އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ތައިލޭންޑާއި މެލޭޝިއާއަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ދެ ގައުމުގައި އެ ކުންފުނީގެ އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވިއަނުން މިހާރު އެޖެންޓުން ހޯދަން އިއުލާންކޮށްފައިވަނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކާއި، މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރަށެވެ. މި ފުރުސަތު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.
މިއީ މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ. މިގޮތުން މިދިޔަ މަހުގެ 6 ވަނަ ދުވަހު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް މޯލްޑިވިއަންގެ ޚިދުމަތަށް ގެނެސްފައިވެއެވެ. އަދި މިހާރު ވަނީ ޗައިނާގެ ތިން ސިޓީއެއް ކަމުގައިވާ ޗެންޑޫ، ބެއިޖިންގ އަދި ޝަންހާއީއަށް ދަތުރުތައް ފަށާފައެވެ.
މޯލްޑިވިއަނުން ފަށާފައިވާ މި އައު ދަތުރުތަކަށް ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ބެލެވެއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުއްދުމުގެ ގޮތުން ކުރެވުނު ކަމެކެވެ. މިއާއެކު، މޯލްޑިވިއަންގެ ވިއުގަ އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
5 ފެބްރުއަރީ 2025