވާނެ!: މަރީނާ

ޢިބްރަތްތެރި ވާހަކަ: ކަންނެތް، ހިލޭ އަންހެނުންގެ ފަހަތުންދުވާ ބަލި ޖެހިފަހުރި ފިރިހެނަކާ ކައިވެނިކުރުމަށްވުރެ މުޅި އުމުރު އެކަނި ހުރުންވެސް މާރަނގަޅުވާނެ!: މަރީނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 42 ސިކުންތު

ކައިވެނިކުރާ ވަޤުތުން ފެށިގެން އަނބިމީހާއަށް ޚަރަދުކުރުމާއި ބޯހިޔާވަހިކަން ހޯދައިދިނުމަކީ ފިރިމީހާގެ ޒިންމާއެކެވެ. ނަމަވެސް ކަންކަން ހުންނަގޮތުން އަނބިމީހާގެ އެހީތެރިކަމުގައި ދިރިއުޅުމުގެ ފުރުޞަތުވެސް ބައެއް މީހުންނަށް ލިބެއެވެ.

އެކަމަކީ އެއިގެ ޒާތަށް ބަލައިފިނަމަ މައްސަލައެއްވެސް ނޫނެވެ. މައްސަލައަކަށްވަނީ އަނބިމީހާގެ އެހީތެރިކަމުގައި ދިރިއުޅެމުންވެސް، ދެއްވެވި ނިޢުމަތަށް ޝުކުރުވެރިނުވެވޭ ކަމެކެވެ. ތިމާއަދާކުރަންޖެހޭ މަސްއޫލިއްޔަތު އަނބިމީހާ އަދާކޮށްދޭއިރުވެސް ޝުކުރުވެރިނުވެވޭކަމެވެ. އަނބިމީހާއަށް މަކަރު ހަދައި ބޭވަފާތެރިވެވޭ ކަމެވެ.  

ތިރީގައި އެވަނީ އެފަދައިން ކަންކަން ކުރެވޭ މީހުންނަށް ޢިބްރަތެއް ލިބޭނެ ވާހަކައެކެވެ. އިން ޝާ ﷲ.  

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ ފެހުމުގެ މަސައްކަތްކުރާ އަންހެނަކީމެވެ. މަންމައަކީވެސް ފެހުމުގެ މަސައްކަތްކުރި އަންހެނަކަށްވުމުން ވަރަށް ކުޑައިރު ފަހަން ދަސްވެއްޖެއެވެ. އެހެންވެ ސްކޫލްގައި އުޅުނުއިރުވެސް ލިބޭ ހުސްވަގުތުތަކުގައި ފަހަމެވެ. ފަހަން ލިބޭ އެއްޗެތި ގިނަވުމުން މަންމައަށް އަބަދުވެސް އޮންނަނީ މަސައްކަތްނުކުރެވިފައެވެ. އެހެންވެ މަންމައަށް ފަހައިދިނީމާ މަންމަ ފައިސާވެސްދެއެވެ. އެހެންވެ ސްކޫލްގެ ފަހު 2 އަހަރު މަންމަ އަތުން ފައިސާ ހޯދަންވެސް ނުޖެހެއެވެ.  

އުމުރުން 20 އަހަރުގައި ކައިވެނިކޮށްފީމެވެ. އެއީ ވަރަށް ކަންނެތް މީހެއްކަން އެނގުނީ ކައިވެނިކުރެވުނު ފަހުންނެވެ. އެހެންވެ ވަރަށް ފޫހިވެފައި ހުއްޓައި އޭނާ ލޯބިވެރިއަކު ގެންގުޅޭކަން އެނގިއްޖެއެވެ. އެކަން އެނގުމުން ފޫހިކަން އިތުރުވިއެވެ. ވަރިވާން ބޭނުންވިއެވެ. ނަމަވެސް ވިސްނަމުންދިއައީ ވަރިއަށް ނުއެދި ވަރިވާނެ ގޮތަކަށެވެ.  

އެދުވަސްވަރު އަމިއްލަ ނަފްސަށް ވަރަށް ފަރުވާކުޑަކުރެވުނެވެ. ފަތިހު ހިނގަންދާންވެސް ފޫހިވިއެވެ. ހިނގަންދިއުން މަދުކޮށްލެވުނުތަނާ ފަލަވާން ފަށައިފިއެވެ. އެކަމަށްވެސް އަޅައެއް ނުލަމެވެ. އަޅައިވެސް ނުލައި ހުރީއެވެ. އެހެން ހުއްޓައި ފުރަތަމަ ދަރިފުޅަށް ބަލިވެއިނދެއްޖެއެވެ. ބަލިވެއިނުމާއިއެކު އިތުރަށް ފަލަވާން ފަށައިފިއެވެ. ބަނޑަށް ހަތަރުމަސްފުރުނުއިރު ހުރީ ފުދޭވަރަކަށް ފަލަކޮށެވެ.

އެދުވަސްވަރު ފިރިމީހާ އޭނާގެ ލޯބިވެރިޔާ އާއިއެކު އިތުރުދަރަޖައަކަށް ކުރިއަށް ޖައްސައިލިއެވެ. ރޭގަނޑު ނިދަންވެސް ނާންނަން ފަށައިފިއެވެ. އެހިސާބުން ކެތެއް ނުކުރެވުނެވެ. އުޅުން އިޞްލާޙްކުރަން ނުވަތަ ވަރިކުރަން ބުނަން ފަށައިފީމެވެ. އޭނާ އިޚްތިޔާރުކުރީ ވަރިކުރުމެވެ. ވަރިކުރީތީ ދެރައެއް ނުވަމެވެ. ނަމަވެސް ވަރިކޮށްފައި ދަމުން "ބިޔައެތަކާއި ކައިވެނިކޮށްގެން ދުވަސްތައް ބޭކާރުކުރަން ބޭނުންވާނީ ކާކުތޯ؟" ސުވާލުކުރީމާ ވަރަށް ދެރަވިއެވެ. ހިތަށް އެރިއެވެ. "ފިރިމީހާއަށް ލިބޭ ފައިސާގެ ބޭނުން ނުކޮށް، އަމިއްލަ ޚަރަދުގައި ކާންބޯންދީ އުނުއަންނައުނުދީގެން ގެންގުޅެވުނުކަމުން ޙާޞިލުމިކުރެވުނީ ކޮންކަމެއް ހެއްޔެވެ؟" 

ވިހައި ގަދަވުމަށްފަހު ކެއުމަށް ބަދަލުގެނައިމެވެ. މެޝިނެއް ގަނެގެން ކޮންމެ ދުވަހަކު ކަސްރަތުކުރަންފެށީމެވެ. ދާދިއަވަހަށް ހަށިގަނޑަށް ބަދަލުއަތުވެއްޖެއެވެ. ކުރީގެ ލޫޅާފަތިކަން ލިބިއްޖެއެވެ. އެކަމުން ހިތްހަމަޖެހުން ލިބިއްޖެއެވެ.  

ފެހުމުގެ މަސައްކަތް ފުޅައުކުރަމުން ގޮސް ގޭގައި މަގުމައްޗަށް ހުންނަ ކޮޓަރި ފަހާތަނަކަށް ބަދަލުކުރީމެވެ. 3 މުވައްޒިފުންވެސް ގެންގުޅެން ފެށީމެވެ. އެގޮތަށް މަސައްކަތްކުރަން ފަށައިގަތްތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތަނަވަސްކަން އިތުރުވާންފަށައިފިއެވެ.  

ދެވަނަ ކައިވެނިކުރީ އުމުރުން 28 އަހަރުގައެވެ. އޭނާއަކީ ވަރަށް މަސައްކަތްތެރި މީހެކެވެ. އޭނާއާއި ގުޅުން އުފެދުނީވެސް ފަހާފޮށްޓަށް މައްސަލަ ޖެހުނީމާ މަރާމާތުކުރަން ގެނުވުމުގެ ތެރެއިންނެވެ. ކައިވެންޏަށްފަހުވެސް އޭނާ ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. ރޭގަނޑު 11 ޖަހައި ފަހާތަން ބަންދުކުރަންދެން އޭނާ އުޅެނީ މީސްމީހުންނަށް މަސައްކަތްކޮށްދޭށެވެ. ދެމީހުން އެކުގައި ބޭރަށްދާނަމަ އެރެއެއް ކުރިއަށް ކަނޑައަޅައި ވަގުތު ހުސްކުރަނީއެވެ.  

އެހެން އުޅެނިކޮށް ހެދުން ފައްސުވަން އަންނަ އަންހެނަކު ގާތްގުޅުމެއް އުފައްދާފައި ކުރީގެ ކައިވެންޏާއިބެހޭގޮތުން ސުވާލުކޮށްފިއެވެ. ސުވާލުކުރުމުން ކަންކަން ހިނގައިދިއަގޮތް ކިޔައިދިނީމެވެ. ކިޔައިދިނީމާ އޭނާ ބުނީ އޭނާ ކައިވެނިކޮށްގެން އުޅެނީ އަޅުގަނޑުގެ ކުރީގެ ފިރިމީހާއާއި ކަމަށެވެ. އަދި އޭނާ އަކީ ކުރިން ކައިވެނިކޮށްގެން އުޅުނު މީހެއްކަން އެނގުނީވެސް ކައިވެނިކުރިފަހުން ކަމަށެވެ. އޭނާވެސް ދެއްކީ ފިރިމީހާގެ ކަންނެތްވާހަކަ އާއި އަބަދު ނިދަން އޮންނަ ވާހަކައެވެ. ރޭގަނޑުވުމުން ހިލޭ އަންހެނުންނާއިއެކު ތަންތަނަށްދާ ވާހަކައާއި އެހެންވެ ވަރިވާން ފޯމުލައިގެން އުޅޭވާހަކައެވެ.  

އެއިގެ ހައަކަމަސް ފަހެވެ. ދެއަންހެނުން އެކުގައި ފަހާތަނުގައި ތިއްބައި ކުރީގެ ފިރިމީހާ އަތުވެއްޖެއެވެ. ދޮރުމަތީގައި ބަލަން ހުރެހުރެފައި އެރޭ ހިނގައްޖެއެވެ. އަނެއްރޭ ވެސް އަތުވެއްޖެއެވެ. އެއިރު ތިބީ އަޅުގަނޑާއި 3 މުވައްޒިފުންނެވެ. ވަދެފައި މިއައީ ވާހަކައެއް ދައްކާލަންކަމަށް ބުނުމުން ފުރުޞަތުދިނީމެވެ.  

ފުރަތަމަ ދެއްކީ ދަރިފުޅުގެ ވާހަކައެވެ. ދަރިފުޅުދެކެ ލޯބިވާ ވާހަކައެވެ. ދަރިފުޅާއި ގުޅުން ބަދަހިކުރަން ބޭނުންވާ ވާހަކައެވެ. ބުނީމެވެ. "ބޮޑުވެގެން ކައިވެނީގެ މަޖިލިސްގައި ވަލީދޭންޖެހުމުގެކުރިން ދަރިއަކުހުރިކަން އެނގުނުކަން ރަނގަޅުތާއެވެ!" އެހެން ބުނުމުން ދެންފެށީ ދަރިފުޅަށްޓަކައި އަލުން ދެމީހުން ކައިވެނިކުރާ ވާހަކައެވެ. އެކަމުން ސަލާމްތްވާން ބުނީމެވެ.  

"ތިއަ ދައްކަނީ އެންމެ ދަރިއެއްގެ ވާހަކައެވެ. އެދަރިއަށްޓަކައި ކަލެއާއި ކައިވެނިކޮށްފިއްޔާ ހަގަށް ތިބި 3 ދަރިންގެ ޙައްޤަށް އަރައިގަނެވުނީއެވެ. ތިއަކަންވާކަށް ނެތެވެ. އަނެއްކާ އެތެއްގެ ސިފަ ޖަހާ އަންހެނަކާއި ތިއަހާ ރީތި މީހުން ކައިވެނިކުރަން ހެޔޮނުވާނެ ނޫންހެއްޔެވެ؟ ރަނގަޅު ނަޞޭޙަތެއް ދެން ހެއްޔެވެ؟ ކަންނެތްވުމާއި ހިލޭ އަންހެނުންގެ ފަހަތުންދުވާ ބަލި ޖެހިފަ ހުރި  ފިރިހެނަކާއި ކައިވެނިކުރުމަށްވުރެ މުޅި އުމުރު އެކަނި ހުރުންވެސް މާރަނގަޅުވާނެއެވެ. އެއިރުން ދެރަވާކަށް އަދި ބުރަ އުފުލާކަށްވެސް ނުޖެހޭނެއެވެ. ރަނގަޅީ ދެން މިގެއަށް ނައުމެވެ. އަނެއްކާވެސް ކޮންމެވެސް އެހެން އަންހެނެއްގެ ގާތުގައި ދޮގުތައް ހަދައިގެން މަޅީގައި ޖެއްސެތޯ ބަލާށެވެ! އަހަރެންނަށް ވަނީ ކަލޭގެ ސަބަބުން ފުދި އިތުރުވެފައެވެ." އެއިގެ ފަހަކުން އޭނާއެއް ނުދެކެމެވެ.   

އަޅުގަނޑު މިކިޔައިދިން އަޅުގަނޑުގެ ޙަޔާތުގެ ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުވެއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްކުރެވުނީއެވެ.  

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް