އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު
ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެފަރާތްތަކުން އުފައްދާ ތަކެތި މާކެޓްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ދަނޑުވެރިޔާ" ގެ ނަމުގައި އެޕްލިކޭޝަނެއް މިއަދު އިފްތިތާޙުކޮށްފިއެވެ.
މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. މިއީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަން ފެށުމުގެ ރަސްމިއްޔާތުގައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އެޕްލިކޭޝަނަކީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (IFAD)ގެ އެހީގައި މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް (MAP) ޕްރޮޖެކްޓުގެ ދަށުން ސޮލިޓެއަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ތައްޔާރުކުރި އެޕްލިކޭޝަނެކެވެ. މިއީ 2023 ވަނަ އަހަރު FAO ގެ އެހީގައި އުފައްދާފައިވާ ވެބް އެޕްލިކޭޝަންގެ ކޮމްޕޯނަންޓްތައް އިތުރަށް ތަރައްޤީކޮށް، މޮބައިލް ފޯނުން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.
މިހާރު އިފްތިތާޙުކޮށްފައިވާ އެޕްލިކޭޝަނުން ލިބެން ހުންނާނީ ފަންނީ މަޢުލޫމާތާއި ކްރޮޕް ޕްލޭނަރގެ ޚިދުމަތެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެޕްލިކޭޝަން އެއްކޮށް ނިންމުމަށް ވަނީ ރޭވިފައެވެ. އޭރުން ފަންނީ މަޢުލޫމާތާއި ކްރޮޕް ޕްލޭނަރގެ އިތުރުން، ދަނޑުވެރިކަމުގެ މައްސަލަތަކާ ގުޅޭ ފޯރަމްއަކާއި، އުފެއްދުންތައް ވިއްކުމަށް މާކެޓް ޕްލެޓްފޯމެއް، އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް ޙިއްޞާކުރާނެ ކޮމްޕޯނަންޓެއް ހިމެނޭނެއެވެ.
މި އެޕްލިކޭޝަން އިފްތިތާޙުކުރުމާއެކު، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ހަރުފަތަކަށް އަރައިގަނެވޭނެ ކަމަށް ވުޒާރާއިން އުންމީދުކުރެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބި، އުފެއްދުންތެރިކަން އިތުރުވެ، އަދި އުފައްދާ ތަކެތި ވިއްކުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
15 އޮކްޓޯބަރ 2024