އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
އިސްލާމް ދީނުގެ މަތީގައި ދެމިތިބުމަށް ދިވެހި ޤައުމުގެ ރަސްރަސްކަލުންނާއި ރައްޔިތުން ވަރުގަދަ މަސައްކަތްތަކެއް ކުރެއްވިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެ ސަލާމަތްކަންމަތީ އޮތީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ކަމަށާއި، އިސްލާމްދީނުގެ މަތީގައި ދެމިތިބުމަށް ޤައުމުގެ ރަސްރަސްކަލުންނާއި ރައްޔިތުން ވަރުގަދަ ޖިހާދެއް ކުރެއްވިކަމަށެވެ. ވަޒީރު ވިދާޅުވީ، އެ ބޭފުޅުން ކުރެއްވި މަތިވެރި ޖިހާދަކީ ދިވެހި ތާރީހުގައި ރަންއަކުރުން ލިޔެވިގެންދާނެ ވާހަކަތަކެއްކަމަށާއި ކުރިއަށް އޮތް ޖީލުތަކަށް ދިވެހިވަންތަ ސިފަތަކާއެކު ފޯރުކޮށްދިނުމަކީ މިިއަދުގެ ވެރިންނާއި ރައްޔިތުންގެ މައްޗަށް އޮތް ބޮޑު ޒިންމާއެއްކަމަށެވެ.
މީގެ އިތުރުން، މިއަދު އިސްލާމީ ޤައުމުތަކާ ކުރިމަތިވަމުން އަންނަ ހަނގުރާމަތަކަކީ ހަމައެކަނި އަސްކަރީ ވަޞީލަތްތަކުން ކުރެވޭ ހަނގުރާމަތަކެއް ނޫންކަމަށާއި މިއަދު ކުރަމުން ދަނީ ފިކުރީ ހަނގުރާމައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެން ކަމުން ބަވަނަވެފައިވާ ދުނިޔޭގައި ވިސްނުންތެރިކަމާއެކު އަމިއްލަ ވަންތަކަމުގެ ސިފަތައް ޤައުމުގައި ދެމެހެއްޓުމަށް އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކުރެވިފައިވާ ވަރުގަދަ ޖިހާދުތަކުގެ ވާހަކަ އެއް ޖީލުން އަނެއް ޖީލަށް ކިޔައިދިނުމަކީ މުހިއްމުކަމެއްކަމަށާއި، އަދުގެ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަންކަމަށް ނުހަނު އަހައްމިއްޔަތުކަމެއް ދެއްވާކަމަށާއި ޤައުމީ ބަހާތަކާއި ޤައުމިއްޔަތު ފެތުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ދިވެހިން ބަލައިގެންފައިވާކަމަށެވެ.
Advertisement
3 ފެބްރުއަރީ 2025