އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތެލަސީމިއާ ހުންނަ މީހުންނަށް ކަޅުސަޔާއި ކޮފީއަކީ ރަނގަޅު އެއްޗެއްތަ؟

ތެލަސީމިއާ ހުންނަ މީހުންނަށް ކަޅުސަޔާއި ކޮފީއަކީ ރަނގަޅު އެއްޗެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ލޭއަޅާބަލި ނުވަތަ ތެލަސީމިއާއާއެކު އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ބޭސްފަރުވާއާއި ގަވައިދުން ޗެކަޕްތައްހެދުމުގެ އިތުރުން ދިރިއުޅުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ވަރަށް މުހިންމުކަމެވެ. އެގޮތުން މިބަލައިލަނީ ތެލަސީމިއާ ޕޭޝަންޓުން ކެއިންބުއިމުގައި ގެންގުޅެވިދާނެ އާދަތަކަށެވެ. 

ތަކުރާރުކޮށް ލޭއަޅަން ޖެހުމުގެ ސަބަބުން ތެލަސީމިއާ ޕޭޝަންޓުންގައިގައި އަޔަން އޯވަލޯޑްވައެވެ. ހަށިގަނޑުގައި ދަގަނޑުގެ މިންވަރު އިތުރުވެގެންދެއެވެ. މީގެ ސަބަބުން ހިތާއި ފުރަމޭފަދަ މުހިންމު ގުނަވަންތަކަށް އޭގެ ސަބަބުން ގެއްލުން ލިބެއެވެ. އެހެންކަމުން އެންމެ މުހިންމު އެއްކަމަކީ ދަގަނޑުގެބައި ގިނައިން ހުންނަ ކާތަކެތި މަދުކޮށްލުމެވެ. ބައެއްކަހަލަ ގޮދަނުގެ ބާވަތްތަކަކީ ދަގަނޑުގެބައި އިތުރަށް އަޅައި ފޯޓިފައިކޮށްފައި ހުންނަ ބާވަތްތަކެވެ. މިހެންކަމުން އިތުރަށް ދަނޑުގެބައި އަޅާފައި ހުންނަ ކާތަކެތި ކެއުމުން ދުރުވުން ރަނގަޅެވެ. 

ނަމަވެސް އެންމެ މުހިންމު އެއްކަމަކީ އަބަދުވެސް މިންހެޔޮ ކެއުމެއް ކެއުމަށް އާދަކުރުމެވެ.

ވިޓަމިން ސީ އަކީ ދަގަނޑުގެބައި ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އެހެންކަމުން ދަގަނޑުގެ ބައި ގިނައިން ހުންނަ ބާވަތްތަށް ކާގަޑީގައި ބޭނުންކުރާ އިރު, ވިޓަމިން ސީ އެކުލެވޭ ކާތަކެއްޗާއި ބުއިން ބޭނުން ނުކޮށް ކޮންމެވެސް އެހެންގަޑިއެއްގައި މިވިޓަމިން ހުންނަ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ. 

ކަޅުސައި އަދި ކޮފީފަދަ ބުއިންތަކުގައި ޓެނިން ކިޔާ މާއްދާއެއް ހުރެއެވެ. އޭގެ ސަބަބުން ދަގަނޑުގެބައި ހަށިގަނޑަށް ނެގުން ހުރަސް އަޅައެވެ. އެހެންކަމުން ކާގަޑިތަކުގައި ކަޅުސައި ނުވަތަ ކޮފީ ބޭނުން ކުރެވިދާނެއެވެ.  މިސާލަކަށް މުގުރިހަ އާއި ބަތް ކާގަޑީގައި އޮރެންޖު ޖޫސްތައްޓެއްގެ ބަދަލުގައި ކަޅުސައިތައްޓެއް ބުއިމުން ހަށިގަނޑަށް ދަގަނޑު ނަގާ މިންވަރު މަދުކޮށްދޭނެވެ. 

މީގެ އިތުރުން ކިރުގެ ބޭނުން ކުރުމުގެ ސަބަބުންވެސް ދަގަނޑުގެބައި މަދުކުރުމަށް އެހީތެރިވެދެއެވެ. ރަތްކޮށް ހުންނަ އެއްގަމަހާއި  މޭ އަދި ފެހިކަންގަދަ ފަތް އަދި ތަރުކާރީގެ ބާވާތް ކެއުމަށްފަހު ނިންމާލުމުގެ ގޮތުން ކިރާ ކިރުން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުން ކުރުމުން ހަށިގަނޑަށް ކެލްޝިއަމް ލިބުމުގެ އިތުރުން ދަގަނޑުގެބައިވެސް މަދުކޮށްދޭނެއެވެ.

ބައްޔަކާއެކު ދިރިއުޅޭ މީހުން ދިރިއުޅުމުގެ ވައްޓަފާޅިއަށް މިފަދަ ބަދަލުތައް ގެނައުމުގެ ކުރިން ޑޮކްޓަރެއްގެ އިރްޝާދު ހޯދުން މުހިންމެވެ. އެހެނީ އިތުރު ސިއްހީ މައްސަލަތައް ހުރެއްޖެނަމަ އިތުރު ބަދަލުތަކެއްވެސް ގެންނަން ޖެހިދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް