އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭސްކެއުމުން ފަރުވާ ލިބުނަސް އެކަމުގެ ތަޢްރީފް ބޭހަށް ނުވަތަ ބޭސްލިޔެދިން ޑޮކްޓަރަށް ކުރުމަކީ ކުރެވޭ ކުށެއް!

ބޭސްކެއުމުން ފަރުވާ ލިބުނަސް އެކަމުގެ ތަޢްރީފް ބޭހަށް ނުވަތަ ބޭސްލިޔެދިން ޑޮކްޓަރަށް ކުރުމަކީ ކުރެވޭ ކުށެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ކޮންމެ ކަމެއްގައިވެސް ވިސްނަންޖެހޭނެ ކަންތައްތަކެއް ހުރެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަމަކީ ތިމާއަށް ﷲ ތަޢާލާ ރަޙްމަތެވެ. ތިމާއަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ނުވާނަމަ ތިމާއަށް ލިބޭނެ އެއްވެސް މޮޅެއް ނެތެވެ. ވީމާ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވާންވާނެއެވެ.

އެގޮތުން ބަލާއިރު ބައްޔަކުން ޝިފާލިބުމަކީ ﷲ ތަޢާލާ ލައްވަވާ އެންމެ ބޮޑު ރަޙްމަތެވެ. އެކަން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެހެންވެ ރަނގަޅު ޑޮކްޓަރުން ބޭސްލިޔެދީފައި "މާތް ﷲ ތިބާއަށް ޝިފާ ދެއްވަވާށި!" މިފަދައިން ބުނެލާނެއެވެ.

އެއްވެސް ބޭހަކީ ޝިފާއެއް ނޫނެވެ. ބޭހަކީ ކޮންމެ ކަމަކަށްވެސް ސަބަބެއް މިންވަރުކުރައްވަވާފަދައިން ޝިފާލިބުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ ސަބަބެކެވެ. ބޭހަކީ ޝިފާއެއް ނަމަ ނުވަތަ ބޭސްކެއުމަކީ ޝިފާ ލިބޭ ކަމެއް ނަމަ ބޭސްކާ އެންމެން ގަދަނުވަނީ ކީއްވެގެންހެއްޔެވެ؟

ހަމަޤައިމުވެސް ބޭސްކަނީ ކާކުކަމެއް ބޭހަކަށް ނުއެނގޭނެއެވެ. ވީމާ އެކިމީހުންނަށް ތަފާތު ކުރުމުގެ އެއްވެސް ބާރެއް އެއްވެސް ބޭހަކަށް ލިބިގެނެއް ނުވެއެވެ. ބޭސް މިލިޔެދެނީ ކާކަށްކަން އެނގޭނީ ޑޮކްޓަރަށެވެ. ބޭހަކަށް ނުއެނގޭނެއެވެ. މިބުނާ ވާހަކައަކީ ޑޮކްޓަރުން އެއްބަޔަކަށް އެތައް މީހަކަށް އެއް ބޭހެއް ލިޔެދޭއިރުވެސް އެބޭސް ކައިގެން އެއްބައަކު ގަދަވެފައި އަނެއް ބައަކަށް ޝިފާނުލިބޭ ވާހަކައެވެ. ކިތަންމެ މޮޅު ޑޮކްޓަރުން ދީގެން ކިތަންމެ އަގުބޮޑު ބޭހެއް ކެއިނަމަވެސް ޝިފާލިބޭނީ ﷲ ތަޢާލާ ޝިފާ ދެއްވެވި އަޅަކަށެވެ.

ހަމައެއާއިއެކު ބޭސް ކެއިނަމަވެސް ގަދަ ނުވާނެ ކަމަށް ޑޮކްޓަރުން ކަނޑައަޅާ މީހުންނަށް ޝިފާލިބި ބަލިފަސޭހަވެއެވެ. އެކަމުންވެސް ޔަޤީންވަނީ ޝިފާ ދެއްވެވުމުގެ ހުރިހާބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. ވީމާ ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް އެކަން ހަނަދާން ނައްތާލައިގެން ނުވާނެއެވެ.

އަދިހަމައެހެންމެ ޑޮކްޓަރުންގެ ފަރުވާއަށް ތަޢްރީފް ކުރުމުގައިވެސް ހަމަ މިވިސްނުން ގެންގުޅެންވާނެއެވެ. ލިޔެދިން ބޭހުން ޝިފާލިބެނީ ޑޮކްޓަރުންގެ ސަބަބަކުން ނޫނެވެ. ﷲ ތަޢާލާ ޝިފާ ދެއްވެވުމުންނެވެ.

ޝައިޚް ޢަލީ ޒައިދުވިދާޅުވެފައިވެއެވެ.:

ބަލިވެއުޅޭ، ނުވަތަ ބަލިވެ އުޅުނު މީހުންނާއި ޙާލުގެވާހަކައިން ސުވާލުކުރުމުން "ބޭސްކޭމަ މިހާރު ރަނގަޅު!" ކަމަށް ބުނުމަކީ އަޅުގަނޑުމެންގެ އާދައިގައި ހުރި ކަމެކެވެ. އެހެން އެބުނަނީ ރަނގަޅު ނިޔަތުގައިވެސް މެއެވެ. ނަމަވެސް އެގޮތަށް ބުނުމުން އެބުނެވެނީ ހަމަ ކުށްބަހެކެވެ.

ރަނގަޅު ގޮތަކީ "ބޭސްކެއުން ﷲ ވާގިފުޅާއިއެކު މިހާރު ރަނގަޅެވެ." "ބޭސްކެއުމުން މިހާރު ރަނގަޅު! އިން ޝާ ﷲ" ފަދަ ޢިބާރާތެކެވެ. އެހެނީ ޝިފާ ލިބެނީ ބޭނުންކުރާ ބޭހަކުން ނޫނެވެ. ބޭހަކީ ހަމައެކަނި ސަބަބެކެވެ. ޝިފާ ދެއްވެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ވީމާ މިއީ އިޞްލާޙްކުރުން ރަނގަޅު ބަސްތަކެވެ!"

--ޝައިޚް ޢަލީ ޒާހިރު

 

"ބަލިވެގެން ޑޮކްޓަރަށް ދައްކަން ދަމުންވެސް، ދައްކާއިރުވެސް ޑޮކްޓަރަށް ތިމާގެ ބަލި ދެނެގަތުމުގެ ކުޅަދާނަކަން ޑޮކްޓަރަށް ދެއްވަވައި ތިމާއަށް ޝިފާލިބޭނެ ފަރުވާއެއް ދިނުމުގެ ކުޅަދާނަކަން ޑޮކްޓަރަށް ދެއްވަވާނދޭވެ! މިފަދަ ދުޢާތައް ކުރަންވާނެއެވެ! ޝިފާ ލިބެނީ ޑޮކްޓަރުގެ މޮޅުކަމުން ނުވަތަ ޑޮކްޓަރު ދޭ ބޭހުގެ މޮޅުކަމަކުން ނޫނެވެ! ޝިފާލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ!" --މުފްތީ މެންކް

ޝިފާ ލިބެނީ ޑޮކްޓަރުންނާއި ބޭހުން ކަމަށްވާނަމަ އެއްވެސް ބައްޔަކަށް ޝިފާދިނުން ނުވަތަ އެއްވެސް ބައްޔަކުން އެއްވެސް މީހަކު ސަލާމަތްކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެންވާނަމަ ދުނިޔޭގެ އެންމެ ބޮޑެތިވެރިން، އެންމެ މުއްސަނދި ބިލިއަނަރުންނަށް އެމީހުންގެ އެންމެ ޒުވާން އުމުރުގައި ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން އެންމެ އަގުބޮޑު ބޭހާއި ފަރުވާދެމުންދަނިކޮށް އެޑޮކްޓަރުންގެ ކުރިމަތީގައި ދުނިޔެ ދޫކޮށް މަރުވަނީ ކީއްވެގެން ހެއްޔެވެ؟

"ރަޙްމަތް ލެއްވެވީ ﷲ ތައާލާކަން ދުލުން ނުބުނި ނަމަވެސް ހިތުގައި އޮވެއެވެ." މިފަދައިން ބުނާ މީޙުން ވަރަށް ގިނައެއްވެ. ނަމަވެސް މިއީ ވެސް ބުނެގެންވާނެ ބަހެއް ނޫނެވެ. ނޫނެވެ. އަދި ޤަބޫލުކުރެވޭނެ ވާހަކައެއްވެސް ނޫނެވެ. ހިތުގައި އޮންނަނަމަ ދުލުން ނުބުނެވެންވީ ކީއްވެގެންހެއްޔެވެ؟ އަހަރެމެންނަށް އޮތީ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. ޝުކުރުވެރިވުމެވެ. އެކަން ދުލުން ހާމަކުރަންޖެހޭނެއެވެ."

މިއީ ވެސް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް