އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފަށަނީ

ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ސިފައިންނާއި ފުލުހުންގެ އަދަދު އިތުރުކުރުމަށް، ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށް ނިންމާފައިވާކަން "ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. މި ޕްރޮގްރާމަކީ ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށާއި އަސްކަރީ އަދި ދިފާޢީ ބާރު އިތުރުކޮށް ވަރުގަދަކުރުމުގެ މަޤްޞަދުގައި ފަށާ ޕްރޮގްރާމެކެވެ.

ކޮންމެ އަހަރަކު ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން ވަޒީފާއެއް ނުލިބި ނުވަތަ މަތީ ތަޢުލީމުގެ ފުރުޞަތު ނުލިބި ތިބޭ 2000 އަށްވުރެ ގިނަ ދަރިވަރުންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ހިންގުމަށް ވަނީ ރޭވިފައެވެ. މިކަމަށްޓަކައި ރައީސް އޮފީހުގައި ވަކި ސެކްޝަނެއް ޤާއިމްކޮށް، އެ ސެކްޝަނަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

"އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބި، މިލިޓަރީ ތަމްރީން ދެވި، ރަނގަޅު ބަޔަކަށް ހެދި ވަޒީފާ ލިބޭ ބަޔަކަށް ހެދިއްޖެނަމަ އެއީ އެކުދިންނަށްވެސް އާއިލާތަކަށްވެސް ޤައުމަށްވެސް ސިފައިންގެ ހިދުމަތަށްވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި ރައީސް އޮފީހުގެ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދުމަށް މިހާރު ވަނީ އިޢުލާންކުރެވިފައެވެ. މި މަޤާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ޕްރޮގްރާމްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި ކަމާގުޅޭ މުއައްސަސާތަކާއެކު ވިލަރެސްކުރުން ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު