އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު
ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިއްޔެ އިފްތިތާޙްކޮށްފިއެވެ.
މި ގޭޓް އިފްތިތާޙްކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް އިދުރީސް އާދަމެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅަކީ ކޮންމެ ދުވަހަކުވެސް އެތައް ބޯޓުފަހަރެއް ދަތުރުކުރާ ސަރަޙައްދެކެވެ. މިއީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް އަމާން ސަރަޙައްދެއް ކަމަށާއި، މެރިޓައިމް ޚިދުމަތްތަކަށް އެންމެ އެކަށީގެންވާ ސަރަޙައްދުކަމަށް އިޤްތިޞާދީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.
އެމްޕީއެލްގެ ފަރާތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200 އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ތަނެކެވެ. އަދި މި ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލައެވެ.
އައު ގޭޓް އިފްތިތާޙްކުރުމާ ގުޅިގެން، އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ޚިދުމަތް ދޭނެ ކަމަށާއި، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ޚިދުމަތެއް ދޭނީ އެމްޕީއެލްއިން ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އައު ގޭޓް އިފްތިތާޙްކުރުމުން، ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
19 ސެޕްޓެމްބަރ 2024