އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް އަތުލައިގަނެވިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ސިނގިރޭޓްތައް އެތެރެކުރަން އުޅެފައިވަނީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެ އައި "އެމް.ޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުންނެވެ. މި މަޢުލޫމާތު ކަސްޓަމްސްއަށް ލިބުނީ 2024 އޮކްޓޯބަރ 25 ވަނަ ދުވަހުގެ ރޭގައެވެ.
މި މަޢުލޫމާތާ ގުޅިގެން ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ސިނގިރޭޓްތައް ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ލޯކަލް ދޯންޏެއްކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައި، ކ. ތިލަފުއްޓަށް ގެނެސް، އެ ކުންފުނީގެ ޓްރަކަކަށް އަރުވައިގެން ކ. ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ގެންދިޔަ މަންޒަރު ފެނިފައިވެއެވެ. މި މަސައްކަތް ކުރަމުން ގޮސްފައިވަނީ 2024 އޮކްޓޯބަރ 25 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:00 އެހާކަށްހާއިރުއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން "ހޯކްސް ބޯޓްޔާޑު" ބަލައި ފާސްކުރުމުން، އެތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ ސިނގިރޭޓް ފެނިފައިވެއެވެ. މި ހުރިހާ ސިނގިރޭޓްތަކެއް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މި މައްސަލައަކީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ކަސްޓަމްސްއިން ފަށާފައިވާ ކަމަށާއި، ރާއްޖެއަށް އެތެރެކުރެވޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަން ހިންގުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑުން ވެދެއްވި އެހީތެރިކަމަށް ކަސްޓަމްސްއިން ޝުކުރު އަދާކޮށްފައިވެއެވެ.
Advertisement
28 އޮކްޓޯބަރ 2024