އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސްކަމާ ﷲ ގެ ރަޙްމަތް އިތުރުވުމަށް އެދޭނަމަ ތިމާ ހޭދަކުރަންޖެހޭ މީހުންނަށާ ކަންކަމަށް ހޭދަކުރުމުގަ ދީލަތިކަން އިސްކުރާށެވެ! އިމެއްވެސް ނުބާއްވާށެވެ!

ތަނަވަސްކަމާ ﷲ ގެ ރަޙްމަތް އިތުރުވުމަށް އެދޭނަމަ ތިމާ ހޭދަކުރަންޖެހޭ މީހުންނަށާ ކަންކަމަށް ހޭދަކުރުމުގަ ދީލަތިކަން އިސްކުރާށެވެ! އިމެއްވެސް ނުބާއްވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުކުރުމާ އަދި ތިމާ ޚަރަދުކުރަންޖެހޭ ކަންކަމަށް ޚަރަދުކުރުމަކީވެސް ޞަދަޤާތެވެ. ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ކުރާނަމަ އެމީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އެކި މީހުންނަށް އެކި ގޮތަށެވެ. އެއްބައަކަށް ތަނަވަސްކަންވެސް އިތުރުކޮށް ދެއްވަވަތެވެ.

އެހެން އެކަން ނުވާންވީ ކީއްވެގެންހެއްޔެވެ؟ ކޮންމެ ހެޔޮކަމަކަށް މަދުވެގެން 10 ޘަވާބު ދެއްވަވަތެވެ. ވީމާ 1 ރިޔާލަ ހޭދަކޮށްފިނަމަ ޔަޤީނުންވެސް 10 ހެޔޮކަމަށް ބަދަލުކުރައްވަވާނެތެވެ. މާނައަކީ 10 ޘަވާބު ދެއްވަވާނެތެވެ. އެއިރުން 1 ރިޔާލަ 10 ރިޔާލައަށް ބަދަލުވީކަމަށް އުންމީދުކުރަމާ ހިނގާށެވެ. ވީމާ ހޭދަކުރުން ގިނަކުރިވަރަކަށް ޘަވާބު އިތުރުވެގެންދާނެ މީންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!

އަނބިދަރިންވިޔަސް މައިންބަފައިންނަސް، ޢާއިލާގެ އެހެންމީހަކުވިޔަސް ދަތިޙާލެއްގައި އުޅެން ނުޖައްސުވާށެވެ. ތަނަވަސްކަންހުރި މިންވަރަކުން އެމީހަކަށްޓަކައި ދީލަތިވެލާށެވެ! ތިމާއަށްޓަކައި ﷲ ތަޢާލާ ދީލަތިވެވޮޑިގަންނަވާނެމިންވަރު ހިތަށްވެސް ނުގެނެވޭނެއެވެ. އަހުރެމެންނަށް މިއެނގެނީ އެންމެ ކަމެކެވެ. އެއީ ހެޔޮކަމެއް ކޮށްފިނަމަ 10 ޘަވާބު ދެއްވަވާނެތެވެ. ﷲ ތަޢާލާއީ އެޢަދަދު 700 ގުނައަށް ނުވަތަ އިމެއްނެތިވެސް އިތުރުކޮށް ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ގެދޮރު ވިއްކައިގެން ނަމަވެސް ދައްތަގެ ފުރާނަ ސަލާމަތްކުރަން ހޭދަކުރި މީހަކަށް ކުރު މުއްދަތެއްގަ މާލެއިން 2 ގޯތި ގަނެވުނު ގޮތުގެ ވާހަކަ-

"އަޅުގަނޑުމެންގެ ދޮށީ ބޭބެއަކީ ތަނަވަސްކަންހުރި މީހެކެވެ. ނަމަވެސް ޢާއިލާގެ މީހަކު ކަމަކު ދިއަ ނަމަވެސް އޮންނަނީ ފަސްޖެހިފައެވެ. އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑުމެންނަށް އެހީނުވާތީއެއް ނޫނެވެ. ޞަދަޤާތްކޮށްފިނަމަ ފަޤީރުވެދާނެކަމަށް އޭނާ އެގަންނަ ބިރުގެ ސަބަބުން އޭނާއަށް ނަރަކައަށް ވަންނަން ޖެހިދާނެތީއެވެ. މިޙާލަތުގައި ބޭބެއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟"

ކިޔުންތެރިޔާގެ ތިއަ ސުވާލުގެ ޖަވާބުގައި ބުނަނައޮތީ ބޭބެއަށް ވިސްނައިދޭން މަސައްކަތްކުރުމަށެވެ. އެބާވަތުގެ ވިސްނުން ހުންނަ މީޙުންގެ ގާތުގައި ޤިޔާމަތްދުވަހު ދެއްވަވާނެ ޘަވާބުގެ ވާހަކަ ދެއްކުމަށްވުރެ ފައިދާކުރާނީ ދުނިޔޭގައި މަންފާ ލިބޭކަމުގެ ވާހަކަދެއްކުމުންނެވެ.

އެހެންވީމާ ފުރަތަމަމަ ކަމަކަށް ބޭބެއަށާ އަދި އެފަދަ "ދަހި" މީހުންނަށް މިވާހަކަ ޙިއްޞާކޮށްލައްވާށެވެ! އެއްވެސް ކިޔުންތެރިއެއްގެ އެފަދަ މީހަކު ހުރިނަމަ ޙިއްޞާކޮށްލައްވާށެވެ. އެކަމުން އެމީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ

އަހަރެންނަކީ މާތް ﷲ އަހަރެންގެ ފެންވަރުން ތަނަވަސްކަން ދެއްވަވާފައިވާ މީހަކީމެވެ. އެކަމަށްޓަކައި އަބަދުވެސް މާތް ﷲ އަށް ޙަމްދުކުރަމެވެ. މާތް ﷲ ދެއްވެވި ނިޢްމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަމެވެ.

މީގެ ހައަކަ އަހަރުކުރިން އަހަރެންގެ ދައްތައަކަށް ވަރަށް ބޮޑު މުޞީބާތެއް ކުރިމަތިވިއެވެ. ވަރަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވިއެވެ. އެކަމުން ދައްތަ ސަލާމަތްކުރެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރީމެވެ. އަތްމަތި އެކުގައި ހުސްވި ނަމަވެސް ހެޔޮކަމަށް ޤަބޫލުކޮށްގެން އެކަމަށް ކުރިމަތިލައި މަސައްކަތްފެށީމެވެ. ބަލީގެ ބޮޑުކަމުން އެކަން ކުރިއަށް ގެންދިއައީ ވިޔަފާރި ހުސްވެއްޖެ ޙާލަތެއްގައި އަމިއްލަ ގެދޮރު ވިއްކަން ޖެހުނު ނަމަވެސް އެކަން ކުރަންވެސް ތައްޔާރުވެގެން ހުރެއެވެ. އެނިންމުން ކުރިއާލައި ނިންމައިގެންނެވެ.

އިންސާނުންނަށް ކުރެވޭނީ މަސައްކަތެވެ! އަތުގައި ހުރިނަމަ ކުރެވޭނީ ހޭދައެވެ! އެކަން އަހަރެން ކުރީމެވެ! ރާއްޖެއިން ބޭރުގައި ބާއްވައިގެން އަހަރެއްހައި ދުވަހު ކުރިމަސައްކަތުން ބަލި ރަނގަޅުވި އިރު އަހަރެންގެ އަތުން ވަނީ އެތައް މިލިއަނުން ރުފިޔާ ހޭދަވެފައެވެ. އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ. ހަމައެކަނި ހިތާމައަކީ ނުކުޅެދޭ މީހެއްގެ ގޮތުގައި ދައްތައަށް އޮންނަން ޖެހިފައިވާ ކަމެވެ. އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ނަމަވެސް ރާއްޖެ ގެނެސް މިގެންދަނީ އަމިއްލަ ދަރިއެއް ފަދައިން ބަލަހައްޓަމުންނެވެ.

މިވާހަކަ މިކިޔައިދެނީ އެންމެ ބޭނުމަކުއެވެ. މާތް ﷲ ގެ މަގުގައި ހޭދަކުރުމުން އުނިނުވާކަމާއި ނިޢްމަތް އިތުރުކޮށްދެއްވަވާކަން ބުނެދީ އެކަމަށް އެހެން މީހުންނަށް ހިތްވަރު ދިނުމަށެވެ. އެހުރިހާ ޚަރަދުތަކެއް ކުރުމުންވެސް އެންމެ ރުފިޔާއެއްވެސް އަތުން އުނިވިކަމެއް ނުފެނެއެވެ. ގެދޮރު ވިއްކަން ޖެހުނު ނަމަވެސް އެންމެ ރަނގަޅުކަމަށް ޤަބޫލުކޮށްގެން ކަންކަން ކުރުމުން އެއިގެ ފަހުން މިހާރު ވަނީ މާލެއިން އިތުރު 2 ގޯތިވެސް ގަނެވިފައެވެ!

މިމަޢުލޫމާތުކޮޅު މިއަދުނޫހާއި ޙިއްޞާ މިކުރީ މިފަދަ ބައެއް ލިޔުންތައް މިއަދުނޫހުން ފެންނާތީ މާތް ﷲ ގެ ރަޙްމަތަށް އެދިގެން ހޭދަކުރުމުން ނިޢްމަތް އިތުރުކޮށްދެއްވަވާކަމުގެ ޔަޤީންކަން އަމިއްލަ ތަޖުރިބާއިން މީސްތަކުންނަށް އަންގައިދިނުމަށެވެ. އެކަމަށް ހިތްވަރު ދިނުމަށެވެ!

(މިއީ މިއަދުނޫހުގެ އަހުލުވެރިއަކު ހިއްޞާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް