އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު
ފަތުރުވެރިކަމުގެ އިސް އަދި މުހިންމު މަގާމުތަކަށް ދިވެހިން ގެނެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ ކޮންމެ ކަމަކީ ޤާނޫނަކުން ނުވަތަ ޤަވައިދަކުން ކުރަން ވެއްޖެނަމަ އެއީ އެންމެ އެދެވޭ ގޮތް ކަމަށް ނުވެދާނެ ކަމަށާއި އެހެންނަމަވެސް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް ދާއިރާގެ އިސް އަދި މުހިންމު މަގާމުތަކަށް ދިވެހިން ގެނެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ.
"އަޅުގަނޑާ ދިމާވެފައި އެބަތިބި 20، 25 އަހަރު މަސައްކަތްކޮށްގެން ސޭލްސް ޑައިރެކްޓަރުންނަށް ވެފައި ތިބި މީހުން. މީ ހަމަ ވަރަށް ވަރުގަދަ މަގާމުތައް. އެހެންވީމަ އޭގެން އެ ދޭހަކޮށްދެނީ އެފޯޓެއް ލާފަ ހިތްވަރާއެކު މަސައްކަތްކުރާ ކޮންމެ ޒުވާނަކަށް ކާމިޔާބު ވާނެ ކަން. އަޅުގަނޑުމެން ބަލާނަން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ދިވެހިންނަށް މި ދާއިރާގައި ހުރި ޖެނެރަލް މެނޭޖަރުން ގޮތުގައި، އެޗްއާރް ޑިޕާޓްމަންޓް ހެޑުންގެ ގޮތުގައި މިގޮތަށް ހުރި މުހިންމު ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވާކަމަށާއި އެގޮތުން ހެލްތު، ސްޕޯޓްސް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް ކުރިއަރުވަން ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އައު އުފެއްދުންތައް އެ ދާއިރާއަށް ތައާރަފްކޮށް އެކަމުގެ ފީސިބިލިޓީ ހެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ މަޝްރޫއުތައް ކުރިޔަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް އައިއިރު ދައުލަތުގެ ބަޖެޓަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބެނީ އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ކަމަށާއި އެ އަދަދު ކުރިޔަށް އޮތް 4 އަހަރުތެރޭ އިތުރުވެގެން ދާނެ ކަމަށެވެ. އެގޮތުން 2027 ނިމޭއިރު ދައުލަތުގެ ބަޖެޓަށް 6 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ހޯއްދަވައިދެއްވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރަށް ބަލާލާއިރު އާންމުކޮށް ޓޫރިޒަމް ސެކްޓަރުން ބަޖެޓަށް މި ކޮންޓްރިބިއުޓް ކުރަނީ 4.5 ބިލިޔަން ޑޮލަރު. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތް 2027 ނިމެންވާއިރު 6 ބިލިޔަނެއްހާ ޑޮލަރު ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތުގެ ބަޖެޓަށް ކޮންޓްރިބިއުޓް ކުރާނެ ކަމަށް." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވިއެވެ.
Advertisement
15 މެއި 2024