އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު
ކުޅިވަރާއި ތައުލީމަށާއި މަސްވެރި ކަމަށް ވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހާފިޒް މިއަދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޙާފިޒް އަވަހާރަވީ ކެންސަރު ބަލީގައި އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ހާފިޒްއަކީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެއް އެތަނުގައި ހިދުމަތް ކުރައްވަމުން ގެންދެވި އިލްމީ ބޭފުޅެކެވެ. އޭނާ ވަނީ 1999 އިން 2004 އަށް އެ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. މީގެއިތުރުން ހާފިޒުގެ ނަމާ ގުޅުވައިގެން މަހަކަށް "ހާފިޒް"ގެ ނަމުން ވަނީ ނަންދީފައެވެ.
މަސްވެރިކަމުގެ ދާއިރާ އިން އޭނާ އަށް ވަނީ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިވަޑައިގެންފައެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވި ހާފިޒަކީ ކުޅިވަރާއި ތައުލީމަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ހާފިޒު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއިރު، އަހުމަދިއްޔާ ސްކޫލަށް 20 އަހަރެއްހާ ދުވަހު ހިދުމަތް ކުރައްވައި އެ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ވެސް އޭނާ ކުރެއްވިއެވެ.
ހާފިޒް ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން ދިރާގުގެ ބޯޑު މެންބަރުކަން ކުރައްވައިފައެވެ. ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓްސް ޑިވިޝަންގެ އެސިސްޓެންޓް ސްޓެޓީޝަނެއްގެ ގޮތުގައި 1981، މެއި 30، ގައި ދައުލަތަށް ހިދުމަތްކުރައްވަން ފެށްޓެވި ހާފިޒް 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތުގައި ދެމިހުންނެވި އެވެ.
ހާފިޒް އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ދައުލަތަށް އަދި ޕީޕީއެމް ޕީއެންސީއަށް ހާފިޒް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވިކަން ފާހަގަކުރައްވާފައެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭފަދަ މުޙިންމު ޚިދުމަތްތަކެއް ޙާފިޒް ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޙާފިޒްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެމަނިކުފާނުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރެއްވިއެވެ.
Advertisement
29 މެއި 2024