އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ބިޒީވެގެންނާ ދެމަފިރިން ވަކިވުމުން ދަރިން ބާކީކޮށް ނިކަމެތިކުރާ މައިންބަފައިންނަށް ޢިބްރަތްތެރި ވާހަކައެއް!

ޢިބްރަތްތެރި ވާހަކަ: ބިޒީވެގެންނާ ދެމަފިރިން ވަކިވުމުން ދަރިން ބާކީކޮށް ނިކަމެތިކުރާ މައިންބަފައިންނަށް ޢިބްރަތްތެރި ވާހަކައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 4 ސިކުންތު

މިއީ ބިޒީވެގެންނާއި ދެމަފިރިން ވަކިވުމުން ދަރިން ބާކީކޮށް ނިކަމެތިކުރާ މައިންބަފައިންނަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ! އަނިޔާ ލިބުނު ދަރިފުޅު ޢަމަލުކުރިގޮތާއިމެދު އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަށް ކިޔުންތެރިން ފާޑުވިދާޅުވާށެވެ! 

މިމައްސަލައަކީ މުޖުތަމަޢުގައި އޮތް މައްސަލައެކެވެ. ޙައްލުހޯދަން ޖެހިފައިވާ މައްސަލައެކެވެ. ވާހަކަވިދާޅުވެލައްވާށެވެ! 

އަޅުގަނޑުވެސް ދުނިޔެއަށް އުފަންވީ މައަކާއި ބައްޕައެއްގެ ފުށުންނެވެ. ނަމަވެސް މަންމަ އާއި ބައްޕަ އަޅުގަނޑަށް ދިނީ ކޮން ލޯތްބެއްކަން ބުނާކަށް ނޭނގެއެވެ. އެކުގައި ހޭދަކުރީ ކިހައި ވަގުތެއްކަން ވެސް ބުނާކަށް ނޭނގެއެވެ. އަދި ކީއްތޯއެވެ؟ އެއީ ހަމަ ޙަޤީޤީ މަންމަ އާއި ބައްޕަ ކަމާއިމެދުގައިވެސް ބައެއްފަހަރު ސުވާލު އުފެދެއެވެ. އަޅުގަނޑުގެ މިވާހަކަކޮޅު ވިދާޅުވުމުން ހަމަ ތިއަ ބޭފުޅުންގެ ހިތުގައިވެސް އެ ސުވާލު އުފެދުން ގާތެވެ.  

އެންމެ ކުޑައިރުވެސް އަޅުގަނޑު ގެންގުޅުނީ ނޯކަރު އަނހެނެކެވެ. ހުރިހާ ކަމެއްވެސް ކޮށްދިނީ އޭނާއެވެ. އެކުގައި ކުޅުނީވެސް ގޮވައިގެން ޕާކަކަށް ދިއަނަމަވެސް ދަނީ އޭނާއެވެ. މަންމަ އާއި ބައްޕަ އަބަދުވެސް އުޅެނީ ވަރަށް ބިޒީކޮށް މަސައްކަތްކުރުމުގައެވެ. ގޭގައި ތިބިނަމަވެސް އަޅުގަނޑަށް ސަމާލުކަންދޭނެ ވަގުތެއް ނުވެއެވެ. 

އުމުރުން 7 އަހަރުގައި ދެމަފިރިން ވަކިވެއްޖެއެވެ. އެހިސާބުން އަޅުގަނޑަށް ބަދަލުވާންޖެހުނީ  ނޯކަރު އަންހެންމީހާގެ ދަރިއަކަށެވެ. އަޅުގަނޑަށް ދާންޖެހުނީ އޭނާގެ ގެއަށެވެ. އުޅެބޮޑުވީ އޭނާގެ ދަރިންނާއިއެކުގައެވެ. އޭނާގެ ގާތުގައެވެ. އަޅުގަނޑަށް ކުރަންޖެހޭ ޚަރަދުތައް ފުރަތަމަކޮޅު އަޅުގަނޑުގެ މައިންބަފައިން ކުރާކަމަށް އެ "މަންމަ" ބުނެއެވެ. 

އެކަންވެސް ދެމިއޮތީ ދުވަސްކޮޅަކަށެވެ. 2 އަހަރެއްވަރު ފާއިތުވިފަހުން އަޅުގަނޑަށް ޚަރަދުކުރުންވެސް ހުއްޓައިލިއެވެ. ދެމީހުން އަޅުގަނޑު ބާކީކޮށްލައި އެ "މަންމަ"ގެ ބޮލަށް ޖެހިއެވެ. އަޅުގަނޑު އެންމެ ކުޑައިރުންސުރެ އަޅުގަނޑު ގެންގުޅުނީ އެ "މަންމަ" ކަމަށްވުމުން ޖެހިފައިހުރި ކުލުނެއްގެ ސަބަބުން އަޅުގަނޑު އެއްލާލަން އެ "މަންމަ"އަށް ނުކެރުނީއެވެ. އެވަރުގެ ރަޙުމެއް ކުލުނެއްވެސް އަސްލު މަންމަ އާއި ބައްޕަގެކިބައިގައި ނެތީއެވެ. 

ކުރުކޮށްލާނަމެވެ. 18 އަހަރު ހަމަ ފުރުތަނުން ކައިވެނިކޮށްފީމެވެ. ފިރިމީހާ އަޅުގަނޑަށްވުރެ 10 އަހަރުދޮށްޓެވެ. ނަމަވެސް އެއީ މައްސަލައަކަށް ނުހަދަމެވެ. އެންމެ މުހިންމު ކަމަކީ އެ "މަންމަ"އަށް ލުޔެއް ހޯދައިދިނުން ކަމަށްވާތީއެވެ. 

އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. ކުދިކުދި ޢިމާރާތްތައް އަޅައި އުޅޭ މީހެކެވެ. ކައިވެންޏަށްފަހު އޭނާގެ މަސައްކަތް ކުރިއަރައިގެންދިއައެވެ. ތަނަވަސްކަން އިތުރުވިއެވެ. އަދި ފިރިމީހާގެ ހިތުގައި އެ "މަންމަ"އަށް ލޯބިން އޭނާއަށް ލިބިފައި އޮތް ބިންކޮޅުގައި 4 ބުރިއަށް ގެއެއްވެސް އަޅައިދިނެވެ. އަދި އެ "މަންމަ" އާއި އޭނާގެ ދަރިން މިގެންދަނީ ބަލަހައްޓަމުންނެވެ. ޒިޔާރަތްވެސް ކުރަމެވެ. ޙާލުވެސް ބަލަމެވެ. އެކުގައި ދަތުރުވެސް ގެންދަމެވެ. ގެއަށްވެސް ގެންނަމެވެ. 

ހުކުރު ދުވަހެކެވެ. ހެނދުނު 10 ޖަހާއެހާކަންހާއިރެވެ. ގޭގެ ބެލް ޖެހުމުން ހުޅުވިއިރު އަންހެނަކާއި ފިރިހެނަކު ތިއްބެވެ. އެމީހުން ފެނުމުން އެއީ ކޮންބައެއްކަން އެނގުނެވެ. ނަމަވެސް އެނގުނު ކަމަކަށް ނުހަދަމެވެ. ގެއަށް ވަނުމަށް ދައުވަތުދިނުމުން ވަދެ އިށީނދެފައި ދައްކަންފެށީ އެމީހުންނަށް އަޅުގަނޑާއިމެދު ކަންތައްތައް ކުރެވުނު ގޮތާއިމެދު ހިތާމަކުރާ ވާހަކައެވެ. ދެމީހުން ފަހުން އަލުން ކައިވެނިކުރި ވާހަކަ އާއި ބައްޕަ ދަރައިގެން ގެވެސް ނީލަންކިޔަން އުޅޭ ވާހަކައެވެ. 

ހުރިހާ ވާހަކަތަކެއް އަޑުއަހަން ފިރިމީހާވެސް އިނެވެ. ނަމަވެސް އަނގައަކުން ނުބުނެއެވެ. ފިރިމީހާ ޢަމަލުކުރާގޮތުން އެއިގެ މާނައަކީ އޭނާ ނުބެހޭނެ ކަމާއި އަޅުގަނޑު ނިންމި ގޮތެއް އޭނާ ޤަބޫލުކުރާނެ ކަމެވެ. އަޅުގަނޑު ބުނީމެވެ. "ގެ އަޅުގަނޑު ބޭނުމެއް ނޫނެވެ. ނީލަންކިޔައި މަގުމަތިވެގެން އަތުވެއްޖެނަމަ ތިބޭނެ ކޮޓަރިއެއް ދައްކާނަމެވެ. ނަމަވެސް މިގެއަކުން ނޫނެވެ. އެކޮޓަރީގައި ތިބޭނަމަ ކާން ފޮނުވާނަމެވެ. ނަމަވެސް މިގޭގައި ކައްކާފައެއް ނޫނެވެ. ކޮންމެވެސް ހޮޓަލަކުންނެވެ. ބަލިވެއްޖެނަމަ އާސަންދައިން ނުވާވަރުގެ ކަންކަން ކޮށްދެވޭތޯ ބަލާނަމެވެ. ނަމަވެސް ގޮވައިގެން ޑޮކްޓަރަކަށް ނުދާނަމެވެ. އަޅުގަނޑުގެ ހުރީ އެންމެ މަންމައެއް އެކަންޏެވެ. އެއީ ތިއަ މަންމައެއް ނޫނެވެ. އެ "މަންމަ"އެވެ. އަޅުގަނޑު މިވަގުތު ވަރަށް ބިޒީއެވެ. މީޓިންގ ނިންމައިލަމާ ހިނގާށެވެ." 

އެއިރު އަޅުގަނޑުމެންގެ ދެދަރިން ތިއްބެވެ. ނަމަވެސް އެކުދިން ތިބީ ކޮޓަރީގައެވެ. ދެކެން ބޭނުންކަމަށް ބުނުމުން ތިބީ ނިދާފައިކަމަށްބުނެ ނުދައްކަމެވެ. އަޅުގަނޑު ދެކެން ބޭނުން ނުވި ބައަކު އަޅުގަނޑުގެ ދަރިން ދެކެން ބޭނުންވާންވީ ސަބަބެއް ނުވިސްނޭތީ ނުދެއްކީއެވެ. 

އެދެމީހުންނަށް މައިންބަފައިންނެކޭ ނުކިޔާނަމެވެ. ދުވަސްކޮޅެއް ފަހުން އެދެމަފިރިން މަގުމަތިވެގެން އައުމުން އަޅުގަނޑު ބުނި ގޮތަށް އެމީހުން ބަލަންފެށީމެވެ. މިހާރުވެސް މިގެންދަނީ ބަލަހައްޓަމުންނެވެ. އެއްވެސް ކަމަކަށް ދައްޗެއް ނުކުރަމެވެ. 

މިކަމާއިހުރެ ބައެއް މީހުން އަޅުގަނޑަށް ވަރަށް ފާޑުކިޔައެވެ. މިއަދުނޫހުގެ ކިޔުންތެރިން ނިކަންވިދާޅުވެބައްލަވާށެވެ! މިފަދަ ގޮތަކަށް ކަންކަން މެދުވެރިވީމާ ތިއަބޭފުޅުން ކަންތައް ކުރައްވާނީ ކިހިނަކުންތޯއެވެ؟ ދަރިއެއްގެ ލޯބި ދޭންޖެހޭނެ މިންގަނޑަށް ހަމަ ދެއްވޭނެތޯއެވެ؟ 

އަޅުގަނޑުގެ ބޭނުމަކީ އެފަދަ މައިންނާއި ބަފައިންނަށް މެސެޖެއް ދިނުމެވެ. މައިންބަފައިން ދިރިތިބެ ދަރިން ޔަތީމްކޮށްފައި ފަހުން ގޮތްހުސްވުމުން ފަހަތުން ދުވަން ނުހަދާށެވެ! އެކަމަށް ވިސްނަންވީ ގޮތް ހުސްވެގެން ދުވަން ޖެހުމަކުން ނޫނެވެ. އެޙާލަތު ޖެހުމުގެ ކުރިންނެވެ. ފުރަތަމަ އަޅުގަނޑު ބާކީވީ ދެމަފިރިންގެ މަސައްކަތްބުރަކަމުންނެވެ. ފަހުން ބާކީވީ ދެމަފިރިން ވަރިވުމުން ދެމަފިރިން އަޅުގަނޑު ބާކީކޮށް އެއްލައިލުމުންނެވެ. 

ކަންކަން ވިސްނެން ފެށުމުން އެއިރު އެކަނިހުރެ ވަރަށް ގިނައިން ރޮއި ކަރުނައެޅީމެވެ. އެހެންވެ މިހާރު ކަރުނަ ވަނީ ހުސްވެފައެވެ. އަޅުގަނޑަށް ކަންކަން މިކުރެވެނީ ރަނގަޅަށް ކަމާއިމެދު ޚުދު އަޅުގަނޑުގެ ނަފްސާއިވެސް ސުވާލުކުރެވެއެވެ. ނަމަވެސް އަދިވެސް މިއުޅެނީ ޖަވާބުނުލިބިގެންނެވެ. ކިޔުންތެރިން ޖަވާބެއް ދެއްވުން ވެސް އެދެމެވެ. 

- ޝިއުނީ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް