އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއް: މަޖިލީހުގެ ރައީސް

ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއް: މަޖިލީހުގެ ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވަނީ މިހާރު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި ތަޤްރީރުކުރައްވަމުންނެވެ.

"ސުލްޙަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން" މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ އިއާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ތަރައްޤީއަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއާއި ތަހުޒީބު ގެނައުމަށް އަދި ދިވެހިންގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ކަމަށް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް 28 ގައި އިޢުލާން ކުރެއްވި، ފަސް އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިން ޤައުމުގެ ކަރަންޓުގެ 33% ހަމަޖެއްސުމާއި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ކެމްޕޭންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވަނީ ކޮވިޑުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދިޔަ ޤާނޫނުހަދާ މަޖިލިސްކަން ފާހަގަކުރައްވައި، އައި.ސީ.ޓީ. އާ ގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި ހިމެނޭކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދޮގު މަޢުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވެ، އައި.ޕީ.ޔޫ. އިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކޮށްގެންނެވެ. އަދި ފުރިހަމަ ޑިޖިޓަލައިޒްޑް އިޤްތިޞާދެއް އުފެއްދުމުގެ މަޤްޞަދުގައި، ޢާންމު ޚިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގ ރަނގަޅު ކުރުމަށް މަސްނޫޢީ ވިސްނުން ބޭނުންކުރުމަށްވެސް ރާއްޖެއިން ދަނީ ހީވާގިކަމާއެކު މަސައްކަތްކުރަމުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލައްވަމުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

އައި.ޕީ.ޔޫ.ގެ 149 ވަނަ އެސެމްބްލީގައި 110 އަށްވުރެ ގިނަ ޤައުމުތަކުގެ 500 އަށްވުރެ ގިނަ ޕާލަމެންޓޭރިއަނުން ބައިވެރިވެވަޑައިގަންނަވައެވެ. މި އެސެމްބްލީ ކުރިއަށްދަނީ 14 އޮކްޓޯބަރުން 18 އޮކްޓޯބަރު 2023 އަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު