އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެ ދާއިރާތަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން، ކުރިމަތިލާ ފަރާތަކީ މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ޝަރުޠުކޮށްފައިވެއެވެ.
މި މަޤާމަށް އައްޔަންކުރެވޭ ފަރާތް ޚިދުމަތްކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، މުސާރައަކީ މަހަކު 47،500 ރުފިޔާ ކަމަށް ޖޭއެސްސީން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށް ޖޭއެސްސީން ބަޔާންކޮށްފައިވެއެވެ.
Advertisement
17 ސެޕްޓެމްބަރ 2024