އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު
ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރީގައި އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓެއް ވެއްޓި، ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ އިއްޔެ ރޭއެވެ.
ކަޒަކިސްތާނުގެ ކުއްލި ޙާލަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަތިންދާބޯޓު ބިމާ ޖެހުމާއެކު އަލިފާން ރޯވެފައިވެއެވެ. ނަމަވެސް، ކުއްލި ޙާލަތުގައި މަސައްކަތްކުރާ ޓީމުތަކުން އެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
އަޒަރުބައިޖާން އެއާލައިންސްގެ އެމްބްރެއަރ 190 މަރުކާގެ މި މަތިންދާބޯޓުގައި ދަތުރުކުރަމުން ދިޔައީ 67 ފަސިންޖަރުންނާއި 5 ފަޅުވެރިންނެވެ. މި ހާދިސާގައި 12 މީހުން ސަލާމަތްވެފައިވާ ކަމަށާއި، އެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުންނެވެ. މަތިންދާބޯޓުގައި ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ރަޝިޔާ، އަޒަރުބައިޖާން، ކަޒަކިސްތާން އަދި ކިރްގިސްތާނުގެ ރައްޔިތުން ހިމެނެއެވެ.
މި މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއިން ރަޝިޔާގެ ގްރޮޒްނީއަށެވެ. ނަމަވެސް، ގްރޮޒްނީގައި ދުންފުނީގެ އަސަރު ގަދަވުމާ ގުޅިގެން، މަތިންދާބޯޓު ވަނީ ކަޒަކިސްތާނުގެ އަކްތައު ވައިގެ ބަނދަރަށް ޖެއްސުމަށް މަސައްކަތްކޮށްފައެވެ.
Advertisement
25 ޑިސެމްބަރ 2024