އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ދިވެހިރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ބަންކަރިންގ ޚިދުމަތް ފުޅާކުރުމަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ބަންކަރިންގ ޚިދުމަތް ރާއްޖޭގައި ފެށުމަށް ކުރެވެމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މެރިޓައިމް ސިނާޢަތުގެ ތަޖުރިބާކާރުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޖީހު ވިދާޅުވީ މި ޚިދުމަތް ހޯދުމަށް މިހާރުވެސް ބައެއް ފަރާތްތަކުން އެދެމުންދެއެވެ. އަދި ބަންކަރިންގ ޚިދުމަތް ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ މާކެޓުތަކުގައި ޕްރޮމޯޓްކުރަން ޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މި ޚިދުމަތް ކުރިއެރުވުމަށްޓަކައި އެސްޓީއޯ އާއި ވިޓޯލްގެ އިތުރުން އެމްޕީއެލްއިން ވެސް ޚާއްސަ މަސައްކަތްތަކެއް ކުރާނަން،" ވަޖީހު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެސްޓީއޯ އަދި ސްޓޭޓް ޝިޕިންގ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރަތް ކަނޑުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ ރޫޓުތަކަށް ބޮޑެތި ބަދަލުތައް އަންނަމުންދާ މި ދަނޑިވަޅުގައި، މިފަދަ ޚިދުމަތެއް ރާއްޖެއިން ފެށުމަކީ ބޮޑު ފައިދާއެއް ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ.
ބަންކަރިންގ އަކީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ރާއްޖޭގެ ޖިއޮގްރަފިކް ލޮކޭޝަނަށް ބަލާއިރު، މި ޚިދުމަތް ތަރައްޤީކުރުމަކީ ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމެއްކަމަށް ބެލެވެއެވެ.
Advertisement
9 ސެޕްޓެމްބަރ 2024