އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އުޚުތާވެސް ދެމަފިރިންގެ ދެމެދަށް ވަނުން ގިނަވެއްޖެ! ހޭލުންތެރިވާންޖެހިފައިވާ ކަމެއް!

ޢިބްރަތްތެރި ވާހަކަ: އުޚުތާވެސް ދެމަފިރިންގެ ދެމެދަށް ވަނުން ގިނަވެއްޖެ! ހޭލުންތެރިވާންޖެހިފައިވާ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 16 ސިކުންތު

މައްސަލަތައް ފެށެނީ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތުމުންނެވެ. އެފަދަ ޙާލަތުގައި ތިބޭ މީހުންގެ ހިތުގައި ލަދުޙަޔާތެއް، ރަޙްމެއް ކުލުނެއްވެސް ނުހުންނާނެއެވެ. އަޚުންނާއި އަދި އުޚުތުންނަކަށްވެސް ނުބަލާނެއެވެ. އެމީހެއްގެ ހަވާ ނަފްސް އެދޭ ކޮންމެ ކަމެއްވެސް ކުރާނެއެވެ. ކިތަންމެ ބޮޑު ފާފައެއް ކުރަންވެސް ޖެހިލުމެއްވެސް ނުވާނެއެވެ.

ތިރީގައިވާ ޙާދިސާއަކީ މިހާރަކަށް އައިސް ހިނގަމުން އަންނަ ކަމެއްގެ ވާހަކައެވެ. މުބުނަނީ ކުރިންވެސް އެފަދަ ކަންކަން ހިނގިނަމަވެސް މިހާރު އިތުރުވަމުން އަންނަ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ. 

ބައްޕަ އާއި މަންމަ ނިޔާވުމުގެ ކުރިން ވަނީ ގޯތިގައި ދެގެ ވަކިވަކިން އަޅައި ދެބެއިންނަށް ރަޖިސްޓްރީކޮށްދީފައެވެ. އެހެންވެ 2 ބެއިން ދިރިއުޅެމުން ދިއައީ ވަކިންނެވެ. ކޮއްކޮވެސް ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއިއެކުގައެވެ. ކޮއްކޮގެވެސް ދަރިއަކު ހުރެއެވެ. 

އެއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 12 އަހަރެވެ. 2 ދަރިން ވަނީ ލިބިފައެވެ. އަޅުގަނޑަކީ ހެނދުނު ކުދިން ސްކޫލަށްލާފައި އޮފީހަށްދާ މީހެކެވެ. ޢާންމުކޮށް ގެއަށް އަންނަނީ ހެނދުނުއެވެ. ނަމަވެސް އެދުވަހު އޮފީހަށް ދެވުނީ ކޮންމެހެން ގެންދަންޖެހޭ ލިޔުންތަކެއް ހަނދާންނެތި ބަހައްޓާފައިކަމަށްވުމުން ގެއަށް ދާންޖެހުނެވެ. 

ގެއަށް ވަންނަން ދިއައިރު ކޮއްކޮގެ ފިރިމީހާ ވެސް އަހަރެމެންގެ ގެއަށް ވަންނަންދަނީއެވެ. ބުނީ ވަރަށް އަގުހެޔޮކޮށް އަނބު ގަންނަން ލިބުމުން އަނބުކޮޅެއް ދޭންވެގެން ކަމަށެވެ. އަނބިމީހާ ގޭގައި ނެތީމައި ގެނެސްދިނީ ކަމަށެވެ. 

އޭނާއަކީ ގެއަށް އެއްޗެއް ގެންނަނަމަ ގެންގޮސް މޭޒުމަތީގައި ބަހައްޓާ މީހެކެވެ. އެއްޗެއްގައި ހިފަން އުޅުނަސް އަތަކަށް ނުދޭނެއެވެ. އެހެންވެ ދެމީހުން އެކުގައި ގޮސް ގެއަށް ވަނީމެވެ. ދޮރުހުޅުވާފައި ބަލާލުމުން ފިރިމީހާގެ ބޫޓުފެނުނެވެ. އެހެންވެ އޮފީހަށް ގޮސްފައި އެނބުރި އައިސް އުޅޭކަން އެނގުނެވެ. 

ކޮއްކޮގެ ފިރިމީހާ އާއި ވާހަކައެއް ދައްކާލަންވެފައި އޮތުމުން ތިރީގައި މަޑުކޮށްލައިދޭން ބުނެފައި ގޮސް ބަލައިދިއަ ލިޔުންތައް ނަގަން ކޮޓަރިހުޅުވީމެވެ. ކޮޓަރި ހުޅުވުމުން ދިއައީ ސިއްސައިގެންނެވެ. މީހަކު ފެންނާކަށް ނެތެވެ. އެނދުމައްޗަށް ބަލައިލިއިރު އަންހެނެއްގެ ހެދުމެއް އޮތުމުން މަޑުމަޑުންގޮސް ބަލައިލިއިރު އެއީ ކޮއްކޮގެ ހެދުމެކެވެ. ބްރާވެސް އޮތެވެ. ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި ކޮއްކޮގެ ފިރިމީހާއަށް ގޮވައި ގެނެސް ދެއްކީމެވެ. ކޮޓަރީގެ އެއްފަރާތެއްގައި ދެމީހުން މަޑުކޮށްލައިގެން ތިއްބައި ފިރިމީހާ އާއި ކޮއްކޮ ފާޚާނާއިން ނުކުތީ ތުވާއްޔެއް އޮޅާލައިގެންނެވެ. 

ބުނާނެ އެއްޗެއް ނުއެނގިފައި އިރުކޮޅަކުއިނދެފައި ފިރިމީހާއަށް ބުނީމެވެ. "ދެބެއިންގެ ގުޅުން ރަނގަޅަށް ކަނޑުވާލެވިއްޖެތާއެވެ! މެންދުރު ގެއަށް އަންނަންވާއިރަށް އަހަރެން ވަރިކޮށްފައި މިގެއިން ނުކުމެގެންދާށެވެ. ކޮންމެހެން މާގިނަ ވާހަކަތައް ދައްކަން ހަދާނެ ކަމެއް ނެތެވެ. އެއިރުން ރުޅި އިތުރަށް ގަދަވުން ނޫން ކަމެއް ނުވާނެއެވެ. 

ކޮއްކޮއަށް ބުނީމެވެ. އަހަރެން ހަމައަކަށް އެޅިލަންދެން ކޮއްކޮވެސް ދެން އެހައިގިނައިން އަހަރެންގެ ކުރިމައްޗަށް ނާރާށެވެ! 

އެހެންބުނެފައި ގޮސް ލިޔުންތައް ނަގައިގެން ނުކުންނަން އުޅެން ފެށުމުން ފިރިމީހާ ބުނީ ރުޅި ނައުމަށާއި ފާޚާނާއަށް ވަނީ ފާޚާނާ ސާފުކޮށްލަން ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ރުޅި އިތުރަށް ގަދަކުރުވަން ވާހަކަ ނުދައްކައި އަވަހަށް ވަރިކޮށްފައިދާން ބުނީ ތިއަހެންވެގެންނެވެ. ސޯޝަލް މީޑިއާގައި ހުންނަ ވާހަކަތައް ވަރަށް ކިޔަންތާއެވެ. ބަލަ އަހަރެން ހުންނާނީ ހެނދުނު ފާޚާނާ ސާފުކޮށްފައެވެ. އަނެއްކާ ފާޚާނާ ސާފުކުރެވެނީ ދެމީހުން ހެދުންބާލާފައި ހުސްގަޔާ ތިބެގެން ހެއްޔެވެ؟"  

އެހެން ބުނެފައި ގެއިން ނުކުމެގެން ދިއައީއެވެ. މެންދުރު ކުދިން ގޮވައިގެން ގެއަށް އައިއިރުވެސް ފިރިމީހާ ނުގޮސް އުޅެއެވެ. އެހެންވެ ކުދިން ކޮޓަރީގައި ތަޅުލުމަށްފަހު އައިސް ކޮއްޕައި ގަދަކަމުން ކަހަލަ ގޮތަކަށް ގެއިން ނެރެލީމެވެ. 

އިރުކޮޅެއްފަހުން ކޮއްކޮގެ ފިރިމީހާ އޭނާގެ ދައްތަ ގޮވައިގެން އައިސް އެދުނީ އޭނާއަށް އުޅޭނެ ތަނެއް ހޯދެންދެން ދެބެއިން ގޭގައި ބައިތިއްބާލަ ދިނުމަށެވެ. އެފުރުޞަތުދިނީމެވެ. އެއީ ކޮއްކޮ އާއި ކައިވެނިކުރީންސުރެ ވަރަށް ގާތްކޮށް އެކުގައި އުޅެވިފައި އޮތުމުންނެވެ. އަދި އައީ އެކަނި ނޫންކަމަށްވެފައި ދައްތަވެސް ގޮވައިގެން ކަމަށްވުމުންނެވެ. 

އޭނާގެ ދައްތަވީ ވަރަށް ރަނގަޅު އަންހެނަކަށެވެ. މަންމައެއް ފަދަ އަންހެނަކަށެވެ. އެހެންވެ ބުނީމެވެ. "ޅިޔަނު ބޭނުންނަމަ ތަނެއް ހޯދައިގެން ދިއަ ނަމަވެސް ދައްތަ އަހަރެންގެ ގާތުގައި ބައިންދައިދޭށެވެ. ހުންނަން ބޭނުންނަމަ ޅިޔަނުވެސް ހުންނާށެވެ. ދާން ބޭނުން ނަމަ ދިއުމަކީ މައްސަލައެއް ނޫނެވެ." 

އެރޭ އެންމެން އެކުގައި ތިބެ މަޝްވަރާކޮށްފައި އެއްބަސްވެވުނީ ދައްތަ އަހަރެންގެ ގާތުގައި ބެއިންދުމަށާއި ދައްތައާއިއެކު ޅިޔަނުވެސް ގޭގައި މަޑުކުރުމަށެވެ. އެހެންވެ އެންމެން އެކުގައި އުޅުނީއެވެ. ދޭތެރެއަކުން ކޮއްކޮވެސް އައިސް އުޅެއެވެ. ކޮއްކޮ ތައުބާވެ މުޅިން ތަފާތު އަންހެނަކަށް ބަދަލުވިއެވެ. ކޮއްކޮ ތައުބާވުމަށްފަހު އޭނާގެ ފިރިމީހާގެ ކިބައިން މާފަށް އެދި ޢަދޭސްކުރާތާ އަހަރުދުވަސްފަހުން ކޮއްކޮއަށް މާފުކޮށް ދެމީހުން އަލުން ކައިވެނިކުރިއެވެ. ނަމަވެސް ދައްތަ އިންނަން ބޭނުންވީ އަހަރެންގެ ގާތުގައެވެ. 

އަޅުގަނޑުވެސް ބައްދަލުވި ހެޔޮލަފާ މީހަކާ ކައިވެނިކޮށް އަލުން ދިރިއުޅުމަކަށް ކުރިމަތިލީއެވެ. ﷲ ގެ ރަޙްމަތްފުޅު ބޮޑުކަމުން ދެވަނަ ފިރިމީހާއަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރިއެކެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ކުރުކޮށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި އެންމެ ބޮޑު ކަންތަކާއި އެކަންތައް ކުރިމަތިވުމުން އަޅުގަނޑު ކަންތައްކުރި ގޮތެވެ. ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ.

 

- ދިޔާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް