އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ބުނަމުން އަންހެނުންގެ އަތުން ފައިސާއަތުލަން ބަރާބަރުވެފަ ކައިވެނިކުރަންވީމާ ފަލަވެ ސިފަހުތުރުވާ ފިރިހެނުންނަށް އަގުހުރި ފިލާވަޅެއް!

ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ބުނަމުން އަންހެނުންގެ އަތުން ފައިސާއަތުލަން ބަރާބަރުވެފަ ކައިވެނިކުރަންވީމާ ފަލަވެ ސިފަހުތުރުވާ ފިރިހެނުންނަށް އަގުހުރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ފުރަތަމަ ކަމަކަށް އަމިއްލައަށްވެސް އިޢްތިރާފްވަމެވެ. އަޅުގަނޑަކީ އަމިއްލަ ޞީއްޙަތަށް ބަލައި ފަރުވާތެރިވެގެން އުޅެވުނު އަންހެނަކީމެއް ނޫނެވެ. އެހެންވެ ހަށިގަނޑު ހުންނަނީ ލޫޅާފަތިކޮށެއް ނޫނެވެ. ނަމަވެސް ފަލަވެގެން ބިޔަ އެތެއް ގޮތަކަށްވެސް ނޫނެވެ. ކޮންމެއަކަސް އެކަމަކަށް އަޅުގަނޑު ސަމާލުކަމެއް ނުދެމެވެ.  

އަޅުގަނޑު މަސައްކަތްކުރަމުން އައީ ޔުނިން ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. އެއްވަނައިގައި ފާސްވުމަށެވެ. އެކަން ޙާޞިލްވިއެވެ. އެކުވެރިންނަށް ޙަފްލާއެއް ދިނީމެވެ. އެ ޙަފްލާގައި އަޅުގަނޑު ބުނީމެވެ. "އެކުވެރިންނޭވެ! މި ނަތީޖާ އަހަރެންނަށް ލިބެން މެދުވެރިވި އެއް ސަބަބަކީ އަހަރެންގެ ސިފަ ހުތުރުކަމެވެ. އެހެންވެ އެކުވެރި ފިރިހެންކުދިންތައް އަހަރެން ފަހަތުން އަޅުވާލައިގެން ނުއުޅުނު ކަމެވެ. އެކަމަކު އެއް އެކުވެރިއަކަށް ބަހެއް ބުނެލާނަމެވެ. މިތަނުގައި އެކުވެރިއަކު އެބަވެއެވެ. އޭނާ އަހަރެންގެ ހިތާއި ކުޅެލިއެވެ. އަހަރެންގެ ހިތް ވަކިވަރަކަށް އަތުލިއެވެ. އަހަރެންގެ ކިބައިން މާލީ އެހީތެރިކަންވެސް ހޯދިއެވެ. އެހީގެ ގޮތުގައާއި ދަރަންޏަށްވެސް ފައިސާދިނީމެވެ. އެކަމަކު އިމްތިޙާން ވަރަށް ގާތްވެފައިވަނިކޮށް އެހުރިހާ ކަންކަން ހަނދާން ނައްތާލާފައި އޭނާބުނީ އަހަރެންނަކީ ބަލައިލަން ކަމުދާ ސިފައެއް ހުރި އަންހެނެއް ނޫންކަމަށެވެ.  

އެބަހަށް އަހަރެން މިއަދާއި ހަމައަށްވެސް ޖަވާބެއް ނުދެމެވެ. އެކަމަކު މިރޭ ޖަވާބު ދޭނަމެވެ. އެބަސް އަހަރެން ބަލައިގެންފީމެވެ. ކުރިންވެސް ހުރީ ބަލައިގަނެގެންނެވެ. މިބުނީ ކުރިއަށްވުރެ މާބޮޑަށް ބަލައިގަތް ވާހަކައެވެ. ދެން އޭނާއަށް ބުނެލަން އޮތީ އަހަރެންގެ ހިތް ހަމަ ވަރަށް ސާފެވެ. ހުރިހާ ކަމަކަށް މާފުކޮށްފީމެވެ. ދަރަނިވެސް މާފުކޮށްފީމެވެ. އެކަމަކު ނަޞޭޙަތުގެ ބަހެއް ބުނެލާނަމެވެ. ލޯބިނުވާއިރު ލޯބިވާކަމަށްބުނެ އިތުރު ކުއްޖަކަށް އަނިޔާ ނުކުރާށެވެ. ފައިސާ އަތުލައި ނަހަދާށެވެ. އެއީ ވަރަށް ނުބައި މީހުންގެ ސިފައެކެވެ."  

ވަރަށް ގިނަ އެކުވެރިން އެއީ ކާކުކަން އޮޅުންފިލުވަން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. އެކަމަކު ނުބުނަމެވެ. އެކަން ސިއްރުކުރީއެވެ. އެއީ އެއްވެސް މީހަކު ފަޟީޙަތްކުރަން ބޭނުންނުވާތީއެވެ. ކޮންމެއަކަސް ޔުނި ނިމުމުން ކެއުން ބުއިމަށް ސަމާލުކަން ދިނީމެވެ. ކަސްރަތުވެސް ކުރީމެވެ. އެކަންކަމުގެ ސަބަބުން މުޅިން އެހެން އަންހެނެއްގެ ސިފައަށް ބަދަލުވެވުނެވެ.  

އެއިގެ 5 އަހަރު ފަހެވެ. އަޅުގަނޑު މަސައްކަތްކުރަނީ ބައްޕަގެ އޮފީހުގައެވެ. ވަޒިފާއަކަށް އިޢުލާނުކުރުމުން ކުރިމަތިލި މީހުންގެ ތެރޭގައި އޭނާ ހިމެނުނެވެ. އޭނާއަށް ވަޒީފާ ދިނީމެވެ. ނަމަވެސް އޭނާއަކާ ބައްދަލެއް ނުކުރަމެވެ. އެކަމަކު އޭނާއަށް އަޅުގަނޑު ފެނެއެވެ. ފާހަގަނުކުރެވެނީއެވެ.  

އެހެން އުޅޭތާ އަހަރެއްހައި ދުވަސްފަހުން އޭނާ އެދިގެން ބައްދަލުކުރީމެވެ. އޭނާބުނީ އަޅުގަނޑު ވަރަށް ރީތި ކަމަށާއި ގުޅެން ބޭނުންވާ ކަމަށެވެ. އޭނާ އެހެން އެބުނީ އޮފީހުގައި އަޅުގަނޑުގެ ހައިޞިއްޔަތު އޭނާއަށް ނުއެނގޭތީކަންވެސް އެނގެއެވެ. އެހެންވެ ބުނީމެވެ. "މީހަކާއި ރުހިއްޖެނަމަ އެކަން ބުނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތިއަކަންތައް ޤަބޫލުކުރެވޭކަށް ނެތެވެ. ސަބަބަކީ އަންހެނުންނަކީ ކޮންމެ އިރެއްގައި ސިފަ ބަދަލުވެދާނެ ބައެކެވެ. ދަރިއަކު ލިބޭތަނުންވެސް ސިފަ ބަދަލުވެދާނެއެވެ. ކަލެއަކީ ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ބޭރުފުށުގެ ސިފައަށާއި އަމިއްލަ އެދުމަށް ކަންކަން ނިންމާ މީހެކެވެ."  

އެހެން ބުނުމުން އޭނާ ބުންޏެވެ. "ސިފައިން ހަމަ އޮޅުނީއެވެ. ނަމަވެސް އަޑުން ތިއައީ ކާކުކަން އެނގިއްޖެއެވެ. އަހަރެންނަށް މާފުކުރާށެވެ!" ޖަވާބުގައި ބުނީމެވެ. "މާކުރިންވެސް އޮންނާނީ މާފުކޮށްފައެވެ. ނަމަވެސް އަލުން ގުޅެވޭކަށް ނެތެވެ. މިއީ ބައްޕަގެ އޮފީހެކެވެ. ވަޒީފާދިނީވެސް އެހީތެރިވާށެވެ. އަދިވެސް ވަޒިފާގައި ހުރެވޭނެއެވެ. ރަނގަޅަށް މަސައްކަތްކުރާށެވެ. އޮފީހުގައި ރަނގަޅަށް މަސައްކަތްކުރާނަމަ ކުރިއެރުންވެސް ލިބޭނެއެވެ." 

އެހެން ބުނެވުނު ނަމަވެސް ހުރީ ވަރަށް ދެރަވެފައެވެ. ސަބަބަކީ އޭނާއަކީ އަހަރެންނަށް އެންމެ ފުރަތަމަ ލޯބިވެވުނު ލޯބިވެރިޔާއެވެ. އަހަރެންގެ ހިތް ދެވުނު ޒުވާނާއެވެ. ނަމަވެސް އޭނާ ކަންތައްކުރި ގޮތުން އޭނާއާއި އަލުން ގުޅެވެން ނެތީއެވެ. އެފަދަ މީހަކާއި އަލުން ހިތް ޙަވާލުކުރެވެން ނެތީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިއީ ލޯބީގައި އަޅުގަނޑަށް ކުރަންޖެހުނު ވަރަށް ހިތި ތަޖުރިބާއެކެވެ. މިހާރު އަޅުގަނޑުގެ ޢުމަރަކީ 44 އަހަރެވެ. ވަރަށް ހެޔޮ ފިރިއަކާއި 4 ދަރިންވެސް އެބަތިއްބެވެ. ނަމަވެސް އެހަނދާންތައް އަދިވެސް މިއުޅެނީ ފުހެނުލެވިގެންނެވެ.  ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ބުނެލަން އޮތީ ލޯބިނުވާއިރު ލޯބިވާކަމަށް ބުނެ އެއްވެސް މީހެއްގެ ހިތާއިކުޅެ އަނިޔާނުދޭށެވެ. އެއަނިޔާއަކީ އަނެކާގެ މުޅި ޢުމުރަށްވެސް ލިބިލިބި ހުންނަ، ހަނޑާން ނައްތައިނުލެވޭ އަނިޔާއަކަށް ވެދާނެއެވެ.

 

- ޒަޢީ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް