އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުއްމީދީ މަޝްރޫޢު، ރަސްމާލެ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ބައެއް ސަރަޙައްދުތަކުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
މިކަމާގުޅިގެން ދައުލަތުގެމީޑީއާއަށް މައުލޫމާތުދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ މިވަގުތު "އޭރިއާ ޑީ، އެފް، ޖީ އަދި އެލް" ގެ މަސައްކަތް ކުރިއަށްދާއިރު، މި ސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ 9 އިންސައްތަ ވަނީ ނިމިފައެވެ. އަދި "އޭރިއާ އޭ، ބީ، އެޗް، އައި އަދި ކޭ" ގައި ހިމެނޭ 5 ސަރަޙައްދު ހިއްކުމުގެ ކުރިން އެތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
12 ސަރަޙައްދަކަށް ބަހާލައިގެން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް "އޭރިއާ ޖޭ" ގައި ހިމެނޭ 29 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ހިއްކާ ނިމިފައެވެ. މި މަޝްރޫޢުގެ އެހެން ސަރަޙައްދުތަކުގެ މަސައްކަތްވެސް ދަނީ ރޭވިފައިވާ ގޮތުގެ މަތިން ކުރިއަށެވެ.
Advertisement
5 ފެބްރުއަރީ 2025