އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 8 ސިކުންތު
އަޅުގަނޑަކީ ފޮތްޗާއި ފޭރާމުގެ ވިޔަފާރިކުރާ އަންހެނަކީމެވެ. ފިހާރައަކީ 2 ބުރިއަށް ހުންނަ ފިހާރައެކެވެ. އަޅުގަނޑު ގިނަ ވަޤުތު ހޭދަކުރަނީ ކަސްޓަމަރުންގެ ޚިދުމަތުގައެވެ. މަތީބުރީގައި ހަދާފައި ހުންނަ ކުޑަކުޑަ އޮފީހުގައިވެސް އިންނަމެވެ.
އެދުވަހު ހަވީރު 4.30 ހައިއިރު ކައުންޓަރުގައި އިންނަ ކުއްޖާގެ ދަރިފުޅު ބަލިވެގެން ކުއްލިއަކަށް ގެއަށްދާންޖެހުމުން އޭނާއަށް ޗުއްޓީ ދީފައި ކައުންޓަރުގައި މަޑުކޮށްލީމެވެ. އެވަޤުތު މިހާރުގެ ފެޝަނަށް ތިބި 2 ޒުވާނަކު ފޯނެއް ހިފައިގެން އައިސް ވިއްކަން އުޅުނެވެ. އަޅުގަނޑަކީ އެގޮތަށް ގެންނަ އެއްޗެތި ގަންނަ މީހެއް ނޫނެވެ. ނަމަވެސް އެ ފޯނު ފެނުމުން ބަލައިލެވުނެވެ. އެއީ ފިރިމީހާ ގެންގުޅޭ ފޯނާއި ވަރަށް ވައްތަރުގެ ފޯނަކަށްވުމުންނެވެ. ފޯނުގެ މަރުކާވެސް ކަވަރުވެސް ދިމާވާތީއެވެ.
އެމީހުން ވިއްކަންބުނީ 1000 ރުފިޔާއަށެވެ. އަޅުގަނޑު ބުނީ ފޯނު ލިބުނު ގޮތް ތެދަށް ބުނެފިނަމަ އިތުރަށް ފައިސާދޭނެ ކަމަށެވެ. އެފޯނަކީ ފިރިމީހާގެ އުފަންދުވަހު 13،000 ރުފިޔާދީފައި އަޅުގަނޑު ގަނެފަ ފިރިމީހާއަށް ދިން ފޯނުކަމަށް ތުހުމަތުކުރެވުނުވަރުންނެވެ. އެހައި ބޮޑަށް ތުހުމަތުކުރެވުނީ އެފޯނަށް އަޅުގަނޑު ލައްވައިދިން ކަވަރާ އެއްގޮތްކަމުންނެވެ. ތަތްކޮށްދިން ސްޓިކާވެސް އިނީތީއެވެ.
އެމީހުން ބުނީ ފޯނު އެމީހުންނަށް 500 ރުފިޔާއަށް ވިއްކީ ގެސްޓް ހައުސެއްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށެވެ. އަދި ގެސްޓް ހައުސް އާއި އެމީހާގެ މައުލޫމާތު އޮޅުން ފިލުވާފައި 1500 ރުފިޔާއަށް ފޯނުގަތީމެވެ. ފިރިމީހާގެ ފޯނުގެ ލޮކް އަޅުގަނޑަށް އެނގޭތީ އެމީހުން ދިއުމުން ޓްރައިކޮށްލުމުން ފޯނު ހުޅުވިއްޖެއެވެ. ފޯނު ހުޅުވުމުން އެއީ ފިރިމީހާގެ ފޯނުކަން ޔަޤީންކުރެވުނެވެ.
ލޮކް އެނގުނު ނަމަވެސް އެހައިތަނަށް ދުވަހަކުވެސް ފިރިމީހާގެ ފޯނު ހާވައި ނުހަދަމެވެ. ނަމަވެސް އެދުވަހު ހާވައިލީމެވެ. ފޮޓޯތަކާއި މެސެޖްތައް ބަލައިލީމެވެ. ފިރިމީހާގެ ޙަޤީޤަތް އެނގުނީ އެހިސާބުންނެވެ. ފިރިމީހާގެ 3 ލޯބިވެރިން ތިބޭކަން އެނގުނެވެ. އެތަނުން އެކަކީ އަޅުގަނޑު ދަންނަ އަންހެނެކެވެ. އެކުވެރިއެއްވެސް މެއެވެ
ފިރިމީހާގެ ފޯނުން އެނެގެން އިން އެފޯނުގެ ވެރިމީހާގެ ދެވަނަ ނަންބަރަށް ގުޅައިލީމެވެ. ވަގުތުން ނަގައިފިއެވެ. ނަގާފައި ފުރަތަމަވެސް ބުނީ ތިއަގުޅަނީ ސަލް ދޯއެވެ. އެހެންބުނުމުން އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ.
ޖަވާބު ނުދީ މަޑުކޮށްލުމުން ބުންޏެވެ. "ސަލްއަށް ފޯނު މިފޮނުވީ އަހަރެންނެވެ. ސަލްއަތަށް ފޯނުއެރިކަން އޮތީ އެނގިފައެވެ. މިކަން މިކުރީ މިކަން ނުކޮށް ދެކޮޅު ޖެއްސޭނެ ގޮތެއް ނުއެނގިގެންނެވެ. ސަލްއެވެ. އަހަރެންނަށް ކުށެއް ކުރެވިއްޖެއެވެ. އެކުށުގައި އަހަރެން ފަޟީޙަތްވެ ހަލާކުވެ ނިމިއްޖެއެވެ.
ސަލްގެ ފިރިމީހާ ދެއްކި ވާހަކަތަކަށް ހެއްލެވި އޭނާ އާއި ގުޅެވުނެވެ. ގުޅުމުގެ ތެރެއިން ގޮސްގެން ނުވާނެ ހިސާބަށް ދެވުނީ އަހަރެންގެވެސް ކުށުންކަންވެސް ޤަބޫލުކުރަމެވެ. ދެއަންތބަށް ކައިވެނިކުރާނެ ކަމަށް ދެއްކި ވާހަކަތައް ޤަބޫލުކޮށްގެން ހުއްޓާ މިހާރު ބަނޑަށް 2 މަހެވެ. އަހަރެން މިހިރީ ގޮތް ހުސްވެފައެވެ.
އަހަރެންނަށް މިވަރުގެ ބޮޑު ދެރައެއް ދީފައި އޭނާއަށް އުފަލުގައި ދިރިއުޅެވެން ބޭނުން ނުވާތީ ސަލްއަށް މިކަން އަނގައިލީއެވެ. ރަނގަޅަށް ތިއަ ފޯނު ބަލާލާށެވެ. އަހަރެންގެ އިތުރުން އަހަރެންގެ ރައްޓެއްސަކާއި އަދި އޭނާގެ ރައްޓެއްސަކާއިއެކުވެސް އަންނަނީ ގުޅުން ހިންގަމުންކަން އެނގުނީ އަހަރެންގެ ރައްޓެހި އަންހެންމީހާގެ ފަރާތުންނެވެ. އޭނާވެސް ޕީރިއަޑް ނުވާތާ މަހެއްވެގެން އުޅެނީ ބިރުންނެވެ.
އަހަރެންނަށް މިހާލަތުގައި މާލޭގައި އުޅެން ލަދުން ވަޒީފާވެސް ދޫކޮށްލާފައި މާދަންރޭ މިފުރަނީ ރަށަށްދާށެވެ. ވީމާ ސަލްއަކަށް ދެން އަހަރެންގެ އުނދަގުލެއް ނުފޯރާނެއެވެ. ކުރީ ރޭ 2 ގަޑިއިރުވަންދެން ކަރުނައަޅައި ރުއިމުންވެސް އޭނާއަށް އެއްވެސް އަސަރެއް ނުކުރީމާ ފާޚާނާއަށް ވަން ވަގުތު ފޯނު ފޮރުވީއެވެ. ފޯނުގަންނަން ދިން 1500 ރުފިޔާ އަނބުރާ ސަލްއަށް ލިބޭނެއެވެ."
އަޅުގަނޑު ބުނީ އެފައިސާ ބޭނުން ނޫން ކަމަށެވެ. އަދި ރަށަށް ފުރުން އިހަށް މަޑުކޮށްލުމަށެވެ. ކަމެއް ކޮށްދޭނެނަމަ 3 އަންހެނުން އެކުގައި މިރޭ 9 ޖަހާއިރު އަހަރެމެންގެ ގެއަށް ގޮސްދިނުމަށެވެ. ގޮސްދީފިނަމަ އެކަމުން 3 އަންހެނުންނަށްވެސް ފައިދާކުރާނެ ކަމަށެވެ.
3 އަންހެނުން އެކުގައި އެރޭ ގެއަށް ދިއައިރު އަހަރެމެން ދެމަފިރިން ތިބީ ސިޓިންގރޫމްގައެވެ. 3 އަންހެނުން ފެނުމުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. ވައްދާފައި ގޮނޑީގައި ބެއިތިއްބުމުން ކޮންމެވެސް އެއްޗެތިތަކެއް ކިޔަން އުޅުނެވެ. ނަމަވެސް އަނގަ ތުރުތުރުއަޅާވަރުން ވާހަކައެއް ނުދެއްކުނެވެ.
އަޅުގަނޑު ބުނީމެވެ. "ކަލޭގެ ކިބައިން އަހަރެންނަށް ލިބޭނެ އެއްވެސް އަނިޔާއެއް ނުވަތަ ގެއްލުމެއްވެސް ނެތެވެ. ނަމަވެސް މިތިބަ 3 އަންހެނުން އެތިބަ ޙާލެއް ނުއެނގެއެވެ. ހަމަގައިމުވެސް އެކަކު އެއިނީ ވަރަށް ނިކަމެތިޙާލުގައެވެ. މަޢްލޫމާތު ލިބޭގޮތުން ދެވަނަ މީހާ އިނީ ޝައްކުގެމަތީގައެވެ. ކަލެއަކީ އަޅެ އިންސާނެއް ހެއްޔެވެ؟ އެމީހުންނަށް ނިކަން ޖަވާބުދާރީވެބަލާށެވެ! އެ 3 އަންހެނުންނާއި އަހަރެންނާއި 4 އަންހެނުން އެކުގައި ގެންގުޅެވޭނެ ފެންވަރު އެބަހުރިހެއްޔެވެ؟ ސަރުކާރުގައި މަސައްކަތްކޮށްގެން ތިއަ ލިބޭ 12،000 ރުފިޔާއިން 4 އަނބިން ބެލެހެއްޓޭނެ ހެއްޔެވެ؟ ބެލެހެއްޓޭނެ ނަމަ މިރޭވެސް 4 އަނބި ނިކަން ހަމަކޮށްލަބަލާށެވެ!" އެއިރު އަހަރެމެންގެ ދެދަރިންގެ އުމުރަކީ 7 އަހަރާއި 5 އަހަރެވެ. 2 ދަރިންވެސް އަޅުގަނޑުގެ އުނގުތެރޭގައި ތިއްބެވެ.
އެޙާލަތުގައިވެސް ފިރިމީހާ މަސައްކަތްކުރީ އަޅުގަނޑާއި ހަމައަށް ކަންކަން ގެނެސްދިނީތީ އެމީހުން ކުށްވެރިކުރާށެވެ. އަދި އަޅުގަނޑަށް ފޯނު ފޮނުވި އެކުވެރިޔާއަކީ ވަގެއްކަމަށްވެސް ބުންޏެވެ. އަޅުގަނޑު ސުވާލުކުރީ ނިކަމެތި 3 އަންހެނުންނަށް މިވަރުގެ ބޮޑު ލަނޑެއް ދިނުމަށްވުރެ ބޮޑު ވައްކަމަކީ ކޮބައިތޯއެވެ؟ ވީމާ އެހެން މީހުންނަށް ވަގަށް ގޮވަން ނުހަދައި އެ 3 އަންހެނުންނަށް އެމީހުންގެ ޙައްޤު އަދާކުރުން މާރަނގަޅު ނޫންހެއްޔެވެ؟"
ރުޅި އައިކަމަށް ހަދާފައި ފުންމައިގެން ތެދުވެ ކޮޓަރިއަށްދާން އުޅެންފެށުމުން ބުނީމެވެ. "މިތިބަ 3 އަންހެނުންނާއި ކައިވެނިނުކޮށް ކަލޭ ގޮސް ވަންނާނެ ކޮޓަރިއެއް މިގެއަކު ނެތެވެ. އަހަރެން ވަރިކޮށްފައިވެސް އެ 3 އަންހެނުންނާއި ކައިވެނިކުރާށެވެ. ނޫނީ އަހަރެން ވަރިކޮށްފައި ހަމަ މިހާރު މިގެއިން ނުކުމެގެންދާށެވެ."
އެހިސާބުން ދައްކަންފެށީ ލިބިފައި ތިބި 2 ދަރިންގެ ވާހަކައެވެ. އަޅުގަނޑު ބުނީ ލިބިފައި ތިބި ދަރިންނަށް ވިސްނާ މީހަކު ތިއަވައްތަރަށް ނުއުޅޭނެ ކަމަށެވެ. ޙަރާމް ގޮތުގައި ދަރިން ނުހޯދާނެ ކަމަށެވެ. އަދި ތިއަގޮތަށް އުޅެން ތިއަޖެހުނީ އަހަރެންގެ ކޮން ކޮށެއް ފެނިގެންކަން އެމީހުންގާތު ކުރިނަ ކިޔައިދިން ގޮތަށް މިހާރު އަހަރެންގެ ކުރިމަތީގައި ކިޔައިދީބަލާށެވެ. މިގެއަކީވެސް ކަލޭގެ ގެއެއްކަމަޥެސް ބުނީމެއް ނޫންހެއްޔެވެ؟ މިގެ ކަލެއަށް ލިބުނު ގޮތެއް ނިކަން ބުނެދީބަލާށެވެ! މިގޭގެ މިލްކުވެރިފަރާތެއްކަމަށް ރަޖިސްޓްރީގައި ލިޔެފައި އޮންނަނީ ސަލްމާ ޢަލީއެވެ. ސަލްމާ ޢަލީއަކީ ކަލޭހެއްޔެވެ؟"
އެހިސާބަށް ދިއުމުން އެއް އަންހެނަކު ބުނީ މިނަޖިސް މީހާ މަރާލުމުން އަހަރެމެންގެ ޙައްޤު ލިބޭނެ ނަމަ މިއީ 4 އަންހެނުންވެގެން ތަޅައި ޗިސްޗިސްކޮށްލަންވެފައި އިން ނުބައި ނުލަފާ ޙައިވާނެއް ކަމަށެވެ.
ކޮންމެއަކަސް އެ 3 އަންހެނުންގެ ކުރިމަތީގައި ފޮށިދީފައި ފިރިމީހާ ގެއިން ބޭރުކޮށްލީމެވެ. 3 އަންހެނުންނަށްވެސް ވަޒީފާދިނީމެވެ. އެކަމުގެ ސަބަބުން އަޅުގަނޑުގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބުނެވެ.
އެއީ ތަޢްލީމީ ގޮތުންވެސް ފުދޭވަރެއްގެ ފެންވަރުހުރި އަންހެނުންނެވެ. 3 އަންހެނުން މިހާރު އެގެންދަނީ އަޅުގަނޑުގެ އިތުރު 3 ފިހާރަ ހިންގަމުންނެވެ. ލިބޭ ފައިދާއިން ބައި އަޅަމެވެ. 4 އަންހެނުންވެސް މިތިބީ ކައިވެނިކޮށްގެންނެވެ. ދިރިއުޅެމުން މިއަންނަނީ އުފަލުގައެވެ. މަސައްކަތްކުރަނީ އެއް ޓީމެއްގެ ގޮތުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި، ޚާއްޞަކޮށް އަންހެނުންގެ ގާތުގައި ބުނެލަން އޮތީ މިހާރު މިއުޅޭ ފިރިހެނުން ދެކެ ލޯބިވުމުގެ ކުރިން އެމީހެއްގެ ގެއަށް ގޮސް އެމީހަކީ ކާކުކަމާއި ދިރިއުޅުންހުރި ގޮތް ދަސްކުރަން އެބަޖެހެއެވެ. ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ބަލަން އެބަޖެހެއެވެ. ނޫންނަމަ މިގޮތަށް ބޮލުގައި ތެތްގޯނި އަޅުވާފައި ނިކަމެތިކޮށް ދެރަދިނުމެއް ނުހުއްޓުވޭނެއެވެ.
- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
12 އޮކްޓޯބަރ 2024