އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު
އަޅުގަނޑުގެ އަވަށްޓެރިއެއްގެ 2 އަންހެންދަރިން އެބަތިއްބެވެ. 14 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ. ތިބޭ ގޮތުން ފެންނާނީ ޢުމުރަށްވުރެ މާދޮށިކޮށެވެ. ޞިއްޙަތުވެސް ރަނގަޅުވީމައެވެ. ކޮންމެ ރެއަކުހެން އެކުދިން ކޮންމެވެސް ފިރިހެނެއްގެ ސައިކަލް ފަހަތުގައި ބޭރަށް ދެއެވެ. އެނބުރި ގެއަށް އަންނަތަން ފެންނަނީ 2، 3 ގަޑިއިރު ފަހުންނެވެ.
އެއީ 18 އަހަރު ނުފުރޭ ކުޑަކުދިން ކަމަށްވުމުން އެކުދިންނާއިމެދު ބަހެއް ބުނާކަށް ނެތީމެވެ. އަޅުގަނޑުގެ ސުވާލަކީ އެކުދިންގެ މައިންބަފައިން އެކުދިންނާއި އަޅާނުލައި މިނިވަންކަމާއިއެކު ދޫކޮށްލުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
މިސުވާލު އަޅުގަނޑު މިކުރަނީ އެކުދިން ބޭރަށް ގޮސް ނުބައިކަމެއް ކުރާކަމަށް ބުނާކަށް ނޫނެވެ. ހަމަޔަޤީނުންވެސް ހިލޭ ފިރިހެނުންނާއިއެކު އެގޮތަށް މިނިވަންކަމާއިއެކު ބޭރުގައި އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. އިބިލީހުގެ ވަސްވާސްތަކުގައި ޖެހެވުމުގެ ފުރުޞަތު ބޮޑުކަމުން މައެއްގެ ޙައިޞިއްޔަތުން ކަންބޮޑުވާތީއެވެ. އަޅުގަނޑު އެދެނީ މިކަމުގައި އިހުމާލްވާ މައިންބަފައިންގެ ހޭލުންތެރިކަން އިތުރުކުރެވޭނެ ލިޔުމެކެވެ.
ޖަވާބުގައި ބުނަންޖެހެނީ ދަރިންގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ ބެލެނިވެރިންވެސް ވަރަށް ގިނައެވެ. ތިއަ ވިދާޅުވާ ފަދައިން އިހްމާލްވާ ބެލެނިވެރިންވެސް ތިބެއެވެ. އެހެންވެ މަޢުލޫމާތު ލިބުމުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ބެލެނިވެރިންނަށް ނަޞޭޙަތްތެރިވާކަމަށާއި ކުދިންނަށް ކައުންސިލިންގ ދޭކަމަށްވެސް ބުނެއެވެ.
ތިރީގައި އެވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބިލާލް އައްސަދު ވިދާޅުވެފައިވާ ބަސްފުޅެވެ. ވީމާ ތިއަ ކުރެއްވި ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދު ކުރަމެވެ.
ބައެއް ޤައުމުތަކުގައި އެ ޤައުމުގެ ޤާނޫނުގައި ބުނާ ޢުމުރު ހަމަނުވަނީސް ކައިވެނިކުރުމުގެ ހުއްދައެއް ނުދެއެވެ. އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެއީ އެ ޤައުމެއްގެ ޤާނޫނުގައި އޮތްގޮތް ވީމައެވެ. ނަމަވެސް އަހަރެން ސުވާލެއް ކުރަން ބޭނުންވެއެވެ. އެސުވާލު މިކުރަނީ އެ ޤައުމުތަކުގެ ހޮސްޕިޓަލުތަކަށް ގޮސް ސުވާލުކުރުމުން ލިބުނު ޖަވާބުންނެވެ.
ހޮސްޕިޓަލްތަކުން ބުނީ 15، 16 އަހަރުގެ އަންހެންކުދިން ހޮސްޕިޓަލްތަކަށް ގޮސް ދަރިވައްޓާ (އެބޯޝަންހަދާ) ކަމަށެވެ. އެހެންކަމަށްވާއިރު ދަރިވައްޓަން އެޖެހެނީ ބަލިވެ އިނުމުން ނޫންހެއްޔެވެ؟ ބަލިވެ އިންނަނީ ޖިންސީގުޅުން ހިންގުމުން ނޫން ހެއްޔެވެ؟ އެހައި ކުޑަކުދިންނަށް ޖިންސީ ގުޅުން އެހިންގެނީ މައިންބަފައިންނަށް ދަރިން ނުބެލެހެއްޓޭތީ ނުވަތަ އެކަންކުރަން ދޫކޮށްލެވޭތީ ނޫންހެއްޔެވެ؟
އަހަރެން ފާހަގަކުރަން ބޭނުންވަނީ ދަރިން ބޮޑެތިވެއްޖެކަމަށް ބަލައި 14، 15 އަހަރުގެ ކުދިން ދޫކޮށްލެވޭ މައްސަލައެވެ. އެކުދިންނަކީ މައިންބަފައިންގެ ބެލުމުގެދަށުގައި ތިބެންޖެހޭ ބައެކެވެ. އެކުދިންގެ ޢަމަލުތަކަށް ޒިންމާވާން މައިންބަފައިންނަށް ޖެހޭނެއެވެ. އެކަން ނުކުރާނަމަ މައިންބަފައިންނަށް އަދަބުދޭންވެސް ޖެހޭނެއެވެ. ހަމަ ޔަޤީނުންވެސް އެކަން ނުކުރާނަމަ ﷲ ގެ ޙަޟްރަތުގައި ބެލެނިވެރިން ކުށްވެރިވެ ފާފަވެރިވާނެއެވެ.
ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތައް ހަދާނީ އެބައަކަށް ބޭނުންވާ ގޮތަކަށެވެ. ވީމާ އެއްވެސް ޤައުމެއްގެ ޤާނޫނުގައި މައްސަލައެއް އޮތްނަމަ އެކަމެއް ރަނގަޅުކުރުމަކީ އެޤައުމެއްގެ ރައްޔިތުންގެ ކަމެކެވެ. ވީމާ އެކަމަށް ފާޑުކިޔާކަށް ނެތީމެވެ. ފާހަގަކުރަން ބޭނުންވަނީ ކުޑަކުއްޖެއްގެ ޢުމުރުކަމަށް އެ ޤައުމެއްގެ ޤާނޫނުގައި ބުނާ ޢުމުރުގައި ކުދިންގެ ކަރާމާތް ދަމަހައްޓަން ޖެހޭނެކަމެވެ. އެކަމުގައި އަދާކުރަންޖެހޭ ދައުރު މައިންބަފައިންވެސް ޤާނޫނުގެ ބެލެނިވެރިފަރާތުން އަދާކުރަންޖެހޭނެ ކަމެވެ.
ކުޑަކުއްޖަކަށްވީތީ ވަކި ޢުމުރެއްވަންދެން ކައިވެނި ނުކުރެވިފައި ހަމަ އެޢުމުރުގައި އެކުދިންނަށް ކައިވެނިކޮށްގެން ކުރުން ހުއްދަ ކަންކަން ކުރެވޭނަމަ ޤާނޫނުގައި އެބުނާ އެއްޗެއް ދެކޮޅެއް ނުޖެހޭނެއެވެ. އަދި ކީއްހެއްޔެވެ؟ މިއީ މުސްލިމުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ކައިވެނިކުރާ ޢުމުރަށް އެޅޭއިރު ޒިނޭކުރަން ބިރުކެނޑިފައި ހުރެއްޖެނަމަ ދެން ކަންތައްތައްވާނެ ގޮތަކާއިމެދު ވިސްނަން ޖެހޭނެއެވެ.
ވިސްނާށެވެ! ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އޭނާގެ ޢިއްފަތްތެރިކަން ރައްކައުތެރިކުރަން އެހީތެރިވެދީ، ޢިއްފަތްތެރިކަމާއިއެކު ފިރިއަކާއި ޙަވާލުކުރެވުމެވެ. އެކަން އެގޮތަށް ކުރެވިއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ވަރަށް މަތިވެރި ނިޢްމަތެއް ލިބިގެންދެއެވެ. އެއީ އެބެލެނިވެރިއަކާއި ނަރަކައާއި ދެމެދުގައިލެވޭ ފާރަކަށް ނުވަތަ ހުރަހަކަށް އެކްނަވެގެންދިއުމެވެ. ވީމާ އަހުރެން ހުރިހާ ބެލެނިވެރިންނަށްވެސް އިލްތިމާސްމިކުރަނީ އެމަތިވެރި ނިޢްމަތް ލިބިގަތުމަށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
5 ފެބްރުއަރީ 2025